ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން "އެމްއެންޔޫ މެރެތަން"ގެ ނަމުގައި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މެރެތަންއެއް ބާއްވަން ނިންމައިފިއެވެ.
މި މެރެތަން ބޭއްވުމުގެ މަޤުޞަދަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ބައްޓަންކުރަން ޔުނިވާސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އަދި އާންމުކޮށް މުޖުތަމަޢުގެ އެންމެންނަށް ހިތަވަރުދިނުމެވެ.
އެމްއެންޔޫ މެރެތަން ބާއްވަން ނިންމާފައިވަނީ ފެބްރުއަރީ 20 އިން 21 އަށް ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ.
އެމްއެންޔޫ މެރަތަންގެ ހަރަކާތްތައް ފަށާނީ ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5:00 ގައި އުމުރުން ހަތް އަހަރާއި ހަތަރު ދެމެދު އުމުރުފުރާގެ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ދެ ކިލޯމީޓަރުގެ "ކިޑްސް ޑޭޝް" ރޭހުންނެވެ. ރޭސް ނިންމާ ކޮންމެ ކުއްޖަކަށް ވެސް މެޑަލް ދޭއިރު، ދުވުމުގައި ކުދިންނާ އެކު ބެލެނިވެރިންނަށް ވެސް ބައިވެރިވެވޭނެއެވެ.
މި ޖޯޝުން ފުރިގެންވާ ހަރަކާތުގެ އެންމެ ދިގު ރޭސް ކަމުގައިވާ 42.2ކިލޯމީޓަރުގެ މެރަތަން ފެށުން އޮންނާނީ ފެބްރުއަރީ 21 ގެ މެންދަމު 2:00ގައެވެ. އަދި، 21.1 ކިލޯމީޓަރުގެ ހާފް މެރަތަން ފެށޭނީ އެ ދުވަހު ފަތިހު 3:00 ގައެވެ.
މީގެ އިތުރުން، 10 ކިލޯމީޓަރުގެ ރޭސް ފެށޭނީ ހެނދުނު 6:00ގައެވެ. އަދި، ފަސް ކިލޯމީޓަރު ރޭސް ފެށޭނީ ހެނދުނު 7:00 ގައެވެ.
މި ދުވުންތަކުން ގިނަ އަދަދެއްގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލައިފައެވެ.
- މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 10،000 ރުފިޔާގެ އިނާމު ލިބޭނެ.
- ހާފް މެރަތަން ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 7،500 ރުފިޔާގެ އިނާމު ލިބޭނެ.
- 10 ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 5،000 ރުފިޔާގެ އިނާމު ލިބޭނެ.
- ފަސް ކިލޯމީޓަރުގެ ރޭހުގެ އެންމެ މޮޅު ތިން ފިރިހެން އަދި ތިން އަންހެން ދުވުންތެރިންނަށް 3،000ރުފިޔާގެ އިނާމު ލިބޭނެ
ފާހަގަކޮށްލެވޭ ގޮތުގައި، ފަސް ކިލޯމީޓަރުގެ ރޭސްތައް ދުވަން ކަނޑައެޅިފައިވަނީ މި ކަމަށް ކަމާބެހޭ މުވައްސަސާގެ މަޝްވަރާއާއި ހުއްދައާ އެކު ކަނޑައަޅާ ލޫޕެއްގައެވެ.
ރޭސް ކުރިއަށްދާއިރު ބޭނުންވެދާނެ މެޑިކަލް އެހީތެރިކަމަކަށް އަދި، އިމާޖެންސީ ހާލަތެއް މެދުވެރި ވެދާނެކަމަށް އެމްއެންޔޫގެ މެޑިކަލް ޓީމަކާއި އެމްބިއުލެންސްގެ ޚިދުމަތް ތައްޔާރީ ހާލަތުގައި އޮންނާނެއެވެ.
މި މެރަތަންގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މި ލިންކު މެދުވެރިކޮށް ބޭނުންވާ ރޭހެއް ޚިޔާރު ކުރެވޭނެއެވެ.
އެމްއެންޔޫ މެރަތަންގެ ރޭސް ކިޓް ދޫކުރުމަށް ބާއްވާ އެކްސްޕޯ އޮންނާނީ ފެބްރުއަރީ 15 ވާ ހޮނިހިރު ދުވަހުން ފެށިގެން ފެބްރުއަރީ 19 ވާ ބުދަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.
އެމްއެންޔޫން ބުނީ، މި ހަރަކާތަކީ ތަފާތު ހަރަކާތަކަށް ވާނެ ކަމަށެވެ. އެހެންވެ، މި ދުވުމުގައި ވީހާ ވެސް ގިނަ މީހުން ބައިވެރިވާން އެ ޔުނިވާސިޓީން ވަނީ އެދިފައެވެ.