ފިރިމީހާ އަދިތިޔާއާ ބެހޭގޮތުން މީޑިއާގައި ދައްކާ ވާހަކަތައް ޒަރީނާ ދޮގުކޮށްފި

ކުރީގެ މަޝްހޫރު އެކްޓަރު އަދިތިޔަ ޕަންޗޯޅީއާ އާއި އޭނާގެ އަންހެނުން ޒަރީނާ ވަހާބް --

ކުރީގެ މަޝްހޫރު އެކްޓަރު އަދިތިޔަ ޕަންޗޯޅީއާ ގުޅޭގޮތުން މީޑިއާއިން ފަތުރަމުން އަންނަ ބައެއް ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އަދިތިޔާގެ އަންހެނުން ޒަރީނާ ވަހާބް ބުނެފިއެވެ.

ވަރަށް ގިނަ ފިލްމުތަކުން ސަޕޯޓިން ރޯލްއިން ފެނިފައިވާ ބަތަލާ ބުނެފައި ވަނީ 1986 ވަނަ އަހަރު ދެ މީހުން ކައިވެނި ކުރުމަށް ފަހު މިހާތަނަށް ވަރަށް ގިނަ ކަންތަކާ ކުރިމަތިލާފައި ވަނީ ކެތްތެރިކަމާ އެކުގައި ކަމަށެވެ. އޭގެތެރޭގައި އަދިތިޔަ ކައިވެނިން ބޭރުން އެހެން އަންހެނުންނާ އެކު ލޯބީގެ ގުޅުން ބާއްވާކަން އޭނާއަށް އެނގޭ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެކަމާ ގުޅިގެން ދުވަހަކު ވެސް އަދިތިޔާއާ ސުވާލުކޮށްފައި ނުވާނެ ކަމަށް ޒަރީނާ ވަނީ ބުނެފައެވެ.

ޒަރީނާ ދަރިފުޅު އަދި އެކްޓަރު ސޫރަޖްއާ އެކު--ފޮޓޯ/ހިންދުސްތާންޓައިމްސް

އަދިތިޔާ އަކީ އަނިޔާވެރި މީހެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރި ނަމަވެސް ދުވަހަކު ވެސް އަދިތިޔާގެ ފަރާތުން އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ދެ މީހުންގެ މެދުގައި ހައްލުނުވާފަދަ ޒުވާބުތަކެއް ވެސް ހިނގާފައި ނުވާނެ ކަމަށް ޒަރީނާ ބުންޏެވެ.

އަދިތިޔާ އެހެން އަންހެނުންނާ އެކު ގުޅުން ބޭއްވިއިރު ވެސް އެކަން މާބޮޑު ކަމަކަށް ނެހެދީ އަދިތިޔާ ޒަރީނާއާ މެދު ކަންކަން ބަހައްޓާލެއް ފުރިހަމަކަމުން ކަމަށާއި ބަތަލާއަށް މުހިއްމުވީ ކައިވެނީގައި އުޅުން ކަމަށް ރެޓްރޯއާ އެކު ކުރިއަށްދިޔަ އިންޓަވިއުގައި ވަނީ ބުނެފައެވެ.

އަދިތިޔައަކީ ފިރިއެއްގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރާ މީހެއް ކަމަށާއި ވަރަށް ރަނގަޅު ބައްޕައެއްގެ ގޮތުގައި ޒަރީނާ ވަނީ ސިފަކޮށްފައެވެ. ދެ މީހުންގެ ކައިވެންޏަށް ލިބިފައިވާ ސަނާ އަދި ސޫރަޖު ރަނގަޅު ގޮތުގައި ބޮޑު ކުރުމަށް އޭނާ އެންމެ ބޮޑު އިސްކަމެއްދިން އިރު އަދިތިޔައާ އެކު އެހެން މައްސަލަތަކާ ގުޅުވައިގެން ބަހުސް ކުރުން އެއްވެސް ވަރަކަށް މުހިއްމުނުވި ކަމަށް ޒަރީނާ ވަނީ ބުނެފައެވެ.

އަދިތިޔަ އާއި ކުރީގެ ފިލްމީ ތަރި ޕޫޖާ ބެދީ އަދި ބަތަލާ ކަންގަނާއާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް އޮތްކަމުގެ އަޑުތައް ކުރިން އެރިއެވެ. މި ދެ ތަރިން ވެސް ބުނެފައި ވަނީ އަދިތިޔަގެ ފަރާތުން ގެވެށި އަނިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް ޒަރީނާ ވަނީ އެއީ ދޮގެއް ކަމަށާއި އެފަދަ ވާހަކަތަކަކީ އަދިތިޔާގެ އަގު ވައްޓާލަން ބަޔަކު މީހުން ފެތުރި ވާހަކަތަކެއް ކަމަށް ބުނެފައެވެ.

comment ކޮމެންޓް