ކުރީގެ ނައިބު ރައީސް އަދި މިހާރު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ކުރި ދައުވާ ހައިކޯޓުން ބަލައިނުގަަންނަން ރަޖިސްޓްރާ ނިންމި ނިންމުން ރަނގަޅުކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފިއެވެ.
ޕީޖީ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޖެނުއަރީ، 2013 ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއިކުރެއްވި މައްސަލައިގައެވެ.
މައްސަލައިގެ ޗިޓު ރައްދުނުކުރެވިގެން ކަމަށް ބުނެ، ހައިކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ. އޭގެ ފަހުން ޖިހާދުގެ މައްސަލަ އަލުން ހުށަހެޅުމަށް ޕީޖީއަށް އިތުރު ފުރުސަތެއް ދިނެވެ. އެ ފުރުސަތު ހަމަވީ އޮކްޓޯބަރު 13 ވަނަ ދުވަހަށެވެ.
ޕީޖީން ޖިހާދުގެ މައްސަލައިގެ އިސްތިއުނާފު އަލުން ހުށަހެޅީ އެ ކޯޓުން ދިން މުއްދަތުގެ ދެ ދުވަސް ފަހުން ކަމަށްވާތީ، އެ މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.
އެއާއެކު ޕީޖީ އޮފީހުންވަނީ އެ ނިންމުން މުރާޖާކުރުމަށް އޮކްޓޯބަރު މަހުގެ 30ގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން، ކޯޓަށް މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ވިދާޅުވި ހަމައެކަނި ފަނޑިޔާރަކީ ހަސަން ޝަފީއުއެެވެ.
ފަނޑިޔާރު ޝަފީއު ވިދާޅުވީ އެޑްރެސް ސާފުކޮށް މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ. ނަމަވެސް އެ ކަން ކުރަން ދެ ދުވަސް ލަސްވެފައިވީ ނަމަވެސް އެއީ ބޭކާރު ލަސްވުމެއް ކަމަށް ނުބެލެވޭކަމަށް ރައުޔުގައިވެއެވެ.
ފަނޑިޔާރު ހުޒައިފާ މުޙައްމަދުގެ ރައުޔުގައިވަނީ މައްސަލަ ހުށަހެޅީ މުއްދަތު ފާއިތުވި ފަހުން ކަމަށެވެ. އެހެންކަމުން މުއްދަތަށް ހުށަހަޅައިފައިނުވާ ކަމަށް ބަަލައި، އިސްތިއުނާފް ބަލައި ނުގަތުމަށް ނިންމި ނިންމުން ބަދަލުކުރަން ޖާގަ އޮތްކަމަށް ނުފެންނަ ކަމަށެވެ.
އެ ރައުޔަށް ފަނޑިޔާރު ދީބާނާޒް ފަހުމީ ތާއީދުކުރެއްވިއެވެެ.