ޔުކްރެއިންގެ ހަމަލާތަކަކާ ގުޅިގެން ރަޝިއާގެ އެންމެ ބޮޑު 4 އެއާޕޯޓް ބަންދުކޮށްފި

ޔުކްރެއިން ގެ ޑްރޯން ހަމަލާތަކެއްގައި ރަޝިއާގެ ރިފައިނަރީ އެއް އަނދަނީ

މޮސްކޯ (22 ޖޫން 2026) : ޔުކްރެއިނުން ރަޝިއާއަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެން ރަޝިއާގެ އެންމެ ބޮޑު ހަތަރު އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ރަޝިއާ ބުނާގޮތުން ޔުކްރެއިން ހަމަލާދިނީ އެއްފަހަރާ 350 އަށް ވުރެގިނަ ޑްރޯން ބޭނުންކޮށްގެން ޑްރޯން ހަމަލާތަކެކެވެ. ޑްރޯންތައް ވައްޓާލުމަށް ރަޝިއާ ގިނަ މަސައްކަތްތަކެއް ކުރަންޖެހުނެވެ. އެކަމުގެ ނަތީޖާއަކަށްވީ ރަޝިއާގެ އެންމެ ބޮޑު ހަތަރު އެއާޕޯޓް ވަގުތީގޮތުން ބަންދުކުރަން ޖެހުމެވެ.

ރަޝިއާގެ އަސްކަރީ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި މީގެތެރެއިން 300 އަށް ވުރެގިނަ ޑްރޯން އެގައުމުގެ ދިފާއީ ބާރުތަކުންވަނީ ވައްޓާލާފައެވެ. ނަމަވެސް ކޮންޓްރޯލް ނުކުރެވުނު ޑްރޯންތަކުން ރަޝިއާގެ ބައެއް ތަންތަނުގައި އަލިފާންރޯވެ ބައެއް ގެއްލުންތައް ވަނީ ލިބިފައެވެ.

މި ފަހަކަށް އައިސް ޔުކްރެއިން ގެންދަނީ ގިނަ އަދަދެއްގެ ޑްރޯންތައް އެއްވަގުތަކު ބޭނުންކޮށްގެން ރަޝިއާއަށް ގިނަ ހަމަލާތަކެއް ދެމުންނެވެ. މިދިޔަ ހަފްތާގައިވެސް ޔުކްރެއިންވަނީ ރަޝިއާގެ ވެރިރަށް މޮސްކޯ އަށާއި މޮސްކޯ ވަށައިގެންވާ ސަރަހައްދުތަކަށް 500 އަށް ވުރެގިނަ ޑްރޯން އެއްފަހަރާ ބޭނުންކޮށްގެން ފުޅާދާއިރާއެއްގައި ހަމަލާތަކެއް ދީފައެވެ.

ޔުކްރެއިންގެ ޑްރޯނެއް

މި ޑްރޯންތަކުގެ ސަބަބުން މޮސްކޯގައިވާ އެންމެ ބޮޑު ތެޔޮ ސާފުކުރާ ރިފައިނަރީއަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ގެއްލުންތަކުގެ ތެރޭގައި އެރިފައިނަރީގައި އަލިފާން ރޯވެ އެތަނުން ސާފުކުރާ ތެލުގެ މިންވަރު ވަރަށް ބޮޑަށް ދަށަށްދިޔުން ހިމެނެއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާ ބުނާގޮތުން މި 500 ޑްރޯންގެ ތެރެއިން 450 އަށް ވުރެގިނަ ޑްރޯން ވައްޓާލެވުނެވެ. ނަމަވެސް ބައެއް ޑްރޯންތައްވަނީ ރަޝިއާގެ ދިފާއީ ނިޒާމުން ސަލާމަތްވެ އޭގެ އަމާޒުތަކަށް ވާސިލް ވެފައެވެ. އަދި ޑްރޯންތައް ވައްޓާލުމަށް ބޭނުންކުރި ދިފާއީ މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުންވެސް ރަޝިއާގެ ބައެއް އިމާރާތްތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ރަޝިއާ ބުނާގޮތުން ޔުކްރެއިން އަލަށް ބޭނުންކުރާ ޑްރޯންތަކަކީ ޖަރުމަނުގެ އުފެއްދުމެކެވެ. މިއީ ދިގު ރާސްތާގެ ޑްރޯންތަކެކެވެ. ޖަރުމަނުގައި އުފައްދާ އެޑްރޯންތަކުގައި ޔުކްރެއިންގެ އެއްޗެއްކަމުގެ ލޭބަލް ޖަހަނީއެވެ. މިހާ ގިނަ އަދަދަކަށް ޔުކްރެއިންގައި ޑްރޯން ނުއުފެއްދޭނެ ކަމަށާއި މިއީ ނޭޓޯ އަޑީގައި އޮވެގެން ޖަރުމަނާއި ޔުކްރެއިން ގުޅިގެން ރަޝިއާއާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނެއްކަމަށް ރަޝިއާގެ މަސްއޫލުވެރިން ވިދާޅުވެއެވެ. ރަޝިއާ ވަނީ ޔުކްރެއިންގެ މި ހަމަލާތަކަށް ވަރަށް ވޭންދެނިވި ރައްދެއް ދޭނެކަމަށް ބުނެ އިންޒާރު ދީފައެވެ.

ރަޝިއާ އިއްޔެވަނީ މިސައިލުން ޔުކްރެއިންއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ޔުކްރެއިންގެ އަސްކަރީ ގުދަންތަކެއްވަނީ އަނދައި ހުލިވެފައެވެ. ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިންގެ ހަކަތައިގެ އެތައް މަރުކަޒެއް ހަލާކުވެ އެކަކު މަރުވެ އެތައް ބަޔަކުވަނީ ޒަޚަމްވެފައެވެ.

ޔުކްރެއިނުން 350 އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން ރަޝިއާއަށް ވަނީ ހަމަލާދީފައެވެ. ރަޝިއާގެ ދިފާއީ ބާރުތަކުން ގިނަ ޑްރޯންތައް ވައްޓާލި ނަމަވެސް، ކޮންޓްރޯލް ނުކުރެވުނު ޑްރޯންތަކުގެ ސަބަބުން ބައެއް ތަންތަނުގައި އަލިފާންރޯވެ ގެއްލުންތަކެއް ވަނީ ލިބިފައެވެ. ރަޝިއާއިން ތުހުމަތުކުރާ ގޮތުގައި މިއީ ނޭޓޯގެ އެހީގައި ޖަރުމަނުން އުފައްދާފައިވާ ޑްރޯންތަކެކެވެ. މީގެ ރައްދުގައި ރަޝިއާއިން ވަނީ ޔުކްރެއިންގެ ހަކަތައިގެ މަރުކަޒުތަކަށާއި އަސްކަރީ ގުދަންތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.

  • ޔުކްރެއިނުން 350 އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން ރަޝިއާއަށް ހަމަލާދިނުން.
  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރަޝިއާގެ އެންމެ ބޮޑު 4 އެއާޕޯޓު ވަގުތީގޮތުން ބަންދުކުރުން.
  • ހަމަލާތަކުގައި ބޭނުންކުރީ ޖަރުމަނުން އުފައްދާފައިވާ ޑްރޯންތަކެއްކަމަށް ރަޝިއާއިން ތުހުމަތުކުރުން.
  • ރައްދުގައި ރަޝިއާއިން ޔުކްރެއިންގެ މަރުކަޒުތަކަށް މިސައިލުން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިނުން.
comment ކޮމެންޓް