ދިފާއުގައި ޝާހިދު: "ދޮންދަރިއެއް ނުހުންނާނެ"

އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު --

އޭނާގެ އެއްވެސް ދޮންދަރިއަކު ނުހުންނާނެ ކަމަށާއި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ދޮންދަރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހުށަހެޅި ފޯމުގައި ނެތް ތުހުމަތެއްގެ މައްޗަށް ބިނާކޮށް ބަންދުކުރީ ޤާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ފަރާތުން ދިފާޢުގައި ހައިކޯޓުގައި ވަކާލާތު ކޮށްފިއެވެ.

ޝާހިދުގެ ބަންދު މައްސަލަ ހައިކޯޓުން މިއަދު ވަނީ ނިންމާފައެވެ. އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔަ މި މައްސަލައިގެ ނިންމުން ހައިކޯޓުގެ ވެބްސައިޓުގައި މިހާރު ވަނީ ޕަބްލިޝްކޮށްފައެވެ.

ދޮންދަރިއެއް ނުހުންނާނެ ކަމަށް ވިދާޅުވެ ދިފާއު ނެގިނަމަވެސް، އޭނާގެ މި ދިފާޢު ބަލައިނުގަނެ ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖެހި 30 ދުވަސް ދަމަހައްޓަން މިއަދު ޙުކުމްކޮށްފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ ނޮވެންބަރު މަހުގެ ދެވަނަ ދުވަހު ހައްޔަރުކޮށް، ނޮވެންބަރު ތިނެއް ގައި ކްރިމިނަލް ކޯޓުން 30 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ޝާހިދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން މިއަދު ވަނީ އެ އަމުރު ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ނިންމަވާފައެވެ.

ޝާހިދުގެ ދިފާއީ ނުކުތާތައް:

ހައިކޯޓުގައި ޝާހިދުގެ ފަރާތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކޮށް، އޭނާ ވަގުތުން މިނިވަންކުރުމުގެ އަމުރަކަށް އެދުނެވެ:

ދޮންދަރިއެއް ނެތުން އަދި ފޯމުގައި ނެތް ތުހުމަތަކަށް ބަންދުކުރުން: ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ބަންދުކޮށްދިނުމަށް އެދި ހުށަހެޅި ފޯމުގައި، އޭނާގެ ދޮންދަރިއަކާ ބެހުނު ކަމަށް ބުނެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ ތުހުމަތު ކޮށްފައިވީ ނަމަވެސް، ޝާހިދުގެ ދޮންދަރިއަކު ނުހުންނާނެ ކަމަށް ކޯޓުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި ފޯމުގައި ނެތް އެހެން ތުހުމަތެއްގެ މައްޗަށް ހެކި ލިބިފައިވާ ކަމަށް ބަލައި ބަންދުކުރީ އިޖުރާއަތާ ޚިލާފަށް ކަމަށެވެ.

ހެކިތަކުގެ ޞައްޙަކަން: ބަންދުގައި ބަހައްޓަން ފުދޭވަރަށް ހެކި ހުރި ކަމަށް ނިންމިއިރު، އެ ހެކިތަކަކީ ޤާނޫނުގައި ބަޔާންކުރާ އިވުނު ކަމަށް ބުނާ ހެކި ކަމަށާއި، އެއީ ޝަރުޢީ ގޮތުން ބަލައިގަނެވޭނެ ހެކިތަކެއް ނޫން ކަމަށް ޝާހިދުގެ ފަރާތުން ވިދާޅުވެފައިވެއެވެ.

ކުއްޖާގެ ބަހެއް ނެތުން: ސުޕްރީމް ކޯޓުގެ އަޙްމަދު މުޚްތާރު ޤަޟިއްޔާގައި މިފަދަ މައްސަލަތަކުގައި މައިގަނޑު އަސާސަކީ ކުއްޖާގެ ބަސް ކަމަށް ކަނޑައަޅާފައިވާއިރު، ތަޙުޤީޤަށް އަދި މިހާތަނަށް ކުއްޖާގެ އެއްވެސް ބަހެއް ނުވަތަ އިންޓަވިއުއެއް ލިބިފައި ނުވާތީ، މުއްތަހަމު ބަންދުގައި ބަހައްޓަން ނުޖެހޭނެ ކަމަށް ޝާހިދުގެ ފަރާތުން ބަޔާންކުރިއެވެ.

