ދައުލަތުގެ ފިސްކަލް ޒިންމާއާ ބެހޭ ބިލާއި ދައުލަތުގެ ދަރަންޏާބެހޭ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
އެ ދެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހެވެ.
ފިސްކަލް ޒިންމާގެ ބިލަށް ބަލާއިރު ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވައިފައިވަނީ މިހާރު ޢަމަލުކުރަމުން އަންނަ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތާރަފުކޮށް ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން ދެމެހެއްޓެނިވި ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާންކުރުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަދި ދަރަންޏާބެހޭ ބިލަށް ބަލާއިރު އެ ގާނޫނުގެ މައިގަނޑު އެއް މަގުސަދަކީ ދައުލަތުގެ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށްޓަކައި ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކޮށްގެން އެންމެ ޚަރަދުކުޑަވާނެ ގޮތަކަށް، ދިވެހިރާއްޖޭގެ އެތެރެއިންނާއި ބޭރުން، ދައުލަތުގެ ނަމުގައި ދަރަނި ނެގުމުގައި ސަރުކާރު ބާރުވެރިކުރުވުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ދައުލަތުން ދަރަނި ނަގައި ބަލަހައްޓައި މެނޭޖުކުރާނީ ގައުމުގެ އިގްތިސާދަށާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަން ކޮށްގެން ކަމަށާއި ގައުމުގެ އިގްތިސާދީ ފުދުންތެރިކަމާއި ދައުލަތުގެ ފިސްކަލް ނިޒާމާއި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތެއްގެ މަތީން ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ފިސްކަލް ޒިންމާގެ ބިލުގައި، ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށް ޓަކައި ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 2.5 އިންސައްތައަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން، ދައުލަތުގެ މަރުކަޒީ ބޭންކުން އެޑްވާންސަށް ސަރުކާރަށް ދަރަންޏަށް ފައިސާ ނެގިދާނެކަމަށް ބުނެފައެވެ. އެއީ މިހަރު އަމަލުކުރާ "ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު"ގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ އިތުރު އަދަދެކެވެ. މިހާރު އެ ގާނޫނުގައި އޮންނަނީ އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގޭނީ ތިން އަހަރުގެ އާމްދަނީގެ އެވަރެޖަށްވާ އަދަދުގެ އެއް ޕަސެންޓަށް ވުރެ އިތުރުނުވާ ގޮތަށް ކަމަށެވެ.
މި ބިލުގެ ދަށުން ފިސްކަލް ޒިންމާގެ ޗާޓަރާއި ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި ބަޖެޓު ނަތީޖާ ބަޔާނާއި ފިސްކަލް ހިރާސް ބަޔާނެއް އެކުލަވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ.
އެ ގާނޫނުގެ ދަށުން އެކުލަވައިލާ ފުރަތަމަ ފިސްކަލް ޒިންމާގެ ޗާޓަރު އެ ބިލު ގާނޫނަކަށްވެ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސްދުވަހުގެ ތެރޭގައި އެކުލަވައިލައި ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ދަރަންޏާ ބެހޭ ބިލުގެ ދަށުން ސަރުކާރުގެ ދަރަނި ބެލެހެއްޓުމަށާއި ފިނޭންސް މިނިސްޓްރީއިން ކުރަން ޖެހޭ ކަންކަން ކުރުމަށް ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމަށްޓަކައި އެ ގާނޫނަށް ޢަމަލުކުރަން ފަށާތާ ހަމަސްދުވަހުގެ ތެރޭގައި "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް"ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާނެ އިދާރާއެއް އުފައްދައި މިނިސްޓްރީގެ ދަށުން މިހާރު ހިނގަމުން އަންނަ "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް"ގެ އެންމެހައި ޒިންމާތަކާއި ވަސީލަތްތައް އަދި އިލްތިޒާމްތައް އެ އިދާރާއަށް ބަދަލުކުރާގޮތަށް ކަނޑައަޅައިފައިވެއެވެ.
މި ދެ ގާނޫނަށް އަމަލުކުރަން ފަށާނީ ރައީސް ބިލް ތަސްދީގު ކުރެވުމަށް ފަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން ހަމަސްދުވަސް ފަހުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.