ނިއުކާސްލް ބަލިކޮށް، ބްރެންޓްފަޑް ހަވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފަޑުން ނިއުކާސްލް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-2 އިންނެވެ.

މެޗުގެ އަށްވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ބްރެންޓްފަޑުން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބެއުމޯއެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ނުވަވަނަ ލަނޑެވެ. ނަމަވެސް، އެ ޓީމަށް މި ލީޑު ދެމެހެއްޓޭވަރުވީ ތިން މިނެޓް ވަންދެނެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ނިއުކާސްލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އެލެކްސެންޑާ އިސާކެވެ. މިއީ މި ސީޒަންގައި ލީގުގައި އިސާކް ކާމިޔާބުކުރި ހަވަނަ ލަނޑެވެ. މެޗުގައި ބްރެންޓްފަޑްގެ ދެވަނަ ލަނޑު، 28 ވަނަ މިނެޓުގައި ކާމިޔާބުކޮށް އެ ޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ޔޮއާން ވީސާއެވެ. މި ފަހަރު ވެސް ބްރެންޓްފަޑަށް މާ ގިނައިރު މި ލީޑު ދެމެހެއްޓޭގޮތެއް ނުވިއެވެ.

ނިއުކާސްލުން ވަނީ މެޗުގެ 32 ވަނަ މިނެޓުގައި ހާވީ ބާންސް ކާމިޔާބުކޮށްދިން ލަނޑުން ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފައެވެ.

ދެވަނަ ހާފުގައި ބްރެންޓްފަދް ފެނިގެންދިޔައީ ފުރަތަމަ ހާފާ ހިލާފަށް ލިބޭ ފުރުސަތުތަކުގެ ބޭނުންހިފުމުގެ އިތުރުން ޑިފެންސް ވަރުގަދަކޮށެވެ. މިގޮތުން، 56 ވަނަ މިނެޓުގައި ނޭތަން ކޮލިންސް ކާމިޔާބުކޮށްދިން ލަނޑާ އެކު ތިންވަނަ ފަހަރަށް ބްރެންޓްފަޑުން ލީޑު ނެގިއެވެ. މި ލީޑު ދިފާއުކުރުމުގެ އިތުރުން މެޗުގެ 90 ވަނަ މިނެޓުގައި ކެވިން ޝޭޑްވަނީ ބްރެންޓްފަޑްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މި ޔާމިޔާބީއާ އެކު ބްރެންޓްފަޑް މިހާރު އޮތީ ކުޅުނު 15 މެޗުން ލިބިފައިވާ 23 ޕޮއިންޓާ އެކު ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. މެޗުގައި ފެނިގެންދިޔަ ހަ ލަނޑާ އެކު ބްރެންޓްފަޑްގެ ދަނޑުގައި މި ސީޒަންގައި ޖެހި ލަނޑުގެ އަދަދު މިވަނީ 40 އަށް އަރާފައެވެ. މިއީ އެހެން އެއްވެސް ދަނޑެއްގައި މި ސީޒަންގައި ލަނޑު ޖެހިފައިވާ އަދަދެއް ނޫނެވެ.

މެޗުން ބަލިވުމުން ނިއުކާސްލް އޮތީ 20 ޕޮއިންޓާ އެކު 13 ވަނައިގައެވެ.

މުބާރާތުގައި އެސްޓަން ވިލާއާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ވިލާއެވެ. މެޗުގައި ވިލާގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯން ޑުރާނެވެ. މި ކާމިޔާބީއާ އެކު ވިލާ މިހާރު އޮތީ ފަސްވަނައިގައެވެ.

comment ކޮމެންޓް