ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދޭ ނިޒާމު، އާސަންދައާއި ބައެއް ސަބްސިޑީތައް މުރާޖާކުރުމުގެ އިތުރުން ހަރަދު ކުޑަކުރުމުގެ ގިނަ އިސްލާހީ ފިޔަވަޅުތަކަކާއެކު އަންނަ އަހަރު ދައުލަތުގެ ބަޖެޓުން 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން މިއަދު ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި މުޅި ޖުމުލަ 11.5 ބިލިއަން ރުފިޔާގެ ފިސްކަލް އިސްލާހެއް ވަނީ ހުށަހަޅުއްވައިފައެވެ.
އަންނަ އަހަރު ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ސަބަބުން 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީގެ އެހީ އެންމެނަށް ފޯރުކޮށްދިނުމުގެ ބަދަލުގައި އެ އެހީ ބޭނުންވާ މީހުންނަށް އެކަނި ދޭން ފެށުން ހިމެނެއެވެ. އަދި އާސަންދަ ނިޒާމު މުރާޖާކޮށް މިހާރަށްވުރެ ވަށާ ޖެހޭ ފުރިހަމަ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލު ކުރުން ހިމެނެއެވެ.
މީގެ އިތުރުން ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާގެ ރިސްކްތައް ކުޑަކުރުން ހިމެނެއެވެ. އަދި ދައުލަތުން ފޯރުކޮށްދޭ ޕެޝަންތައް ތަކުރާރު ނުވާނެހެން މުރާޖާ ކުރުން ވެސް ހިމެނެއެވެ. ހަމައެއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމަކީ ވެސް އަންނަ އަހަރު ހަރަދު ކުޑަކުރަން ހިމަނާފައިވާ ކަންކަމެވެ.
ބަޖެޓް ހުށަހެޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އާމްދަނީ އިތުރުކުރުމަށްވުރެވެސް ބޮޑަށް، މި ބަޖެޓުގައި އިތުރުވަމުން އަންނަ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ހިމަނުއްވާފައި ކަމަށެވެ. މި ފިޔަވަޅުތައް ފަރުމާކުރުމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާނީ ސަރުކާރުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ރައްޔިތުން ދެނެގަނެ، އެ ފަރާތްތަކަށް އިސްކަންދޭ އުސޫލަކުން ދައުލަތުން ފޯރުކޮށްދެމުންދާ އެހީތައް ނިޒާމީގޮތުން އަތުރާލުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިގޮތުން އަސާސީ ހިދުމަތްތައް ފޯރުންތެރި އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިހާރު ދެމުންދާ ސަބްސިޑީތައް ސީދާ ރައްޔިތުންނަށް ފޯރުކޮށްދޭ ނިޒާމަކަށް ހިޖުރަކުރުމަށް ވާނީ ހުށަހަޅާފައި. އަދި އާސަންދަ އާއި މެޑިކަލް ވެލްފެއަރ ނިޒާމުތަކަކީ މިހާރަށްވުރެ ހަމަހަމަކަމާއެކީގައި، އިއާދަކުރަނިވި ގޮތަކަށް އެހީ ފޯރުކޮށްދޭ ނިޒާމުތަކަކަށް ބަދަލުކުރުމުގެ އިތުރުން، ޕެންޝަންގެ ނިޒާމުގެ ތެރެއިން އުފެދޭ ނަހަމަކަން ނައްތާލައި، އެ ނިޒާމުގެ ދެމެހެއްޓެނިވިކަން ޔަގީންކުރެވޭނެ ފިޔަވަޅުތަކެއްވެސް ވާނީ އެކުލަވާލައި ހުށަހަޅާފައި." މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރު އާމްދަނީ އިތުރު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީންއިން ބުނެއެވެ. އާމްދަނީ އިތުރު ވަނީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޑް ޑިއުޓީ ބޮޑުކުރުމާއި އެއާޕޯޓް ޓެކުހާއި ފީތައް ބޮޑުކުރުމުގެ އިތުރުން ގްރީންޓެކްސްއާއި ޓީޖީއެސްޓީ ބޮޑު ކުރުމުގެ ސަބަބުންނެވެ.
އަންނަ އަހަރު ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ޖުމުލަ އަދަދު 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ފިނޭންސްއިން ބުނެއެވެ. މިއަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބެނީ ޖުމުލަ 34 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ލަފާ ކުރާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.4 ޕަސެންޓް ކުރިއަރާނެއެވެ.