ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ. މި މައްސަލާގައި އޭނާ މަރާލި ކަމަށާއި އެކަމުގައި އިންސާފު އަވަސްކޮށްދިނުމަށް އެދި ހޮޅުދޫގައި އެއްވުމެއް ވެސް ބާއްވާފައިވެއެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޑޮކްޓަރުގެ ބަހުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުންކަން އެނގޭ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ސާމިހު ވިދާޅުވިއެވެ.
"އެހެންކަމުން މިހާތަނަށް ތަހުގީގުން ހޯދުނު ހޯދުންތަކުން ޒަކިއްޔާއަށް ލިބިފައިވާ އަނިޔާގެ ޒަޚަމްތަކަކީ ނުވަތަ ޒަކިއްޔާ މަރުވެފައިވަނީ އިތުރު އެއްވެސް ފަރާތެއްގެ އަމަލެއްގެ ސަބަބުން ދޭހަކޮށްދޭނެ އެއްވެސް ހެއްކެއް ފެންނަން ނެތުމާއެކު އެ މައްސަލާގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަން އަޅުގަނޑު ފާހަގަކޮށްލަން،" ސާމިހު ވިދާޅުވިއެވެ.
ސާމިހު ވިދާޅުވީ އެ މައްސަލާގައި ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން ތޫނު އެއްޗަކުން އޭނާގެ ކަރުގެ ކަނާތް އަދި ވައަތް ފަރާތަށް ފުންކޮށް ގިނަ ޒަޚަމްތަކެއް ލިބިފައި ހުރިކަމަށެވެ. އަދި ކަރުގައި މެދާއި ހިސާބުގައި ތިލަކޮށް އެއް ޒަޚަމް ލިބިފައި ހުރި ކަމަށް ސާމިހު ވިދާޅުވިއެވެ.
"ހެސިޓޭޝަން މާކު އެބަހުރި. ތިލަކޮށް ކަރުގައި ހުރި ޒަޚަމް އެއީ ޑޮކްޓަރުންގެ ރައުޔުން ބުރަވެވެނީ އެއީ ހެސިޓޭޝަން މާކު ކަމަށް،" ސާމިހު ވިދާޅުވިއެވެ.
ސާމިހު ވިދާޅުވި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮތް ސީންގައި އޭނާގެ ކައިރީ އޮތް ވަޅިއާއި އޭނާގެ ހެދުމުގައި ވެސް ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި އެ ވަޅީގައި ހުރި ލެއަކީ ޒަކިއްޔާގެ ލޭ ކަމަށް ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ޒަކިއްޔާގެ ކަރުގައި ފެންނަން ހުރި ޒަޚަމްތަކަކީ އެ ވަޅިން ލިބިފައިވާ ޒަޚަމްތަކެއްތޯ ނުވަތަ ނޫންތޯ ފުލުހުން ހާމައެއްނުކުރެއެވެ. ފުލުހުން ބުނި ގޮތުގައި އެ މައުލޫމާތުތައް ހިއްސާކުރެވޭނީ މުޅި ތަހުގީގު ނިމުމުންނެވެ.
އޭގެ އިތުރުން ޒަކިއްޔާގެ މަރުވެފައި އޮއްވާ ފެނުނު ތަނަށް އިތުރު މީހަކު ވަދެ އޭނާއަށް ހަމަލާދިން ކަމުގެ އެއްވެސް ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ވެސް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދިވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި ބައެއް ކަންތައްތައް ނިންމުމަށް ވަގުތު ނަގާނެ ކަމަށް ސާމިހު ވިދާޅުވިއެވެ.
ޒަކިއްޔާ މަރުވި ދުވަހު މާލޭން އެ މަރުގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އެ ރަށަށް ދިޔައެވެ. އަދި ހަމަ އެެ ރޭގެ ވަގުތެއްގައި އިތުރު ތަހުގީގުތަކަށް އޭނާގެ ހަށިގަނޑު މާލެ ގެނައެވެ. ނަމަވެސް، ޕޯސްޓްމޯޓަމް ނަހަދައި، އެ ރަށަށް ފޮނުވާލައި ހޮޅުދޫގައި ވަނީ ޒަކިއްޔާގެ ހަށިގަނޑު ވަޅުލާފައެވެ.
ޒަކިއްޔާގެ މަރަށް ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ލަސްވާތީ ހޮޅުދޫގެ ރައްޔިތުން މި ފަހުން ވަނީ އެކަމުގައި ހުރި ކަންބޮޑުވުން ފާޅުކޮށް އެއްވުމެއް ބާއްވާފައެވެ. އެ އެއްވުމުގައި ހޮޅުދޫގެ ރައްޔިތުން ވަނީ ޒަކިއްޔާ މަރުވީ އަމިއްލައަކަށް ނޫން ކަމަށް ބުނެ ތަހުގީގު އަވަސް ކުރަން ގޮވާލާފައެވެ. އަދި، އެމީހުން ވަނީ ޒަކިއްޔާގެ މަރާ ގުޅިގެން ހެދި ތަހުލީލީ ރިޕޯޓުތައް ވެސް އާންމު ކުރުމަށް ގޮވައިލައިފައެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ކަރުން ޒަޚަމްތަކެއް ފެނުނުއިރު އޭނާގެ ކައިރި ވަޅިއެއް ވެސް އޮތްކަމަށް މީގެކުރިން "ސަން"އަށް މައުލޫމާތު ދިން ހޮޅުދޫ މީހަކު ވަނީ ބުނެފައެވެ.