ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރަން މަހާވަރު ކުރެއްވި މަސައްކަތަށް ޚަލީލްގެ ތައުރީފު

ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރެއްވުމަށް އިންޑިއާގެ ހައިކޮމިޝަނަރު، މުނޫ މަހާވަރު ކުރެއްވި މަސައްކަތަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވަނީ ތއުރީފު ކުރައްވާފައި -- ފޮޓޯ/ އެކްސް

ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރެއްވުމަށް އިންޑިއާގެ ހައިކޮމިޝަނަރު، މުނޫ މަހާވަރު ކުރެއްވި މަސައްކަތަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ތައުރީފް ކުރައްވައިފިއެވެ.

މަހާވަރުވަނީ، މަހާވަރު ރާއްޖޭގެ ސަފީރުކަމުން ވަކިވެވަޑައިގަތުމުގެ ކުރިން ފޮރިން މިނިސްޓްރީއަށް ކުރެއްވި ވަދާއީ ޒިޔާރަތުގައި މިއަދު ޚަލީލްއާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޚަލީލްވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހަރުދަނާކުރުމާއި، އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި، އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ ހިމެނޭ ގޮތަށް އެތައް ދާއިރާއަކުން އެއްބާރުލުން ދީގެން ކުރިޔަށް ދިއުމުގައި މަހާވަރު އަދާކުރެއްވި މުހިންމު ދައުރަށް ޝުކުރު އަދާކުރައްވައިފައެވެ.

މަހާވަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުން މިދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ކުރިއަރާފައިވާކަމަށާއި، ދެ ގައުމުގެ ރައްޔިތުންނަށް ވެސް އެ ކަމުގެ ފައިދާ ލިބިގެންދިޔަ ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދީ އިގުތިސާދީ އަދި ކަނޑުގެ ސަލާމަތީ ކަންކަމުގައި އެކުގައި ގުޅިގެން، ދެ ގައުމުގެ ލީޑަރުންގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ޓަކައި، ގާތުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުނޫ މަހާވަރު ރާއްޖޭގެ ހައިކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރުމުން އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ 2021ވަނަ އަހަރުގެ ނޮވެންބަރު 17ގައެވެ.

އާ ސަފީރުގެ ގޮތުގައި އޭނާގެ ބަދަލުގައި ޖީ ބަލަސުބްރަމަނިއަން އެ މަގާމަށް އައްޔަނު ކުރީ މިދިޔަ ހޯމަ ދުވަހެވެ. އެއީ މީގެ ކުރިން އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ.

comment ކޮމެންޓް