ބުޅާ ފެސިލިޓީ އެޅުމަށް މާލޭ ސިޓީ ކައުންސިލުން ކުރި ޚަރަދު ހޯދާގޮތަށް، އެގްރިކަލްޗާ މިނިސްޓްރީއާ އެ ފެސިލިޓީ ހަވާލުކުރަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މާލޭގައި ބުޅާ ގިނަވެ، ބުޅަލުގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން އެ ތަކެތި ފެސިލިޓީއަކަށް ގެންދިއުމަށް ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީއެއް ސިޓީ ކައުންސިލުން ވަނީ ގާއިމްކޮށްފައެވެ. މި ފެސިލިޓީ ހުޅުވީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ.
މާލޭގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް މި ހަފުތާގައި ފަށާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވަނިކޮށް، އިއްޔެ އެގްރިކަލްޗާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ މިނިސްޓްރީން ފުރިހަމަ ކުރަން ބުނި ބައެއް މަސައްކަތްތައް ކައުންސިލުން ކޮށްފައި ނުވާތީ، ބުޅާތައް ފެސިލިޓީއަށް ނުގެންދިޔުމަށް އިލްތިމާސްކޮށްފައެވެ.
މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި އާންމު ޖަލްސާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރުމަށް އެދި އިއްޔެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ސިޓީގައި ވަނީ ކައުންސިލާ މިނިސްޓްރީއާ އެއްކޮށް ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން އެ ފެސިލިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު 11:00 ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.
އެ ނިންމުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިންމުމަކަށް ވާތީ އެކަމަށް އިހުތިރާމް ކުރުމުގެ ގޮތުން މިނިސްޓްރީއާ ބައްދަލު ކުރައްވާނެ ކަމަށާއި ސަރުކާރާ ގުޅިގެން ނޫނީ މަސައްކަތް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މޭޔަރު އާދަމް އާޒިމް: ވިދާޅުވީ ފެސިލިޓީ އަޅަން ކުރި ޚަރަދު މާލެ ސިޓީ ކައުންސިލަށް ލިބެން ޖެހޭ ކަމަށް --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
މޭޔަރު ވިދާޅުވީ، ފެސިލިޓީއަށް ހުރިހާ ޚަރަދެއް ކުރީ ސިޓީ ކައުންސިލްގެ ބަޖެޓުން ކަމަށާއި އެތަން ތައްޔާރުކުރީ އެތަނުގެ މުވައްޒަފުންގެ 'ބުރަ' މަސައްކަތުން ކަމަށެވެ.
"[ފެސިލިޓީ އަޅަން] ކުރި ހަރަދު ވެސް އަޅުގަނޑުމެންނަށް ލިބެން އެބަޖެހޭ. އެއީ މިތަނުގެ ބަޖެޓުން އެކަން ކުރީ. އެއްވެސް ބަޖެޓެއް މިތަނަކަށް ނުލިބޭ އެކަން ކުރާކަށް. ފުލީ، މިތާ ބަޖެޓުން ހުރިހާ ކަމެއް ކުރީ މިތާ މުވައްޒަފުން ހުރިހާ ކަމެއް ކުރީ. ފެސިލިޓީ ރެޑީކޮށްފައި ހުރީ. މިހާރު ބުޅާ ގެންދެވޭނެ. މިހާރު އެތާ ބުޅާ ބޭތިއްބޭނެ." މޭޔަރު ވިދާޅުވިއެވެ.

ބުޅަލެއް: ސިޓީ ކައުންސިލުން ބުޅާ ފެސިލިޓީއަށް ކުރި ޚަރަދު ލިބޭ ގޮތަށް މިނިސްޓްރީއާ ހަވާލުކުރަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ
މޭޔަރު ވިދާޅުވީ، ފެސިލިޓީއަށް ބުޅާ ގެންދިޔުމަށް ރަނގަޅު ކުރަން ޖެހޭ ހުރިހާ ކަމެއް ރަނގަޅުކޮށްފައިވާ ކަމަށާއި ކެޓް ކޮމިއުނިޓީތަކުން ކޮންމެ ފަހަރަކު އާ ކަމެއް ރަނގަޅު ކުރަން ހުށަހަޅާ ކަމަށެވެ. އަދި، މާލެ ތެރޭ އުޅުމަށް ވުރެ ފެސިލިޓީއަށް ބުޅާތައް ގެންދިޔުން ރަނގަޅުވާނެ ކަމަށާއި ފެސިލިޓީ އަޅަން ފެށީ ވެސް އެހެންވެ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.
އަޅުގަނޑު ދެކޭގޮތުގައި މާލެ ތެރޭ އުޅޭ ބުޅާތައް މާލެ ތެރެ ނަޖިސްކޮށް ރައްޔިތުން ވޭނުގައި އުޅޭއިރު، އަޅުގަނޑުމެން ބޮޑު ހަރަދުކޮށް މިތަން ހެދީމާ އެތަނަށް ބުޅާތައް ނުގެންގޮސް ހުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްމާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
އެ މައްސަލައާ ގުޅުވައި މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާއިރު، ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ މާލެ ސިޓީ ކައުންސިލުން ފެސިލިޓީއަށް ކުރި ޚަރަދު ލިބޭ ގޮތަށް މިނިސްޓްރީއާ އެތަން ހަވާލު ކުރުމަށް ހުށަހަަޅުއްވާފައެވެ.

މޭޔަރު އާޒިމް (ކ) ޑެޕިއުޓީ މޭޔަރު ނަރީޝް (ވ): މިއަދު ވަނީ ކައުންސިލުން ބުޅާ ފެސިލިޓީ އަޅަން ކުރި ޚަރަދު ލިބޭ ގޮތަށް އެ މިނިސްޓްރީއާ ހަވާލުކުރަން މާލެ ސިޓީ ކައުންސިލުން ނިންމާފައި --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
"ކައުންސިލުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކައުންސިލުގައި އެދުނު މިންވަރަކުން ކޮށްދީފައި ހުރީ. އެކަން ސާފުކޮށް ފެންނަން އޮތީ. އެންމެ ކަމެއް ވެސް އުނި ނުވާނެ ހެން ކައުންސިލުން ކޮށްދީފައި ހުރީ. މިނިސްޓްރީ އިން އެގޮތަށް އެދޭނަމަ ކައުންސިލުން ކުރި ހަރަދު ކައުންސިލަށް ލިބެންވާނެ. އެއީ ކައުންސިލު ބަޖެޓުން ކުރި ހަރަދެއް" ނަރީޝް ވިދާޅުވިއެވެ.
އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް ކައުންސިލަރުން ވެސް ވަނީ އެތަން މިނިސްޓްރީގެ ދަށަށް ބަދަލުކުރާނަމަ އެތަނަށް ކުރި ޚަރަދު މިނިސްޓްރީއަށް ލިބެން ޖެހޭނެ ކަމަށާއި ފެސިލިޓީ ހަވާލުކުރަން ވާނީ އެތަނަށް ބުޅާ ގެންގޮސް ޚިދުމަތް ފެށޭނެ ތާރީޚެއް ޔަގީންކޮށްފައި ކަމަށް ވިދާޅުވެފައެވެ.
ވޯޓަށް އަހައި، ނަރީޝްގެ ހުށަހެޅުން ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރު ގާއިމުކޮށްފައި ވަނީ އެޗްޑީސީއިން ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައެވެ.