ދިވެހި ފިރިހެނަކު 97ވަނަ ފަހަރަށް ހައްޔަރުކުރީ ކަޓަރުން ބިރުދައްކައި ފޭރެން އުޅެނިކޮށް

ކްރިމިނަލް ކޯޓު: ވައްކަންކޮށް، ކަޓަރަކުން ބިރުދެއްކި މައްސަލައިގައި މީހަކު ބަންދުކުރަން އަމުރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވައްކަން ކުރަން އުޅުމުގެ ތެރެއިން ސެކިއުރިޓީ މީހަކަށް ކަޓަރަކުން ބިރު ދެއްކި މައްސަލައިގައި ބަންދުކުރި ދިވެހި ފިރިހެނަކު މީގެ ކުރިން 97ފަހަރު ހައްޔަރުކޮށްފައި ވާކަން ހާމަވެއްޖެއެވެ.

އެއީ އުމުރުން 36 ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް، އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެއްކާއި ގަރީނާ ވަނީ ހުށަހަޅާފައެވެ. އެގޮތުން އޭނާ ވައްކަންކުރަން އުޅޭތަން ސީސީޓީވީއިން ފެނިގެން އޭނާ ހުއްޓުވުމުން ވަގަށް ނެގި އެތި އެއްލައިލި ކަމަށާއި އެވަގުތު އޭނާގެ އަތުގައި އޮތް ކަޓަރަކުން ފިހާރައިގެ ސެކިއުރިޓީއަށް ބިރުދައްކައި އެތަނުން ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި ފުލުހުން އޭނާ ހުއްޓުވިއިރު އޭނާގެ އަތުން ކަޓަރު ފެނުނު ކަމަށް ވެސް އަމުރުގައިވެއެވެ.

އެ މައްސަލައިގައި އޭނާ ބަންދުގައި ބަހައްޓަންޖެހެނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ހަމައެއާއެކު އޭނާއަކީ ވައްކަމާއި މަސްތުވާތަކެތީގެ ބަންދު ރެކޯޑު ގިނަ މީހެއްކަން ޝަރީއަތުން ފާހަގަކޮށްފައިވެއެވެ. އެގޮތުން މީގެކުރިން އޭނާ 97 ފަހަރަށް ބަންދުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި 2015ވަނަ އަހަރު ހަތަރު ފަހަރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ކޯޓު އަމުރުން އެނގެއެވެ. އަދި 47 ފަހަރު އޭނާގެ މައްޗަށް އެކިފަހަރުމަތިން ބަންދުގެ މުއްދަތު ވެސް ވަނީ މީގެ ކުރިން ޖަހައިފައެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ޝަރީއަތުގައި އޭނާ ވަނީ ވަކީލަކު އައްޔަނުކުރަން ބޭނުންވާކަމަށް ބުނެފައެވެ. އޭނާގެ ފަރާތުން ވަކީލަކު އައްޔަނުކޮށްފިނަމަ، ބަންދުކުރެވޭތާ ފަސް ދުވަހުގެ ތެރޭގައި ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރަންޖެހޭނެ ކަމަށް އަމުރުގައިވެއެވެ.

މި މައްސަލައިގައި ކޯޓުން އަމުރުކުރީ އިއްޔެއިން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށެވެ.

comment ކޮމެންޓް