މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގައި މި ވަގުތު ތިބި މެމްބަރުންގެ ދައުރު އަންނަ ހޮނިހިރު ދުވަހަށް ހަމަވާތީ އެ ކައުންސިލަށް އާ މެންބަރުން މިއަދު އިންތިހާބުކޮށްފިއެވެ.
މި އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ސޯޝަލް ސެންޓަރުގައެވެ.
މިއަދު ކުރިޔަށް ގެންގޮސްފައިވާ އިންތިހާބުގައި މީޑީއާތަކާއި އާންމު ފަރާތްތަކުން 22 ކެންޑިޑޭޓުން ވަނީ ވާދަކޮއްފައެވެ. އަދި 139 މީޑީއާއަކުން ވަނީ ވޯޓުލާފައިވެ.
އިންތިހާބުކުރި މެންބަރުންނާއި ވޯޓްގެ އަދަދު:
- ފާތިމަތު ޝަނާ މުހައްމަދު (މިހާރު އޮންލައިން): 118
- ނަޖާހު މަސްއޫދު (ވަގުތު އޮންލައިން): 117
- ހަސަން ޝާކިރު (އާފަތިސް އޮންލައިން): 93
- ހަފްސީ އަބްދުﷲ (ހަފްސީ ޑޮޓްކޮމް): 75
- ހުސައިން ޝަގީފް (ތިލަދުން އޮންލައިން): 74
- ހުސެއިން ހަސަން (ހަތާވީސް އޮންލައިން): 74
- ފާތިމަތު ނަހުދާ ފާއިޒް (ދިޔަރެސް އޮންލައިން): 71
- އިބްރާހިމް ފައުޒީ (އަމިއްލަ ގޮތުން): 80
- ފާތިމަތު ފަހުމީ (އަމިއްލަ ގޮތުން): 76
- އިބްރާހިމް މުހައްމަދު (އަމިއްލަ ގޮތުން): 49
މީޑިއާ ކައުންސިލްގެ ދައުރަކީ ދެ އަހަރެވެ. އެ ކައުންސިލުގެ މެމްބަރުކަން ޖެހިޖެހިގެން ދެ އަހަރު ވަންދެން އެއް މެމްބަރަކަށް ނުކުރެވޭނެއެވެ.
މިހާރު ތިބި މެމްބަރުންގެ ދައުރު ހަމަވާނީ އަންނަ ހޮނިހިރު ދުވަހަށެވެ. ދައުރު ހަމަނުވާ ފަސް މެމްބަރުން މިވަގުތު އެ ކައުންސިލުގައި އެބަތިއްބެވެ. އޭގެ ތެރޭގައި މީޑިއާއަކުން އިންތިޚާބުވި ފަރާތަކަށް ހިމެނެނީ، މިދިޔަ އަހަރުގެ އޭޕްރިލް މަހު ޚަބަރު އޮންލައިންގެ ފަރާތުން ވާދަކޮށް އިންތިޚާބުވި އަލީ އާދަމެވެ.
މިއީ ދައުލަތުގެ ޓީވީ، ޓީވީއެމްގެ މެމްބަރެއް މީޑިއާ ކައުންސިލަށް ނުހޮވުނު ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. ޓީވީއެމުން އިންތިޚާބުގައި ވާދަކުރީ އަހުމަދު ނާސިހެވެ.