ޖަރުމަނު ބުންޑެސްލީގާގައި އެއްވަނައިގައި އޮތް ބަޔާން މިޔުނިކާއި ބޮރުޝިއާ ޑޯޓްމުންޑް ބައްދަލުކުރި ޑާ ކްލާސިކާގެ ނަމުން މަޝްހޫރުވެފައިވާ މެޗު އެއްވަރުވެއްޖެއެވެ.
ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެޗުގެ ކުރީކޮޅު ބަޔާނުން ނުރައްކާތެރި ދެތިން ހަމަލާ އުފެއްދިއެވެ. ނަމަވެސް، މެޗުގެ 27 ވަނަ މިނެޓުގައި ޖެމީ ގިޓެންސް އަމިއްލައަށް ތަނަވަސްކުރި ފުރުސަތެއްގައި ޑޯޓްމަންޑުން ކާމިޔާބުކުރި ލަނޑާ އެކު މެޗުގެ ލީޑު ނެގިއެވެ. މި ލަނޑާ އެކު ބަޔާނަށް ކޮންމެ ވެސް ވަރަކަށް ސިހުން ލިބުނެވެ.
އެ ޓީމަށް އިތުރު މައްސަލަތަކާ ކުރިމަތިވީ އޭގެ ތިން މިނެޓު ފަހުން ބަޔާންގެ ނުރައްކާތެރި ފޯވަޑް ހެރީ ކޭނަށް އަނިޔާވެގެން ބާލަން ޖެހުމުންނެވެ.
ބަޔާނުން ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޖަމާލް މުސިއެލާއެވެ. މި ލަނޑާ އެކު މުސިއެލާ މިވަނީ މި ސީޒަންގައި ލީގުގައި ފުރަތަމަ ފަހަރަށް ބަޔާން ބަލިވިޔަނުދީ ސަލާމަތް ކޮށްދީފައެވެ.
މެޗުން ލިބުނު ޕޮއިންޓާ އެކު ބަޔާން މިހާރު އޮތީ 30 ޕޮއިންޓާ އެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް އެއިންޓްރެކްޓް ފްރޭންކްފާޓާ ދެމެދުގައި މި ވަގުތު ހަތް ޕޮއިންޓް އޮތް ނަމަވެސް ފްރޭންކްފާޓް މި ހަފުތާގައި ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް މި ލީޑު ހަތަރު ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ޑޯޓްމުންޑް އުޅެނީ 20 ޕޮއިންޓާ އެކު ފަސް ވަނައިގައެވެ.
މި މުބާރާތުގައި ވާޑާ ބްރޭމަންއާއި ވީއެފްބީ ޝުޓުޓްގާޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވީއެވެ.
މި މެޗުގައި ބްރޭމަންގެ ދެ ލަނޑު އެ ޓީމަށް ޖަސްޓިން ނިޔިންމާއާއި ޔެންސް ސްޓާގަ ކާމިޔާބުކޮށްދިންއިރު ޝުޓުޓްގާޓްގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އެރްމެޑިން ޑެމިރޮވިޗެވެ. މެޗު އެއްވަރުވުމުން ޝުޓުޓްގާޓް 17 ޕޮއިންޓާ އެކު އަށްވަނައިގައި އޮތްއިރު ބްރޭމަން އޮތީ 16 ޕޮއިންޓާ އެކު 12 ވަނައިގައެވެ.