ކުރީގެ ބަތަލާ މީނާ ކުމާރީގެ ބަޔޮޕިކްގެ ޑައިރެކްޓަރަކީ ސިދާތު ޕީ މަލްހޯތްރާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމުގައި މީނާ ކުމާރީގެ ރޯލް ކުޅެން ހުށަހަޅާފައިވާ ބަތަލާއަކީ ވިދިޔާ ބާލަން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން އަމްރޯހީ އާއިލާއިން ބުނެފައިވަނީ، މަނީޝް މަލްހޯތްރާ މި ފިލްމު އުފެއްދުމުގެ ޚިޔާލު ދޫކޮށްލުމީ އެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ޑައިރެކްޓަރު ސިދާތުގެ ފަރާތުން ވާހަކަދެއްކި މީހަކު ވެސް ބުނެފައިވަނީ މީނާ ކުމާރީ ފަދަ ލެޖެންޑް ބަތަލާއެއްގެ ބަޔޮޕިކް މަނީޝް ފަދަ އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ މީހަކަށް ފެންވަރު ރަނގަޅުކޮށް އުފެއްދިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އެފަދަ ފިލްމެއް އުފެއްދުމަށް ކުފޫހަމަވަނީ އިންޑިއަން ސިނަމާ ރަނގަޅަށް ދަންނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ފަދަ މީހަކު ކަމަށް އޭނާ ވަނީ ބުނެފައެވެ.
ބަތަލާ ކްރިތީ ސެނޮންއަކީ ވަރަށް ހުނަރުވެރި ބަތަލާއެއް ނަމަވެސް މީނާ ކުމާރީ ފަދަ އިންޑިއަން ލުކްއެއް ހުރި ބަތަލާއެއްގެ ރޯލަށް އެންމެ ކަމުދަނީ ވިދިޔާ ބާލަން ކަމަށް ވެސް ސިދާތުއާ ހަވާލާދީ އެ ފަރާތުން ވަނީ މީޑިއާގައި ބުނެފައެވެ.
މި ބަޔޮޕިކް އިއުލާނުކުރީއްސުރެ ފެޝަން ޑިޒައިނަރު މަނީޝް އެ ފިލްމު އުފައްދާތީ އަމްރޯހީ އާއިލާއިން ދިޔައީ ހިތްހަމަނުޖެހުން ފާޅުކޮށް އެ ކަމާ ނުރުހުން ފާޅުކުރަމުންނެވެ.
ދާދި ފަހުން ރިލީޒްވެ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "މަހާރާޖާ"ގެ ޑައިރެކްޓަރު ސިދާތު ޕީ މި ބަޔޮޕިކް އުފައްދަން ނިންމުމާ އެކު އަމްރޯހީ އާއިލާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެ ކަމަށާއި ވިދިޔާ ބާލަން ފަދަ ބަތަލާއަކާ އެކީ ފިލްމު އުފައްދަން ނިންމި ނިންމުމާ އެކު އެ އާއިލާއިން މިހާރު ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް، ފިލްމުގައި ފުރަތަމަ ހާފުގައި ވިދިޔާ ކުޅެން ޖެހެނީ އުމުރުން 18 އަހަރާއި 24 އަހަރާއި ދެމެދުގެ މީހެއްގެ ރޯލް ކަމަށާއި އެއީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް ސިދާތު ވަނީ ބުނެފައެވެ.
މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށް ނިމުމުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފުރިހަމަ ކާސްޓަކާ އެކު ފިލްމުގެ މަސައްކަތް ފެށޭވަރު ވާނެ ކަމަށް ސިދާތު ވަނީ ބުނެފައެވެ.