ރައްޔިތުންގެ މަޖިލީހުގެ މި ހިނގަމުންދާ ތިން ވަނަ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހަށް ދަންމާލައިފިއެވެ.
މި އަހަރުގެ ތިން ވަނަ ދައުރު ނިމެން އޮތީ މިމަހުގެ ނިޔަލަށް ނަމަވެސް، މިއަދު މަޖިލީހުގައި ވަނީ ދައުރު ދަންމާލުމަށް ވޯޓަށް އަހައިފައެވެ. އެގޮތަށް އަންނަ މަހުގެ 15އަށް ދައުރު އިތުރުކުރަން ފާސްވީ 68 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މި އަހަރުގެ ފުރަތަމަ ދައުރު ނިންމާލީ، ކުރީ ސަރުކާރުގެ ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހާއެކުގައެވެ. އަދި ދެވަނަ ދައުރު ފެށީ މި ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ 20 ވަނަ މަޖިލީހާއެކުގައެވެ.
މިއަދުގެ ޖަލްސާގައި ވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅައިފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ވެސް ފާސްކޮށްފައެވެ. އެ ބަޖެޓު ފާސްކޮށްފައިވަނީ، ސަރުކާރުން ހިންގާނެ މަޝްރޫއުތަކާ ގުޅޭ ތަފުސީލުތައް ހިމަނައިފައިނުވާ ކަމުގެ ކަންބޮޑުވުން މެންބަރުން ފާޅުކޮށްފައިވަނިކޮށެވެ.
އެ ތަފުސީލުތައް އަންނަ އަހަރު އެކި ތާރީޚުތަކުގައި ހާމަކުރަން ލާޒިމުކޮށް، ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ރެކޮމެންޑޭޝަންތަކެއް ފާސްކުރި ނަމަވެސް މިއަދު މަޖިލީހުން ވަނީ އެ ރެކޮމެންޑޭޝަންތައް އުނިކުރަން ފާސްކޮށްފައެވެ.
މީގެ އިތުރުން މިއަދު މަޖިލީހުން ވަނީ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގައި ބިލާއި އާބަން ޑިވެލޮޕްމަންޓްގެ ބިލާއި ދައުލަތުގެ ދަރަންޏާބެހޭ ބިލާއި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ވެސް ފާސްކޮށްފައެވެ.