ޔުކްރެއިން ހަނގުރާމަ ނިމުމަކާ ގާތަށް! ޔުކްރެއިން ދޫދޭން ތައްޔާރުވަނީ

ޔުކްރެއިންގެ ރައީސް ވްލަދިމިޔަރ ޒެލެންސްކީ

ކިޔޭވް (30 ނޮވެންބަރު 2024) : ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ރަޝިއާ އަށް ދޫތަކެއް ދިނުމާމެދު ވިސްނަމުންދާކަމަށް ޔުކްރެއިންގެ ރައީސް ވްލަދިމިޔަރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ސްކައި ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވިދާޅުވީ ޔުކްރެއިން ގެ ބިންތަކުގެ ތެރެއިން ރަޝިއާގެ އަތްދަށުލާފައިވާ ބިންތައް ފިޔަވައި ޔުކްރެއިން ސަރުކާރުގެ ކޮންޓްރޯލް ގެ ދަށުގައިވާ ބިންތަކަށް ނޭޓޯގެ ހިމާޔަތް ދޭގޮތަށް މައްސަލަ ހައްލުކުރަން ޔުކްރެއިން ގަބޫލުވެދާނެ ކަމުގައެވެ. ނަމަވެސް މިކަމުގެ މާބޮޑު ތަފްސީލެއް ޒެލެންސްކީ ނުދެއްވައެވެ.

މިއީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް ދޫކޮށްލުމުގެ ނުސީދާ އިޝާރާތެއްކަމަށް މުރާސިލުން ބުނެއެވެ.

ޒެލެންސްކީގެ ވާހަކަ ހުރިގޮތުން ލަފާކުރެވެނީ ޔުކްރެއިން ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ބިންތަކަށް ނޭޓޯއިން ހިމާޔަތް ދޭނަމަ ނޭޓޯގެ މެންބަރަކަށް ވުމަށް ޔުކްރެއިން އެދޭ އެދުން ސުލްހައަށްޓަކައި ދޫކޮށްލަފާނެ ކަމުގައެވެ.

ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް އަލުން ހޯދަން ކުރާ މަސައްކަތް ސުލްހައަށް ޓަކައި ހުއްޓާލަފާނެ ކަމުގެ ނުސީދާ އިޝާރާތެއް ވެސް ޒެލެންސްކީ ދެއްވިއެވެ. މިއީ މިމޭރުމުން ޒެލެންސްކީ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި ރަޝިއާ ޔުކްރެއިން އާ ދެކޮޅަށް ހާސިލް ކުރަން ބޭނުންވާ މައިގަނޑު މަގްސަދުތައް ރަޝިއާ މިހާރުވަނީ ހާސިލްކޮށްފައެވެ. އޭގެތެރޭގައި ޔުކްރެއިންގައި ރަޝިއާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަހައްދުތައް ހިފައި އެތަންތަން ރަޝިއާގެ ބިންތަކުގެ ގޮތުގައި ހަމަޖެއްސުމާއި ރަޝިއާ އަސްކަރީ ގޮތުން ބޭނުންވާ ޔުކްރެއިންގެ ކްރައިމިޔާ ސަރަހައްދު ވެސް ހިފައި އެތަން ވެސް ރަޝިއާގެ ތަނެއްގެ ގޮތުގައި އެނެކްސް ކުރުން ހިމެނެއެވެ.

ކްރައިމިޔާ އަކީ ރަޝިއާގެ ކަނޑުގެ ފްލީޓް ނުވަތަ ކަނޑުގެ ބާރުތަކުގެ މައި މަރުކަޒެވެ. އެއީ ކުރިން ރަޝިއާގެ ތަނެއްކަމަށް ވިޔަސް ސޮވިއެޓް ޔުނިޔަން ނުވަތަ ކުރީގެ ރޫސީވިލާތުގެ އިއްތިޙާދު ރޫޅިގެން ދިޔައިރު އެތަން އޮތީ ޔުކްރެއިންގެ ސަރަހައްދެއްގެ ގޮތުގައެވެ.

