އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ފްރާންސް ބޮޑު ވަޒީރު މިޝެލް ބާނިއޭ ވެރިކަމުން ދުރުކުރުމާ ގުޅިގެން ފްރާންސްގެ ސަރުކާރު ވެއްޓިއްޖެއެވެ.
އިތުބާރު ނެތް ކަމުގެ ހުށަހެޅުން ފާސްކުރުމަށް ބޭނުންވީ 288 ވޯޓެވެ. އެ ހުށަހެޅުމަށް ތާއީދުކޮށް ޖުމްލަ 331 މީހުން ވޯޓު ދީފައިވެއެވެ.
ބާނިއޭއާ ދެކޮޅަށް ހުށަހެޅި ހުށަހެޅުމަށް ތާއީދުކޮށް މަޖިލީހުގެ މެންބަރުން ވޯޓު ދެއްވީ ބޮޑު ވަޒީރުކަމުގެ މަގާމަށް ބާނިއޭ އައްޔަން ކުރެއްވިތާ އެންމެ ތިން މަސް ދުވަސް ވީތަނާއެވެ.
ބޮޑުވަޒީރު ބާނިއޭ އާ މެދު، ފްރާންސްގެ ކަނާތު ފިޔައިގެ އިދިކޮޅު ޕާޓީ ނުރުހުނީ، އަންނަ އަހަރުގެ ބަޖެޓާ ގުޅިގެން މައްސަލަ ބޮޑުވެ، އިޖުތިމާއީ ޚިދުމަތްތަކުގެ ބަޖެޓު މަޖިލީހުގެ ވޯޓަށް ނާހައި ފާސްކުރުމުންނެވެ.
ފްރާންސްގެ ސިޔާސީ މައިދާނަށް ކަނާތު ފިޔައިގެ އިދިކޮޅު ޕާޓީ އަތްގަދަކުރުން ހުއްޓުވުމަށް، ރައީސް އެމެނުއެލް މެކްރޮން މީގެ ތިން މަސް ކުރިން ގޮވާލެއްވި އަވަސް އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަދި ކޯލިޝަނަކަށް ވެސް މެޖޯރިޓީ ނުލިބި ސިޔާސީ މަޝްރަހު ހޫނުވެފައި އޮތް ދަނޑިވަޅެއްގައި، ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ސަބަބުން ފްރާންސްގެ ސިޔާސީ ނުތަނަވަސްކަން އިތުރަށް ބޮޑުވާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ބާނިއޭގެ ސަރުކާރުގެ އިސްތިއުފާ ހުށަހެޅުމަށް މިހާރު ލާޒިމްވެފައިވާއިރު، ސަރުކާރު ވެއްޓުމަށް މެދުވެރިވި ބަޖެޓު ވެސް ވަނީ އުވާލާފައެވެ.
މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ކަނާތުފިޔައިގެ އިއްތިހާދު ނިއު ޕޮޕިއުލާ ފްރަންޓް (އެންއެފްޕީ)އިން މީގެ ކުރިން ވަނީ އަމިއްލަ ކެންޑިޑޭޓަށް ވުރެ، ބޮޑު ވަޒީރު ކަމަށް އައްޔަން ކުރުމަށް ބާނިއޭ އަށް އިސްކަން ދިނުމުން މެކޮރޮންގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެނބުރި ފްރާންސަށް ވަޑައިގެންފައިވާ މެކްރޮން ވަނީ މިއަދުގެ ހަވީރު ޓީވީ މެދުވެރިކުރައްވައި ތަގުރީރު ކުރައްވަން ނިންމަވާފައެވެ.
ފްރާންސުން އެ ގައުމުގެ ރައީސަށް ވޯޓު ދެނީ ސަރުކާރާ ވަކިން ކަމަށްވާތީ، ވޯޓުގެ ނަތީޖާގެ އަސަރު އޭނާއަށް ސީދާ ނުކުރެއެވެ.
މެކްރޮން ވަނީ އިއްޔެގެ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އިތުބާރު ނެތް ކަމަށް ފާސްވުމުން ބާނިއޭގެ ސަރުކާރު ވަނީ 1958ވަނަ އަހަރުން ފެށިގެން މިހާތަނަށް ފްރާންސްގައި އެންމެ ކުރު މުއްދަތަކަށް ވެރިކަން ކުރި ސަރުކާރަށް ވެފައެވެ.