އިންޑިއާ ސަރުކާރުން ރާއްޖޭގެ ދިފާއީ ބާރު، އެމްއެންޑީއެފަށް ހަތަރު މިލިއަން ޑޮލަރުގެ ދިފާއީ އާލާތްތަކެއް ހަދިޔާކޮށްފިއެވެ.
މި ކަމުގެ އެއްބަސްވުމުގައި ސޮއިކުރީ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދިފާއީ ގުޅުންތައް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން، މިނިސްޓަރު ޣައްސާނާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހްވަނީ މިއަދު އިންޑިއާގެ ދިއްލީގައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފައެވެ.
އިންޑިއާގެ ވިއޯން ނޫހުން ބުނީ، މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ، މި ސަރަހައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، އަދި ތަމްރީނުގެ ޒަރިއްޔާއިން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުން ކަމަށެވެ.
މި މަޝްވަރާތަކުގެ ތެރެއިން، އިންޑިއާ ސަރުކާރުންވަނީ ރާއްޖޭގެ އެދުމުގެ މަތީން ހަތަރު މިލިއަން އެމެރިކާ ޑޮލަރަށްވުރެ އަގުހުރި ދިފާއީ އާލާތްތަކެއް އެމްއެންޑީއެފަށް ހަދިޔާކޮށްފައެވެ. މި އާލާތްތަކުގެ ތެރޭގައި ޔޫޓިލިޓީ ވެހިކަލްތަކާއި ބަނދަރުކުރުމަށް ބޭނުންވާ ތަކެތި ހިމެނެއެވެ.
މި ބައްދަލު ކުރެއްވުމުގެ ތެރެއިން، އުތުރުތިލަފަޅު (ޔޫޓީއެފް)ގައި ތަރައްގީކުރާ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ދެ މިނިސްޓަރުން ވެސް އެއްބަސްވިއެވެ.
މިއީ އިންޑިއާ ސަރުކާރުގެ އެންމެ ބޮޑު ހިލޭ އެހީއެއްގެ ދަށުން ރާއްޖޭގައި ކުރިޔަށްދާ އެންމެ ބޮޑު އެއް މަޝްރޫއެވެ. އެ ގޮތުން މި މަޝްރޫއަށް 2.9 ބިލިއަން ރުފިޔާ ހޭދަވެއެވެ. މި މަޝްރޫއު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ދިފާއީ ބާރުގެ ކޯސްޓްގާޑުގެ ގާބިލުކަން އިތުރުކުރުމަށެވެ.
މި މަޝްރޫއުގެ ބިންގާ އެޅުއްވީ ރާޖްނާތު ސިންގް އާއި އޭރުގެ ރާއްޖޭގެ ޑިފެންސް މިނިސްރު، މާރިޔާ އަހުމަދު ދީދީ 2023 ވަނަ އަހަރުގެ މެއި މަހުގައެވެ.
މިއީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.