ހުޅަނގުގެ ގައުމުތައް އަޑީގައި ތިބެގެން 2014 ވަނަ އަހަރު ޔުކްރެއިންއަށް ގެނައި މަދަނީ އިންގިލާބުގެ ނަތީޖާއެއްގޮތުން ހުޅަނގަށް ތާއީދުކުރާ ސަރުކާރެއް ޔުކްރެއިން ގައި އުފެއްދުމާއެކު އެސަރުކާރުން އަސްކަރީ ކަންކަމުގައި ކްރައިމިޔާ ބޭނުންކުރުމުގެ ފުރުސަތު ރަޝިއާ އަށް ދިނުމަށް ހުރަސްއަޅަން ފެށިއެވެ.

ނަތީޖާއަކަށްވީ ރަޝިއާ އަސްކަރީގޮތުން ކްރައިމިޔާއަށް އަރައި ކްރައިމިޔަ އެއްކޮށް ހިފައި އެތަނުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު އެ ސަރަހައްދު ރަޝިއާގެ އިއްތިހާދީ ވެރިކަމުގެ ބައެއް ގެ ގޮތުގައި ހަމަޖެއްސުމެވެ.

މި މައްސަލާގައި އެމެރިކާއާއި ޔޫރަޕް ރަޝިއާ ދެކެވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމަށް ޓަކައި އެ ގައުމުގެ ކަނޑުގެ ފްލީޓްގެ މައި މަރުކަޒުކަމަށްވާ ކްރައިމިޔާ ގެ ބޭނުންރަޝިއާ އަށް ނުހިފޭނެ ގޮތް ހެދުމަށް ޔުކްރެއިންގައި އުފެއްދި ހުޅަނގަށް ތާއީދުކުރާ ސަރުކާރާ ގުޅިގެން ހުޅަނގުން ރޭވިރޭވުންތައް ރަޝިއާ ނާކާމިޔާބު ކޮށްލުމާ ގުޅިގެންނެވެ.

އެއަށްފަހު ހުޅަނގުން ރޭވީ ޔުކްރެއިން ނޭޓޯއަށް ވައްދައިގެން އަސްކަރީ ގޮތުން ރަޝިއާ ހިސާރު ކުރުމުގެ ރޭވުންތަކެވެ. މިކަން ކުރިޔަ ނުދިނުމަށްޓަކައި 2022 ވަނަ އަހަރު ރަޝިއާ ޔުކްރެއިން އަށް އަސްކަރީ ގޮތުން އަރައިގަތީއެވެ. އަރައިގަނެ ހަނގުރާމަ ފެށީއެވެ.

ހަނގުރާމަ ފެށުމަށްފަހު ރަޝިއާ ޔުކްރެއިންގެ ކިބައިން އެދުނީ މައިގަނޑު ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ ޔުކްރެއިން ނޭޓޯގެ މެންބަރަކަށް ނުވާނެކަމުގެ ޔަގީންކަން ދިނުމެވެ. ޔަގީންކަން ދިނުމަށް ރަޝިއާ އެދުނީ ޔުކްރެއިން އަކީ އަސްކަރީ ގޮތުން އެއްވެސް ގައުމަކާ އަދި ޖަމާއަތަކަ ނުގުޅޭ ނިއުޓްރަލް ގައުމެއްގެ ގޮތުގައި އޮންނާނެކަން ޔުކްރެއިންގެ ގާނޫނު އަސާސީގައި ހިމަނާގޮތަށެވެ.

ދެވަނަ ކަމަކީ ޔުކްރެއިންގެ އިރުމަތީ ލޮޣާންސް އާއި ދޮނިޔެކްސް މިދެ ސަރަހައްދުގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް ޔުކްރެއިން އަރައިގަންނަ އަރައިގަތުން ހުއްޓުމަކަށް ގެނައުމެވެ.

