ވަރަށް ތަފާތު މައުޟޫތަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމު ތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކްރާންތު މަސީ ފިލްމީ ދާއިރާ ދޫކޮށްލަން ނިންމިކަން އިއުލާނުކޮށްފިއެވެ.
އުމުރުން އެންމެ 37 އަހަރުގައި ފިލްމީ ކެރިއަރު ދޫކޮށް ރިޓަޔަވާން ނިންމިކަން ވިކްރާންތު އިއުލާނުކުރީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށެވެ.
މި ޚަބަރާ އެކު ވިކްރާންތުގެ ވަރަށް ގިނަ ސަޕޯޓަރުންނަށް ކުއްލި ހައިރާންކަމާ ސިހުމެއް ގެނުވިއިރު އެކްޓަރަށް ތާއީދުކުރާ އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވެސް ވަނީ މާޔޫސްވެފައެވެ.
އަމިއްލަ ސޯޝަލްމީޑިއާގައި ވިކްރާންތު ލިޔުނު ކުރު އެހެނަސް ޖަޒުބާތީ ނޯޓުގައި ބުނެފައި ވަނީ، ވޭތުވެދިޔަ މަދު އަހަރުތަކަކީ އޭނާގެ ކެރިއަރަށް ބޮޑެތި ބަދަލުތަކެއް އައި އަހަރުތަކެއް ކަމަށާއި، މިހާތަނަށް ބެލުންތެރިންގެ ފަރާތުން އޭނާއަށް ލިބެމުން ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށެވެ.
ނަމަވެސް ދިރިއުޅުމުގައި ކުރިއަށްދާން މަސައްކަތް ކުރާއިރު މިއީ އާއިލާއަށް ފިރިއެއްގެ ގޮތުންނާއި އަލަތު ދަރިފުޅަށް ބައްޕައެއްގެ ގޮތުގައި އޭނާ އެންމެ މުހިއްމުވާނެ ދަނޑިވަޅު ކަމަށް ގަބޫލުކުރާ ކަމަށާއި، އެކްޓަރުގެ މައިންބަފައިންނަށް ވެސް ފިރިހެން ދަރިއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކެއް ހުރުމުން އޭނާ ބޭނުން ވަނީ އާއިލާއަށް ވަގުތު ހުސްކުރުމަށް ކަމަށް ވިކްރާންތު ވަނީ ބުނެފައެވެ.
އެހެންކަމުން ބެލުންތެރިންނާ ވިކްރާންތު ދެން ބައްދަލުވާނެ އެންމެ ފަހު އަހަރަކީ އަންނަ އަހަރު ކަމަށާއި 2025 ވަނަ އަހަރު އޭނާގެ ކެރިއަރުގެ އެންމެ ފަހު ދެ ފިލްމުން ބެލުންތެރިންނަށް އަލްވަދާޢު ކިޔާނެ ކަމަށް "ޓުވެލްތު ފެއިލް"ގެ އެކްޓަރު ވަނީ ބުނެފައެވެ.
ވިކްރާންތުގެ މި ނިންމުމަށް އިހުތިރާމް ކުރާ ކަމަށް އެކްޓަރުގެ ސަޕޯޓަރުން ބުނެފައިވާއިރު އޭނާ އެނބުރި ސިނަމާއިން ފެންނާނެ ދުވަހަކަށް އިންތިޒާރުކުރާނެ ކަމަށް ބައެއް ސަޕޯޓަރުން ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން ވިކްރާންތު އަންނަ އަހަރު ފެންނާނީ "ޔާރު ޖިގްރީ" އަދި "އާންކޯން ކީ ގުސްތާކިޔާން"ގެ ނަމުގައި އުފައްދާ ދެ ފިލްމަކުންނެވެ. ދާދިފަހުން ބައްޕައަކަށްވި އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ޕޮލިޓިކަލް ޑްރާމާ "ދަ ސަބްރަމާތީ ރިޕޯޓު"އެވެ.