ދެމެހެއްޓެނިވި ގޮތުގައި ގެދޮރު އިމާރާތްކުރާނެ ގޮތުގެ ފޮތެއް ނެރެފި

"ދިވެހިރައްޖޭގައި ވިލުންތެރި ގެދޮރު ބިނާކުރުމުގެ އިރުޝާދު"ގެ ނަމުގައި ފޮތް ނެރުމަށް މިނިސްޓްރީއިން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިޝް ނާހިދު

ރާއްޖޭގައި ބިނާކުރާ ގެދޮރު މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކުރުވަން ލަފާދިނުމުގެ ގޮތުން ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީން މިއަދު އިރުޝާދުދޭ ފޮތެއް ނެރެފިއެވެ.

އެ ކަމަށް ޚާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި "ދިވެހިރައްޖޭގައި ވިލުންތެރި ގެދޮރު ބިނާކުރުމުގެ އިރުޝާދު" ނަމުގައި މި ފޮތް ނެރެދެރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި ފޮތަކީ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ގެދޮރު އިތުރަށް ރައްކާތެރިކޮށް، ވަރުގަދަކޮށް، ދެމެހެއްޓެނިވިކަން އިތުރުކުރަން އިރުޝާދު ދޭ ފޮތެކެވެ. އަދި، ގެދޮރުގެ ކަރަންޓު ހަރަދު ކުޑަކުރާށާއި ތިމާވެއްޓާ ރައްޓެހި ތަކެތި ބޭނުންކުރުމުގެ އިތުރުން، ދުޅަހެޔޮކަން އިތުރުކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މި ފޮތުގައި އިރުޝާދު ދީފައިވެއެވެ.

މިނިސްޓްރީން ބުނީ، މި ފޮތުގެ އެހީގައި ގެދޮރު އިމާރާތްކުރަން ފެންވަރު ރަނގަޅު ތަކެތި އިހުތިޔާރުކުރަން ދަސްކޮށްދީ، ގެދޮރު ވަރުގަދަކޮށް، ހިތްފަސޭހަކުރަން ދަސްވާނެ ކަމަށެވެ.

މިނިސްްޓްރީއިން ނެރުނު މި ފޮތުގައި ފޮތް ބޭނުންކުރާނީ ކޮން ހާލަތެއްގައި ކަމާއި ވިލުންތެރި ގެދޮރު ބިނާކުރުމުގެ އިރުޝާދުތަކާއި ފޮތުގެ ބޭނުން ހިފޭނޭ ފަރާތްތަކުގެ އިތުރުން ފޮތް ބޭނުންކުރެވިދާނޭ ގޮތްތައް ވެސް ވަނީ ބުނެދީފައެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް އިމާރާތްކުރުމުގެ ހުއްދަ ނަގަން ނުޖެހޭ ހާލަތުގައި އެ ފޮތް ބޭނުންކުރެވޭނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

"ދިވެހިރައްޖޭގައި ވިލުންތެރި ގެދޮރު ބިނާކުރުމުގެ އިރުޝާދު"ގެ ނަމުގައި ފޮތް ނެރުމަށް މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިޝް ނާހިދު

އެ ފޮތުގައި ވިލުންތެރި ގެއަކީ ކޮބައިކަން ކިޔައިދީ، އެފަދަ ގެއެއްގައި ހުންނަންޖެހޭނެ ސިފަތައް ވަރަށް ސާފުކޮށް ކުރެހުމުން ދައްކައިދީފައިވެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓްރު މުއްތަލިބު ވިދާޅުވީ، ރާއްޖޭގައި ދެމެހެއްޓެނިވި ގެދޮރަށް ކުރިއަށްވުރެ ބޮޑަށް ބޭނުންޖެހިފައިވާ ކަމަށެވެ.

އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން އާ ގޮތްތަކާއި ދެމެހެއްޓެނިވި އިމާރާތްކުރުމުގެ އާދަތައް ގެންގުޅެން ޖެހޭކަމަށް މިނިސްޓްރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ހުންނަ ގެދޮރާ ބެހޭ އަތްމަތީ ފޮތަކީ އަޅުގަނޑުމެންގެ ލޮބުވެތި ރަށްތަކާއި މުޖުތަމަޢުތަކުގެ ވަކި ޚާއްސަ ބޭނުންތަކަށް އަމާޒުކޮށް ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެއް، ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު

މިނިސްޓަރު ވަނީ މި ފޮތުން ދޭ އިރުޝާދުތަކުގެ އަލީގައި ފަރުދުންނާއި ރަށްރަށުގެ މުޖުތަމައުތަކާއި އަދި ރަށު ފެންވަރުގެ އިދާރާތަކަށް ރައްކާތެރި ދެމިހުންނަނިވި އަދި ދެމެހެއްޓެނިވި ގޭގެ އެޅުމަށް ބާރު ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މި ފަދަ ގެތަކަކީ ކުރިއަށް އޮތް ޖީލުތައް ވެސް ރައްކާތެރިކޮށްދޭނެ ގެތަކެއް ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާއިރު މި ފަދަ ކަންކަމަށް ސަމާލުވާން މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

comment ކޮމެންޓް