'ކުއީން އޮފް ދަ ސްޕައިސް'ގެ ނަމުން ނަން ދީފައިވާ ކާފޫރުތޮޅިއަކީ އިނގުރު ފަދަ ސްޕައިސް އާއިލާއަކަށް ނިސްބަތްވާ އެއްޗެކެވެ. އިންޑިއާ، ސްރީލަންކާ އަދި ސެންޓްރަލް އެމެރިކާގައި ފުޅާ ދާއިރާގައި ހައްދަމުން އަންނަ މި ބާވަތަކީ ޒަމާނުއްސުރެ ކެއްކުމަށާއި އަދި ސަގާފީ ބޭސްވެރިކަމުގައި ބޭނުން ކުރަމުން އަންނަ ބާވަތެކެވެ.
ކާފޫރުތޮޅިއަކީ ފޮނިތޮށި، ނިއުޓްމެގް، ލޮނުމެދު އަދި އިނގުރު ފަދަ ހަށިގަނޑުގެ ގުނަވަންތަކަށް ހޫނުކަމެއް ގެނުވައިދޭ ބާވަތެކެވެ. ހަމައެއާ އެކު މީރު ކެއުންތަކަށާއި ބުއިންތަކަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދޭ ސްޕައިސްއެކެވެ.
ކާފޫރުތޮޅިން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ތެރޭ ކާނާ ފަސޭހައިން ހަޖަމުކޮށްދިނުން، ބްލަޑް ހަކުރު އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވުން، އަދި، މާބަނޑު ދުވަސްވަރު ދިމާވާ ކުދިކުދި އުނދަގޫތަކަށް ލުޔެއް ލިބުން ހިމެނެއެވެ.
ޕްލާންޓް ބޭސްޑް ނިއުޓްރީޝަނިސްޓް ޖޯ ވިލިއަމްސް ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުން ކާފޫރުތޮޅީގެ އޮށްތަކުގައި އެކުލެވޭ ވޮލަޓައިލް ނަމަކަށް ކިޔާ ތެލަކީ ޒަމާނުއްސުރެ ހަޖަމުގެ ނިޒާމަށް ބޭސްކުރުމަށް ބޭނުންކުރާ ތެލެކެވެ.
މި ތެލުގެ ސަބަބުން ގޭސްޓްރިކް މައްސަލަ ހުންނަ މީހުންނަށް ލުޔެއް ލިބި ކެއުމަށް ފަހު ބަނޑު ފުއްޕުން ނުވަތަ 'ބްލޯޓް'ވުމުން ދުރުކޮށްދޭ ކަމަށް ޖޯ ވިލިއަމްސްގެ މި ލިޔުމުގައި ބުނެފައިވެއެވެ. ހަމައެއާ އެކު އަނގައިން ނުބައި ވަސްދުވާނަމަ ކާފޫރުތޮޅީގެ އޮށްތަކަކީ އެ ކަމަށް ވެސް އޮތް ހައްލެކެވެ.
ޖޯ ވިލިއަމްސްގެ ލިޔުމުގައި ބުނެފައިވާ ގޮތުގައި މީގެ އޮށްތަކުގެ ސަބަބުން އަނގައާއި ދުލުގައި ހުންނަ ބެކްޓީރިއާތައް މަރާލައެވެ. އެހެންކަމުން، އޯރަލް ހެލްތަށް މިއީ ވަރަށް މުހިއްމު ބާވަތެއް ކަމަށް ބީބީސީ ގުޑްފުޑްގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ވަނީ ބުނެފައެވެ.
އާންމުކޮށް، މާބަނޑު ދުވަސްވަރު ގިނަ އަންހެނުން ތަހައްމަލުކުރާ 'މޯނިންގް ސިކްނަސް'އަށް ވެސް މިއީ ވަރަށް ބޮޑު ލުޔެއް ހޯދައިދޭ ބާވަތެކެވެ. އިނގުރުގައި އެކުލެވޭ ތެލާއި އެއްފަދަ ތެލެއް ކާފޫރުތޮޅީގައި ހުންނާތީ މިއީ މާބަނޑު ދުވަސްވަރު އަންހެނުން ބޭނުންކުރުން މުހިންމު ބާވަތެކެވެ.
މިހާތަނަށް ހޯދިފައިވާ އެއްވެސް ހޯދުމަކުން ކާފޫރުތޮޅިއަކީ ހަށިގަނޑަށް ގެއްލުންދޭ ބާވަތެއްކަން ހޯދިފައި ނެތްއިރު ކެއްކުމުގައި ބޭނުންކުރުމުގެ އިތުރުން ބެލެންސްޑް ޑައިޓެއްގައި ހުންނަ މީހަކަށް ވެސް މިއީ ބޭނުންކުރެވިދާނެ ބާވަތެކެވެ.