ކޮމިޝަނާ އޮފް ރިފޯމުގެ މަގާމަށް މީހަކު ހޯދަނީ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: -- ފޮޓޯ/ ރައީސް އޮފީސް

އިސްލާހީ ފިޔަވަޅުތައް އެޅުމަށްޓަކައި އަލަށް އުފައްދާ, އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނާ އޮފް ރިފޯމުގެ މަގާމަށް މީހަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނު ކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، މި މަގާމަށް މީހަކު ހޯދަނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި ކަމަށެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވާނެކަމަށް އިއުލާނުގައި ވެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ފޮނުއްވަން ވަނީ އެދިފައެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ގިނަ ދާއިރާތައް ރިފޯމް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ. އެގޮތުން، ސަބްސިޑީ މުރާޖާކުރުމާއި، އާސަންދަ ރިފޯމްކުރުމުގެ އިތުރުން އެއް މަސައްކަތެއް ކުރާ މުއައްސަސާތައް އެއް ކުރުމުގެ މަސައްކަތް ވެސް މިސަރުކާރުން މިހާރު ވަނީ ފަށައިފައެވެ.

https://sun.mv/198600

އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބަޖެޓުގެ ރިކަރެންޓު ޚަރަދުގެ 5.1 އިންސައްތަ ހިއްސާކުރަނީ އާސަންދައަށް ކުރާ ހޭދައެވެ. އެއާއެކު ސަރުކާރުން އާސަންދަ ނިޒާމު އިސްލާހުކުރުމަށް ކަނޑައަޅައިފައިވާ ކަންކަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮތުގެ ތަފްސީލުގައި ވަނީ ހިމަނާފައެވެ.

އޭގައިވާ ގޮތުން އާސަންދައިގެ ޚިދުމަތް ބޭނުންކުރުމުގައި އެންމެ މުއްސަނދި ފަރާތްތަކަށް ބޭހާއި އައުޓްޕޭޝަންޓު ޚިދުމަތްތަކަށް ކޮންމެވެސް މިންވަރަކަށް ފައިސާ ދައްކަން ޖެހޭހެން ނުވަތަ އަމިއްލައަށް ޚަރަދުކުރަން ޖެހޭގޮތަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ.

އަދި އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން ޕްރީ ޕޭމަންޓެއް ނަގައި، އާސަންދަ ނިޒާމު ފައިނޭންސްކުރަން އެ ފަރާތްތައް ހިއްސާވާ ގޮތަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ.

މި ނިންމުންތަކަކީ ދައުލަތުން އަންނަ އަހަރު އާސަންދައަށް ކުރާ ހޭދަ ކުޑަވާނެ ކަމަށް އަންދާޒާކުރި ސަބަބުތަކެކެވެ.

ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދޭ ނިޒާމު، އާސަންދައާއި ބައެއް ސަބްސިޑީތައް މުރާޖާކުރުމުގެ އިތުރުން ހަރަދު ކުޑަކުރުމުގެ ގިނަ އިސްލާހީ ފިޔަވަޅުތަކަކާއެކު އަންނަ އަހަރު ދައުލަތުގެ ބަޖެޓުން 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް