މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި އައިސީޖޭގައި ބޭއްވި އަޑުއެހުމެއްގައި ރާއްޖޭގެ ބަޔާންދީފި

ބަންޑާރަ ނައިބު އަހުމަދު އުޝާމް: މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި އައިސީޖޭގައި ބޭއްވި އަޑުއެހުމެއްގައި ރާއްޖޭގެ ބަޔާންދީފި -- ފޮޓޯ/ ރައީސް އޮފީސް

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި އދ. ގެ ޢާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރާއްޖޭން، ބައިވެރިވެ، ބަޔާނެއް ދީފިއެވެ.

އެ އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރައްވައި، ބަންޑާރަނައިބު އަޙްމަދު އުޝާމް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކެނޑިނޭޅި ވަކާލާތު ކުރެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވައިފައެވެ.

ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމަޢުއިން އެހީ ފޯރުކޮށްދެއްވުމަށް ވެސް އޭޖީ ވަނީ ގޮވާލައްވާފައެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ރާއްޖެ ނާޒުކުކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލު ކުރަން ޖެހުމަކީ ސަރުކާރު ދެކޮޅު ކަމެއް ކަމަށެވެ.

މީގެއިތުރުން، އަޑުއެހުމުގައި ރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަޤްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި ވަނީ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ޤާނޫނުތަކުގެ ދަށުން ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް އަލިއަޅުއްވާލައްވާފައެވެ.

ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ޤައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާއެއް ކަމާއި މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކުން އަރައިގަތުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢުގެ މަސްއޫލިއްޔަތެއްކަން ވަކީލުން ފާހަގަކުރައްވާފައިވެއެވެ.

އޭޖީ އޮފީހުން ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމަޢުއާ ގުޅިގެން މަސައްކަތްކުރުމުގަޔާއި ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމުގައި ސަރުކާރުން ސާބިތުކަމާ އެއްކޮށް އޮންނާނެކަމުގެ ޔަޤީންކަން ދީފައެވެ،

comment ކޮމެންޓް