ރަޝިއާ ދަރިކޮޅުގެ މީހުންގެ ސިޔާސީ މަދަނީ ސަގަފީ އަދި އިޖްތިމާއީ ހައްގުތައް ރައްކާތެރި ކުރާނެކަމުގެ ޔަގީންކަންދޭ އެއްބަސްވުމެއްގައި ރަޝިއާ އާއެކު ސޮއިކުރުމަށެވެ. މިދެކަންތަކަށްވެސް ޔުކްރެއިންވަނީ ދެކޮޅު ހަދާފައެވެ.

ނަތީޖާއަކަށްވީ ރަޝިއާ އަސްކަރީ ބާރު ބޭނުންކޮށްގެން މިދެ މަގްސަދު ހާސިލް ކުރުމެވެ. ހަނގުރާމައަށް އަހަރެއްވީއިރު ރަޝިއާ ވަނީ މީގެތެރެއިން އެއްމަގްސަދު ކަމަށްވާ ރަޝިއާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ޔުކްރެއިންގެ އިރުމަތީ ލޮޣާންސް އާއި ދޮނިޔެކްސް މިދެ ސަރަހައްދު ހިފައި އެދެތަނުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ރަޝިއާގެ އިއްތިޙާދީ ދައުލަތުގެ ބައެއްގެ ގޮތުގައި އެދެ ސަރަހައްދު ހަމަޖައްސާފައެވެ.

މިހިސާބުން ރަޝިއާ ދަރިކޮޅުގެ މީހުން ޔުކްރެއިންގެ ގޯނާތަކުން ސަލާމަތް ކުރުމުގެ މަގްސަދު ރަޝިއާއަށް ހާސިލްވީއެވެ.

އަނެއް މަގްސަދަކީ ނޭޓޯގެ މެންބަރަކަށް ޔުކްރެއިން ހެދިޔަ ނުދިނުމުގެ މަގްސަދެވެ. ރަޝިއާގެ އަސްކަރީ ގަދަ ފަދަ ޙަމަލާތަކުގައި ޔުކްރެއިންގެ ހަކަތައާ އަދި އަސްކަރީ އިންފްރާސްޓްރަކްޗަރ މުޅިން ކަހަލަ ގޮތަކަށް ހަލާކުކޮށްލާފައިވާތީ ޔުކްރެއިން މިހާރު އޮތީ ނޭޓޯގެ ސްޓޭންޑަޑްތަކަށް ވުރެ އެތަށް އަހަރެއް ފަހަތުގައެވެ.

ނޭޓޯއަށް ވަދެވޭނީ އަސްކަރީ އިންފްރާސްޓްރަކްޗަ ވަރަށް މަތީފެންވަރަކަށް ބިނާކޮށްގެންނެވެ. އަސްކަރީ ވަކި ސްޓޭންޑަޑްތަކެއް އެ ގައުމެއްގައި ހުރެގެންނެވެ. ކުރިޔަށް އޮތް ދިހަ އަހަރު ވެސް މި ފެންވަރަށް ދެން އަސްކަރީ އިންފްރާސްޓްރަކްޗަ ބިނާކުރުމަކީ ޔުކްރެއިންއަށް ކުރެވޭނެ ކަމެއް ނޫންކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ.

އެހެންކަމުން މި މަގްސަދުވެސް ރަޝިއާ މިހާރު މިވަނީ ހާސިލްކޮށްފައި ކަމަށާއި މިއާއެކު ޔުކްރެއިން ހަނގުރާ މިހާރު މިވަނީ އޭގެ ފަހު މަރުހަލާގައިކަމަށް ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ.

ރަޝިއާ އަށް މިހާރު ހާސިލް ނުކުރެވި އޮތް ހަމަކަނި ލަނޑުދަނޑިއަކީ ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމެވެ. އެމެރިކާގެ ރައީސްކަމަށް ޓްރަމްޕް ވަޑައިގަތުމާއެކު މި މަގްސަދު ވެސް ލަސްތަކެއް ނުވެ ރަޝިއާ ހާސިލްކުރާނެކަމަށް އެ ފަރާތްތަކުން ދެކެއެވެ.

comment ކޮމެންޓް