މީގެ ކުރިން ދުނިޔޭގެ އެއްވެސް ސަރަހައްދަކުން ފެނިފައިނުވާކަމަށް ރެކޯޑުކުރެވިފައިވާ އާ ބާވަތެއްގެ މަހެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެއެވެ.
މެރިން ޖާނަލް މޯލްޑިވްސްއިން ބުނީ ރާއްޖޭގެ އަށް ސަރަހައްދަކުން އެ މަސް ފެނުނު ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
އެއީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ސަރަހައްދު ހިމެނޭ ހެން 180 ކިލޯމީޓަރުގެ ސަރަހައްދަކުން ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ. އެހެންކަމުން މި މަސް ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފެންނާނެކަމަށް ބެލެވޭ ކަމަށް އެ ޖާނަލްއިން ބުންޏެވެ.
މި އާ ބާވަތުގެ މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ކްރޯމިސް އަބަދަށް" އެވެ.
މި މަހާ ގުޅޭ އިތުރު ދިރާސާތައް ކުރުމަށް އިތުރު ހަތަރު މަސް ދަލެއް ބޭނުންކޮށްގެން ހިފިކަމަށް ވެސް އިންސްޓިޓިއުޓުން ބުންޏެވެ.
މި މަހަކީ 6.9 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ. މި މަހުގެ އާއިލާގެ އެހެން ގިނަ ބާވަތްތަކުގެ މަސް ރާއްޖޭގެ ކަނޑުން ފެނެއެެވެ. މެރިން ޖާނަލްއިން ބުނީ މި އާއިލާއަށް ޖުމްލަކޮށް ކިޔަނީ "ދަނބާ" ކަމަށެވެ.
މި މަސް ހޯދުނީ ރޮލެކްސްގެ ޕާޕެޓުއަލް ޕްލެނެޓް އިނީޝިއޭޓިވްގެ ދަށުން ލިބުނު ފަންޑާއެކު ކުރެވުނު މަސައްކަތުގެ ތެރެއިންނެވެ.
އެ މަހުގެ ނަމުގެ ބައެއްގެ ގޮތުގައި "އަބަދަށް" ހިމެނީ އިނގިރޭސިން "ޕާޕެޓުއަލް"ގެ މާނަ ހިމެނޭތީ އެ އިނީޝިއޭޓިވްގެ ދަށުން ހޯދުނު ހޯދުމަކަށް ވާތީކަމަށް މި ކަމުގައި ހިމެނޭ ބައިވެރިއަކު ހިިއްސާކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިފަދަ އެކި ދިރުންތައް ފެނެއެވެ.