ގޫގުލްގެ ޖެމިނައި އޭއައި އެސިސްޓެންޓަށް ޔުޓިލިޓީސް އެކްސްޓެންޝަން އިތުރުކޮށް ފޯނުގައި ހުންނަ އެހެން އެޕްތައް ކޮންޓްރޯލް ކުރެވޭގޮތް ހަދައިފިއެވެ.
ޓެކްނޮލޮޖީ ދާއިރާގެ އެންމެބޮޑު އެއްކުންފުނި ގޫގުލްއިން، އެ ކުންފުނީގެ ޖެމިނައި އޭއައި އެސިސްޓެންޓަށް ޔުޓިލިޓީސް އެކްސްޓެންޝަނެއް އިތުރުކޮށްފައިވާއިރު، މި އެކްސްޓެންޝަނަކީ ފޯނުގެ އެކި އެޕްލިކޭޝަންތަކާއި ކަންކަން ކޮންޓްރޯލް ކުރުމުގެ ޤާބިލުކަން ލިބިދޭ އެކްސްޓެންޝަނެކެވެ.
މި އަހަރުގެ ކުރީކޮޅު ބޭއްވި ގޫގުލް އައިއޯ އިވެންޓުގައި މި އެކްސްޓެންޝަން ތަޢާރަފުކޮށްފައިވާއިރު، މިހާރު ބައެއް ފޯނުތަކުގައި މި އެކްސްޓެންޝަން ފެންނަން ފަށާފައިވެއެވެ. ނަމަވެސް، ހުރިހާ ފޯނުތަކަކަށް މި އެކްސްޓެންޝަން ލިބުމަށް އަދި ހަފުތާތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.
ޔުޓިލިޓީސް އެކްސްޓެންޝަން މެދުވެރިކޮށް، އެންޑްރޮއިޑް ފޯނުތަކުގައި އެލާމް، ޓައިމަރު، ވޮލިޔުމް ކޮންޓްރޯލްކުރުން އަދި ކެމެރާ ފަދަ ކަންކަން ކުރެވޭނެއެވެ.
މި އެކްސްޓެންޝަން ބޭނުންކުރުމަށްޓަކައި، ޖެމިނައި އެޕް ފޯނުގެ ޑިފޯލްޓް އެސިސްޓެންޓްގެ ގޮތުގައި ހަމަޖައްސަން ޖެހޭނެއެވެ. އަދި މިވަގުތު މި އެކްސްޓެންޝަން މަސައްކަތް ކުރަނީ ހަމައެކަނި އިނގިރޭސި ބަހުން ދެވޭ އަމުރުތަކަށް ކަމަށް ވެސް ފާހަގަކުރެވެއެވެ.
މި އެކްސްޓެންޝަން އިތުރުކުރުމާއެކު، ކުރިން ޖެމިނައި އޭއައި އެސިސްޓެންޓަށް ނުކުރެވުނު ފޯނާ ގުޅުންހުރި ގިނަ ކަންތައްތަކެއް ކުރެވޭނެއެވެ.
މީގެ ކުރިން މިފަދަ ކަންކަން ކުރުމަށް އެހެން އެޕްލިކޭޝަންތައް ބޭނުންކުރަން ޖެހުނު ނަމަވެސް، މިހާރު ޖެމިނައި އޭއައި އެސިސްޓެންޓް މެދުވެރިކޮށް މި ހުރިހާ ކަމެއް ކުރެވޭނެއެވެ.
ގޫގުލްއިން ތަޢާރަފުކުރި ޖެމިނީ އޭއައި އެސިސްޓެންޓަކީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހު ފުރަތަމަ ނެރުނު އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓެކެވެ. މި އެސިސްޓެންޓް ވަނީ ގޫގުލްގެ ކުރީގެ އެސިސްޓެންޓް ކަމުގައިވާ "ގޫގުލް އެސިސްޓެންޓް" ގެ ބަދަލުގައި ތަޢާރަފުކޮށްފައެވެ.
ޖެމިނައި އަކީ ޓެކްސްޓް، އިމޭޖް، އޯޑިއޯ އަދި ވީޑިއޯ ފަދަ އެކި ބާވަތްތަކުގެ ޑޭޓާ ބޭނުންކޮށްގެން މަސައްކަތްކުރެވޭ މަލްޓިމޯޑަލް އޭއައި މޮޑެލްއެކެވެ.
މި އެސިސްޓެންޓް ވަނީ ގޫގުލްގެ އެހެނިހެން ޚިދުމަތްތަކާ އިންޓަގްރޭޓްކޮށް، ބޭނުންކުރާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައެވެ.
ޔުޓިލިޓީސް އެކްސްޓެންޝަން އިތުރުކުރުމަކީ ޖެމިނައިގެ ޤާބިލުކަން އިތުރަށް ފުޅާކޮށް، ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.