މަލައިކާ، ދަރިފުޅު އަރްހާންއާ ގުޅިގެން ރެސްޓޯރެންޓެއް ހުޅުވަނީ

މަލައިކާ އަރޯރާ ދަރިފުޅު އަރްހާން ޚާންއާ އެކު--ފޮޓޯ/ކާލީޓޭލްސް

ބައެއް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ އިންޑިއާގެ ސުޕަ މޮޑެލް އަދި ނެށުންތެރިޔާ މަލައިކާ އަރޯރާ އާއި ދަރިފުޅު އަރުހާން ޚާން ހިއްސާވެގެން އިންޑިއާގެ މުމްބާއީގައި ރެސްޓޯރެއްޓެއް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފިއެވެ.

ސްކާލެޓް ހައުސްގެ ނަމުގައި ހިންގާ މި ރެސްޓޯރެންޓަކީ ވަރަށް ހިތްގައިމު ވިންޓޭޖް އިންޓީރިއާ ތީމަކަށް ޑިޒައިން ކުރާ ރެސްޓޯރެންޓެކެވެ. މުމްބާއީގެ އެންމެ ނުފޫޒު ގަދަ މީހުން ދިރިއުޅެމުން އަންނަ ބަންދްރާގެ ޕައި ވިލެޖްގައި ހުޅުވަން ތައްޔާރުވަމުން އަންނަ މި ރެސްޓޯރެންޓަކީ މަލައިކާ ރަސްމީގޮތުން ކެރިއަރުގައި ފަށާ މިފަދަ ފުރަތަމަ ވިޔަފާރިއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ރެސްޓޯރެންޓް ހިންގާ އިމާރާތަކީ މީގެ 90 އަހަރު ކުރިން އިމާރާތްކޮށްފައިވާ ޕޯޗުގީޒް ބަންގްލޯއެކެވެ.

މި ރެސްޓޯރެންޓް ފަރުމާކުރުމުގައި އިސްކޮށްހުރި ނީޝީ ޕަރޭކް ބުނެފައިވާ ގޮތުގައި ސްކާލެޓް ހައުސް ރެސްޓޯރެންޓަށް ބޭނުންވާ ގިނަ އިންޓީރިއާ ތަކާއި އެތަނަށް ބޭނުންވާ ބޮކި ތަކަކީ ޕެރިސްގެ މާކެޓްތަކުން ހާއްސަކޮށް ގެނެސްފައިވާ ތަކެއްޗެވެ.

މަލައިކާ އަރޯރާ ދަރިފުޅު އަރްހާން ޚާންއާ އެކު ސްކާލެޓް ރެސްޓޯރެންޓްގައި--ފޮޓޯ/ކާލީޓޭލްސް

މި ރެސްޓޯރެންޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މަލައިކާ އާއި ދަރިފުޅު އަރްހާން ވަމުން އަންނައިރު ރަސްމީކޮށް އާއްމުންނަށް މިތަން ހުޅުވާލަން ނިންމާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ.

އުމުރުން 22 އަހަރުގެ އަރްހާން އަކީ މަލައިކާ އާއި އެކްޓަރު އަރުބާޒު ޚާންގެ އަލަތު ކައިވެންޏަށް ލިބިފައިވާ ކުއްޖެކެވެ. މަލައިކާ އާއި އަރުބާޒު ޚާންގެ ކައިވެނި 2017ވަނަ އަހަރު ރޫޅިފައިވާއިރު އަރުބާޒު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ދެވަނަ ކައިވެންޏެއް ކޮށްފައެވެ.

އަރުބާޒުއާ ވަކިވުމަށްފަހު މަލައިކާ ވަނީ ބޮލީވުޑްގެ ޒުވާން އެކްޓަރު އަރުޖުން ކަޕޫރާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއްގައި އަހަރުތަކެއް ހޭދަކޮށްފައެވެ. ނަމަވެސް ދާދިފަހުން ދެ މީހުން ވަނީ ދެމެދުގައި އޮތް ލޯބީގެ ގުޅުމެއް ނިމުމެއް ގެނައިކަން އިއުލާނުކޮށްފައެވެ.

comment ކޮމެންޓް