ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އެހީވެދޭ "ޓޮބޭކޯ ސިޒޭޝަން ކްލިނިކް"ތައް ހުރިހާ ސިޓީތަކާއި ރަށްތަކުގައި ގާއިމުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.
ރައީސް އެގޮތަށް ނިންމެވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ބަޔާނުގައިވެއެވެ.
މީގެއިތުރުން، ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި، ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ޕްރިވެންޓިވް ހެލްތު ކެއާގެ ޚިދުމަތެއްގެ ގޮތުގައި ސެސޭޝަން ޚިދުމަތް ދިނުމަށް ރައީސް ހަމަޖައްސާފައި ވާކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ޓަކައި ސަރުކާރުން އެކުލަވާލާފައިވާ މާސްޓާ ޕްލޭންގެ ދަށުން، ރައީސް ވަނީ މުހިންމު ގިނަ އިސްލާހުތަކެއް ތައާރަފުކުރައްވައިފައެވެ. އެގޮތުން ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެއާއެކު ސިނގިރޭޓު ވިކޭ މިންވަރު ވެސް މަދުވެފައިވާ ކަމަށް ބައެއް ވިޔަފާރިތަކުން ބުނެއެވެ.
މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގައި ވޭޕް މަނާކުރަން ނިންމަވައިފައެވެ. އެގޮތުން ވޭޕް އެތެރެކުރުން މިދިޔަ މަހުގެ 15އިން ފެށިގެން މަނާކޮށް، މިމަހުގެ 15އިން ފެށިގެން ވޭޕް ބޭނުން ކުރުން ވެސް މަނާ ކުރަން ވަނީ ނިންމައިފައެވެ.
ރައީސް އޮފީހުން ވަނީ، މި ސިޔާސަތުތަކަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަމާޒުކޮށްގެން ސަރުކާރުން ތަންފީޒު ކުރާ ސިޔާސަތުތަކެއް ކަމަށް ބުނެފައެވެ.
ޓޮބޭކޯ ސެސޭޝަން ކްލިނިކް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކޮށްފައިވަނީ 2015 ވަނަ އަހަރު މާލޭގައި ހުންނަ ދަމަނަވެށި ކްލިނިކުގައެވެ.