ޖާގައިގެ ދަތިކަމާ ހެދި މައްސަލަތައް ލަސްވެފައިވާ ކްރިމިނަލް ކޯޓުން ރިސެސްއަށް ދަނީ 16 ދުވަހަށް

ކްރިމިނަލް ކޯޓު: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖާގައިގެ ދަތިކަމާ ހެދި މައްސަލަތައް ލަސްވެފައިވާ ކްރިމިނަލް ކޯޓުން ރިސެސްއަށް ދާނީ 16 ދުވަހަށް ކަމަށް އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ އެ ކޯޓު ރިސެސްއަށް ދާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ބަޔާނުގައި ވަނީ ކޯޓުގެ އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަދިވެސް ހައްލު ނުވާތީ މިހާރުވެސް ކޯޓުން މަސައްކަތްކުރަނީ ޝަރީއަތްކުރާ މާލަންތައް އެކި ގާޒީންނަށް އެކި ދުވަސް ބަހާލައިގެން ކަމަށެވެ. އަދި ކޯޓުން އެންމެ ބޭނުންވާ މިންވަރަށް އަޑުއެހުންތައް ތާވަލުކުރުމުގައި ގޮންޖެހުންތަކެއް ހުރުމުން ޑިސެމްބަރު މަސް އެއްކޮށް ރިސެސްއަށް ނުދިޔުމަށް ނިންމީ ކަމަށް އެ ބަޔާނުގައިވެއެވެ.

ނަމަވެސް ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި އިމާރާތައް ކޯޓުގެ މަސައްކަތްތައް ބަދަލުކުރެވިއްޖެނަމަ ކޯތުގެ ޖާގައިގެ ދަތިކަމަށް ހައްލުލިބި މަސައްކަތްތައް އަވަސް ކުރެވޭނޭ ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ވަނީ މިދިޔަ މަހުގެ ނިޔަލަށް އެ ކޯޓުން ކޮށްފައިވާ މަސައްކަތްކުގެ ތަފާސްހިސާބުތައްވެސް ހިއްސާކޮށްފައެވެ. އެ މަސައްކަތްތަކަށް ބަލާއިރު:

  • 7958 ގަޒިއްޔާގެ އަޑުއެހުން ތާވަލުކުރުން
  • 515 ގަޒިއްޔާ ކޯޓުން ނިންމުނު
  • 2615 މީހުންގެ ބަންދާމެދު ގޮތެއް ނިންމުނު
  • 2043 ތަފާތު އެކި ކޯޓު އަމުރު ދޫކުރުން

މީގެ އިތުރުން އެ ކޯޓުން ވަނީ ރިސެސްއަށް ދިޔަ ނަމަވެސް އެ ކޯޓުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައްވެސް ހިއްސާ ކޮށްފައެވެ. އެ ގޮތުން އެ ކޯޓުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި:

  • ކޯޓުގެ އިމާރާތް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ތަރުތީބުކުރުން
  • ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުން
  • ތަފާތު އެކި ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތް
  • ހޭބިއަސް ކޯޕަސް އަމުރުތަކާއި މުދާ ދޫކުރުމަށް އެދި ހުށަހަޅާ މައްސަލަތައް
  • ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަކާއި ގާނޫނާއު ގަވާއިދުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިމެންޖެހޭނެކަމަށް ކަނޑައަޅާފައިވާ ކަންތައްތައް ކުރިއަށް ގެންދިއުން
  • އިމާރާތުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ދެ އިމާރާތެއްގައި ކޯޓުން މަސައްކަތް ކުރަން ޖެހިފައި ވާތީ އިދާރީގޮތުން ދިމާވާ ދަތިތައް ހައްލުކޮށް ހަރުދަނާ ކުރުމަށްޓަކައި މަސައްކަތްތައް އިންތިޒާމުކުރުމާއި މިކަމާއި ގުޅިގެން އިދާރީ އެސްއޯޕީތަކާއި މުއައްޒަފުންނާއި ގުޅުންހުރި އުސޫލުތައް ތައްޔާރުކުރުމާއި އަންނަ އަހަރަށް ތައްޔާރުވުމުގެ ގޮތުން އިދާރީ ގޮތުން ކުރަންހުރި މަސައްކަތްތައް ކުރުން

ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން, ކޯޓުތައް ރިސެސްއަށް ދިޔަ ނަމަވެސް އިދާރީ މަސައްކަތްތަކާއި މައްސަލަ ބަލައިގަތުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެއެވެ.

ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ މި މަހުގެ ނިޔަލަށް ރިސެސްއަށް ގޮސްފައެވެ.

މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކްރިމިނަލް ކޯޓަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި، މި ސަރުކާރުން ހުޅުމާލޭގައި އަޅަމުން އަންނަ އެ ކޯޓުގެ އާ އިމާރާތް އަންނަ އަހަރުގެ މެދުތެރެއަށް ނިމޭނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/198978

އެ މަނިކުފާނު ވިދާޅުވީ މާޗު ނުވަތަ އޭޕްރީލް ހިސާބުގައި އާ އިމާރާތުގެ މަސައްކަތް ނިމުމާ އެކު، ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ބާރަށް ހިނގާނެ ކަމަށެވެ.

ކްރިމިނަލް ކޯޓު ފަދަ ސުޕީރިއާ ކޯޓުތަކުން އާންމު ގޮތެއްގައި ޑިސެމްބަރާއި ޖޫން މަހު ވަކި ދުވަސްތަކެއްގައި ރިސެސްއަށްދާ ނަމަވެސް، މިދިޔަ އަހަރުގެ ޖޫންއާއި ޑިސެމްބަރު މަހު ވެސް އެ ކޯޓުން ގިނަ މައްސަލަތަކެއް ކުރިއަށް ނުގެންދެވި އޮތުމުން ރިސެސްއަށް ނުދެއެވެ.

މާލޭގައި ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބޭނުން ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެ އިމާރާތުގެ އެއް ބައި އޮންނަނީ ބަންދުކޮށްފައެވެ.

comment ކޮމެންޓް