ދައުލަތުގެ ރައްދު:

ދައުލަތުން ފާހަގަކުރި ގޮތުގައި، ޝާހިދަކީ ކުއްޖާގެ ދޮންބައްޕަ ކަމަށް ފޯމުގައި ބަޔާންކުރީ ތަޙުޤީޤަށް ލިބުނު ބަޔާންތަކުގައި ކުއްޖާ އޭނާއާ މުޚާޠަބުކުރަނީ "ބައްޕި" ގެ ގޮތުގައި ކަމަށް ވާތީއާއި، އެއީ ދޮންބައްޕަ ކަމަށް ކުއްޖާ ދެކޭކަން އެނގެން އޮތުމުންނެވެ. އަދި ބަންދުގެ މަރުޙަލާއަކީ ކުށް ސާބިތުކުރުމުގެ މަރުޙަލާ ނޫން ކަމަށާއި، މިއީ ތަޙުޤީޤުގެ ކުރީކޮޅު ކަމަށްވާތީ ބަންދުގައި ބަހައްޓަން އެކަށީގެންވާ ހެކި ހުރި ކަމަށް ދައުލަތުން ބުންޏެވެ.

ހައިކޯޓުގެ ނިންމެވުން:

މައްސަލަ ބެއްލެވި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔުގައި، އަދި އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އާއި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ތާއީދުކުރެއްވި ނިންމުމުގައި ކަނޑައަޅުއްވާފައި ވަނީ ދޮންދަރި ކަމާމެދު ދެބަސްވުން އޮތަސް ޝާހިދަކީ ކުއްޖާގެ ދޮންބައްޕަ ކަމާމެދު ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވީ ނަމަވެސް، ދައުލަތުން ބަޔާންކުރާ ގުޅުމަށް ބާރުދޭ ބައެއް ކަންކަން ފުރަތަމަ ނަޒަރުން އެނގެން އެބައޮތް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ދިން ޤާނޫނީ އިންޒާރުގައި ވެސް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ތުހުމަތު ސާފުކޮށް ކޮށްފައިވާތީ، ނުކުރާ ތުހުމަތަކަށް ބަންދުކުރި ކަމަށް ނުބެލެވޭނެ ކަމަށެވެ.

ބަންދުގެ މިންގަނޑު: ތަޙުޤީޤު މަރުޙަލާގައި ބަންދުކުރުމަށް ބޭނުންވަނީ ކުށް ސާބިތުކުރުމުގެ ހެއްކެއް ނޫން ކަމަށާއި، ބޭނުންވަނީ ސުޕްރީމް ކޯޓުގެ މަފްތޫޙް ސަޢީދު ޤަޟިއްޔާގައި ބަޔާންކުރާ ފަދަ "ކޮންމެވެސް މިންވަރެއްގެ ހެކި" ކަމަށެވެ. އެ މިންވަރަށް ހެކި ހުރިކަން ދަށު ކޯޓުގެ ލިޔުންތަކުން އެނގެން އެބައޮތެވެ.

ކުއްޖާގެ ބަޔާން ނެތުން: ސުޕްރީމް ކޯޓުގެ މުޚްތާރު ޤަޟިއްޔާއަކީ ކުށް ސާބިތުކުރުމުގެ މަރުޙަލާގައި ހެކި ވަޒަންކުރާ އުސޫލު ކަމަށާއި، ތަޙުޤީޤު މަރުޙަލާގައި ކުއްޖާގެ ބަޔާން ނެތް ނަމަވެސް، ކުއްޖާ ވާހަކަ ކިޔައިދިން ފަރާތްތަކުގެ ބަޔާނާއި އެހެނިހެން ހެކިތަކުގެ މައްޗަށް ބިނާކޮށް ބަންދުކުރުމުގެ ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ.

އެހެންކަމުން، ކްރިމިނަލް ކޯޓުން ޝާހިދު 30 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ބާތިލުކުރަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށް ނިންމައި، ހައިކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ދަމަހައްޓާފައެވެ.

comment ކޮމެންޓް