ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމުގެ ރެކޯޑު 'ޕުޝްޕާ 2'

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި ތެލުގޫ ފިލްމު "ޕުޝްޕާ 2: ދަ ރޫލް"އަކީ މިހާތަނަށް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ފިލްމުގެ ގޮތުގައި ކަނޑައަޅައިފިއެވެ.

މި ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު 170.06 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބުނުއިރު ހިންދީ ބަހުން ޑަބްކޮށްފައިވާ ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 72 ކްރޯޑު ރުޕީސްއަށް އަރައެވެ. އެއީ ގާތްގަނޑަކަށް އަށް މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެކެވެ.

މި އަދަދާއެކު ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ މިހާތަނަށް ހޯދި ހިންދީ ފިލްމުތައް ކަމަށްވާ "ޖަވާން"، "އެނިމަލް" އަދި "ކޭޖީއެފް: ޗެޕްޓަ 2"، ފިލްމު "ޕުޝްޕާ 2"އިން ވަނީ ފަހަތަށް ޖައްސާލާފައެވެ.

އިއްޔެއާ ހަމައަށް ފިލްމު "ޕުޝްޕާ 2"އަށް ލިބުނު އާމްދަނީގެ 270 ކްރޯޑު ރުޕީސް (32 މިލިއަން އެމެރިކާ ޑޮލަރަށް) އަރާއިރު މި ފިލްމު ޕްރީމިއާ ކުރުމުގެ ކުރިން ހަމައެކަނި އެޑްވާންސްކޮށް ޓިކެޓް ވިއްކައިގެން ލިބުނު އާމްދަނީގެ އަދަދު 100 ކްރޯޑް ރުޕީސް (11.8 މިލިއަން ޑޮލަރު)އަށް އަރައެވެ.

މި ފިލްމަކީ މި އަހަރު އިންޑިއާގައި ރިލީޒްކުރާނެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާނެ ފިލްމަށްވުމުގެ ފުރުސަތު ބޮޑު ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ މާކުރިން ބުނެފައެވެ.

ތެލުގޫ ޑައިރެކްޓަރު ސުކުމާރު ތައްޔާރުކޮށް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ލީޑް އެކްޓަރަކީ ނެޝަނަލް އެވޯޑް ލިބިފައިވާ ތެލުގޫ އެކްޓަރު އައްލޫ އަރުޖުންއެވެ.

ފިލްމު "ޕުޝްޕާ 2"ގެ މަންޒަރެއްގައި އެކްޓަރު އައްލޫ އަރުޖުން އަދި ފިލްމުގެ ބަތަލާ ރަޝްމިކާ--ފޮޓޯ/ސިއާސަތު

މި ފިލްމު ޕްރިމީއާ ކުރުމަށް އިންޑިއާގެ ހައިދަރު އާބާދުގެ ސިނަމާއެއްގައި ބޭއްވި ހަފްލާއަކަށް އެއްވެތިބި ގިނަ ބަޔަކު ފިތިގެން އޭގެތެރެއިން އަންހެނަކު މަރުވެފައިވާއިރު މި ހާދިސާގައި އޭނާއާ އެކު ސިނަމާއަށް ދިޔަ ކުޑަ ކުއްޖާއަށް ވެސް ވަނީ އަނިޔާވެފައެވެ.

އެކްޓަރު އައްލޫ އަރުޖުން ބައިވެރިވި މި ހަފްލާގައި ހިނގި މަރުގެ މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެތަނަށް ގިނަ ބަޔަކު އެއްވާނެކަން އެނގިހުރި ސިނަމާ ހިންގާ ފަރާތުން އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ދޯދިޔާކޮށް ކަމަށެވެ.

comment ކޮމެންޓް