ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ އަދި އަޖޭ ދޭވްގަންއަށް ބޮޑު ބޭބެކިޔާ އާމަން ދޭވްގަން ބޮލީވުޑަށް ތައާރަފްވާ ފިލްމު "އާޒާދު" އަންނަ އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރަން ތާވަލުކޮށްފިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ފިލްމު ރިލީޒްކުރާނެ ތާރީޚަކީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަސްކަން އިއުލާނުކުރި އިރު މި ފިލްމުގެ ޓީޒާއަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ފިލްމު ރިލީޒްކުރާނެ ތާރީޚާ އެކު ފިލްމު ގެނެސްދޭ ކުންފުނިން ވަނީ "އާޒާދު"ގެ އާ ޕޯސްޓަރެއް ވެސް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
ރަޝާ ތަޑާނީ އާއި އާމަން ދޭވްގަންގެ އިތުރުން މި ފިލްމުގެ ވަރަށް މުހިއްމު ރޯލްއިން އަޖޭ ދޭވްގަން އަދި ބަތަލާ ޑަޔާނާ ޕެންޓީ ފެންނާނެއެވެ. މިފިލްމަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށް މީގެކުރިން ވެސް ޒުވާން އެކްޓަރުން ސިނަމާއަށް ތައާރަފްކޮށްފައިވާ ޑައިރެކްޓަރު އަބީޝެކް ކަޕޫރު އުފައްދާ ފިލްމެކެވެ.
އަބީޝެކް ވަނީ ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން ވެސް ފިލްމީ ދާއިރާއަށް ތައާރަފްކޮށްފައެވެ. ސާރާ ފިލްމީ ދާއިރާއަށް ތައާރަފްވީ އަބީޝެކްގެ ފިލްމު "ކެދަރުނާތު"އިންނެވެ.
ފިލްމު "އާޒާދު"އަކީ ތާރީޚީ ލޯބީގެ ވާހަކައެއް ގެނެސްދޭ ވަރަށް އެޑްވެންޗަރަސް ފިލްމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. ރަޝާ ފިލްމުގައި ފެންނާނީ ވަރަށް މުއްސަނިދު ޝާހީ އާއިލާއަށް ނިސްބަތްވާ ޒުވާނެއްގެ ރޯލްއިންނެވެ. މި ފިލްމުން 2004 ވަނަ އަހަރު ރިލީޒްވި އަޖޭގެ ފިލްމު "ތާޒަން: ދަ ވޮންޑަ ކާ"ގެ ހަނދާންތަކެއް އާކުރުވި ކަމަށް ވެސް ފިލްމުގެ ޓީޒާ ބެލި ބައެއް މީހުން ވަނީ ބުނެފައެވެ.