ދަރިފުޅު ވަތްގަޑަކަށްލައި ފޮރުވައިގެން 3 އަހަރު ގެންގުޅުނު އިނގިރޭސިވިލާތުގެ މީހަކު ޖަލަށް

ތުއްތު ދަރިފުޅު ފޮރުވައިގެން ގެންގުޅުނު އަންހެނަކު ވަނީ ޖަލަށް ލާފައި.ފޮޓޯޕީއޭ

ތުއްތު އަންހެން ދަރިފުޅު ވަތްގަޑަނކަށްލައި ފޮރުވައިގެން ގާތްގަޑަކަށް ތިން އަހަރު ދުވަހުގެ ގެންގުޅުނު އިނގިރޭސިވިލާތުގެ އަންހެނަކު ހަތް އަހަރާއި ބައިގެ މުއްދަތައް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ގާނޫނީ ސަބަބުތަކާ ހުރެ ނަން ހާމަނުކޮށް، އަންހެން މީހާއަށް ހުކުމްކުރީ އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގެ ޗެސްޓާ ކްރައުން ކޯޓުގައެވެ. އެ ކުއްޖާ ފެނުނީ އޭނާއަށް ތިން އަހަރުވާން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަމަށް މައްސަލަ ބެއްލެވި ޣާޒީއާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.

ކޯޓަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތަރު ދައުވާއަކަށް މިދިޔަ މަހު އެއްބަސްވި އެ އަންހެން މީހާ ވަނީ އޭނާގެ ގޭގައި އުޅޭ ބައިވެރިޔާގެ އިތުރުން އޭނާގެ އެހެން ދަރިންނަށް ވެސް ތުއްތު ކުއްޖާ ފޮރުވާފައެވެ.

ޕީޖީ ސިއޮން އެޕް މިހަންގޭލް ވިދާޅުވީ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވަރަށް ބޮޑަށް ކާނާއަށް ބޭނުންވެފައިވާ ކަމަށާއި ފެން މަދުވެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. ކޯޓުގައި އިއްވި ހުކުމުގައި ބުނެފައިވާ ގޮތުގައި ކުއްޖާއަށް ހަމައެކަނި ކާންދީފައި ވަނީ ސިރިންޖެއް މެދުވެރިކޮށް ކިރު އަޅައިގެންދޭ ސީރިއަލްއެކެވެ.

"ނިދާކޮޓަރީގައި ހުރި ވަތްގަޑެއްގައި ފޮރުވައިގެން ގެންގުޅެ، އެހެންމީހަކާ މުއާމަލާތް ކުރިޔަނުދީ ބެހެއްޓުމުގެ ސަބަބުން ކުއްޖާގެ ސިކުނޑި ތަރައްޤީވެފައިވާ ވަނީ ވަރަށް ކުޑަކޮށް ކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ.

މަންމަ މަސައްކަތަށް ދާއިރުއާއި، އެހެން ކުދިން ސްކޫލަށް ގެންދާ ވަގުތުން އަދި އެ ނޫން ވެސް ކަންކަމުގައި ބޭރުގައި އުޅޭ ވަގުތު ގޭގައި ހުންނަނީ ކުއްޖާ އެކަނި ދޫކޮށްލާފައި ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.

ތުއްތު ކުއްޖާ ފޮރުވައިގެންގެ ގެންގުޅެނިކޮށް ފެނުނީ އަންހެންމީހާގެ ބައިވެރިޔާއަށެވެ.

ފުލުހުންނަށް ދިން އިންޓަވިއުއެއްގައި އަންހެން މީހާ ބުނީ އޭނާ ބަނޑުބޮޑުކަން ނޭނގޭ ކަމަށާއި ވިހެއުމަށް ހަގީގަތުގައި ވެސް ބިރުގަންނަ ކަމަށެވެ.

comment ކޮމެންޓް