އަލީ ފަޒަލްގެ 'ތަގް ލައިފް' އަންނަ އަހަރުގެ ޖޫން މަހު ސިނަމާތަކަށް

ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލް މުހިއްމު ރޯލް ކުޅޭ ސައުތު ފިލްމު "ތަގް ލައިފް"ގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެކްޓަރު ބުނެފިއެވެ.

ސައުތު ސިނަމާގެ މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމް ގެނެސްދޭ މި ގޭންގްސްޓާ އެކްޝަން ފިލްމުގެ މަސައްކަތް ނިންމާލިކަން އިއުލާނު ކުރަމުން އަލީ ބުނީ ފިލްމު ބެލުންތެރިންނަށް ހަމައަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

އަލީ ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެއިރު މި ފިލްމުގެ ލީޑު ރޯލުން ބެލުންތެރިންނާ ބައްދަލުކުރާނީ ސައުތު ސިނަމާގެ ލެޖެންޑް އެކްޓަރު ކަމާލް ހަސަންއެވެ. ކަމާލް ހަސަން އާއި ޑައިރެކްޓަރު މަނީ ރަތުނަމްއާ އެކު މަސައްކަތްކޮށްލަން ލިބުނު ފުރުސަތަކީ ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި އަލީ ވަނީ ސިފަކޮށްފައެވެ.

މި ފިލްމުގެ މަސައްކަތުގެ ހޭދަކޮށްލެވުނު ދެ މަހަކީ އަލީއަށް ވަރަށް ގިނަ ކަންކަން ތަޖުރިބާކުރެވި މުޅިން ތަފާތު ގޮތަކަށް މީހާ ޓްރާންސްފޯމްވި ދެ މަސް ކަމަށް އަލީ ވަނީ ބުނެފައެވެ. އެގޮތުން ތަމަޅަ ބަސް ދަސްކޮށް މުޅީން އާ އާދަކާދަ އާއި ސަގާފަތެއްގެ ތެރެއަށް ވަދެވުނު ކަމަށް 38 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ތަގް ލައިފް"ގެ ޕޯސްޓަރެއް--ފޮޓޯ/ވެރައިޓީ

ފިލްމު "ތަގް ލައިފް"އަކީ 1987ވަނަ އަހަރު ނެރުނު ފިލްމު "ނަޔާކަން"އަށް ފަހު ކަމަލް އާއި މަނީ ރަތުނަމް އެކީގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކުރާ މި ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ ތަމަޅަ އަދި ތެލުގޫ ފިލްމުތަކުން ފެނިފައިވާ ސައުތު ބަތަލާ ތުރިޝާ ކްރިޝްނަންއެވެ.

comment ކޮމެންޓް