މިނިސްޓަރު, ކައުންސިލްތަކަށް: ސޮއިކޮށްފައިވާ ޕްރޮޖެކްޓްތަކަށް ބަދަލު ގެންނަން މަސައްކަތް ނުކުރޭ

އިންފްރާސްޓްރަކްޗަރު މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު މިއަދުގެ މަޖިލީހުގެ ޖަލްސާގައި: ޕްރޮޖެކްޓްތައް ލަސްވާތީ ގިނަ މެންބަރުން ސުވާލުތައް ކުރިމަތި ކުރުވި-- ފޮޓޯ: މަޖިލިސް

އެކި ރަށްރަށުގައި ހިންގުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ކޮންޓްރެކްޓްތަކަށް ވަކި ހިސާބަކުން ބަދަލު ގެންނަން ކައުންސިލްތަކުން މަސައްކަތް ކުރާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިވާ ކަމަށް, އިންފްރާސްޓްރަކްޗަރު މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު މުއްތަލިބު ހާޒިރު ކޮށް, މެންބަރުން ވަނީ އެ ދާއިރާތަކުގައި ހިންގަން ފަށާފައިވާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރައްވައިފައެވެ.

ހދ. ކުރިނބީ ބަނދަރުގެ މަސައްކަތް ނުނިމޭތީ, ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ރަށު ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތީ ކައުންސިލުން އެ ޕްރޮޖެކްޓަށް ބަދަލުތަކެއް ގެންނަން ބޭނުންވާތީ ކަމަށެވެ.
އެފަދަ މައްސަލަތަކުގެ ތަފުސީލު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކޮންޓެކްޓަރާއެކު ސޮއިކޮށްފައިވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވުމަށް ކައުންސިލްތަކުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

އިންފްރާސްޓްރަކްޗަރު މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު މިއަދުގެ މަޖިލީހުގެ ޖަލްސާގައި: ޕްރޮޖެކްޓްތައް ލަސްވާތީ ގިނަ މެންބަރުން ސުވާލުތައް ކުރިމަތި ކުރުވި-- ފޮޓޯ: މަޖިލިސް

"އަބަދު ވޭރިއޭޝަންތައް ގެންނަ ކަމަށް ވަންޏާ އެމްޓީސީސީއަށް ވެސް ވަރަށް ބޮޑު ގެއްލުމެއް. ދައުލަތަށް ވެސް ވަރަށް ބޮޑު ގެއްލުމެއް. ބަޖެޓުގައި ޖަހާފައި އިންނަ އަދަދަކަށް ވެސް އެކަމެއް ނުކުރެވޭ. ވޭރިއޭޝަންތައް ގެނައުމަކީ ހަގީގަތުގައި ސޮއި ކުރުމަށް ފަހު އަޅުގަނޑުމެން ކުރަން ބޭނުން ނުވާ ކަމެއް," މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮންޓްރެކްޓްގައި ސޮއިކުރާ ފަހުން މެންބަރުން މެދުވެރިކޮށް އެ ކޮންޓްރެކްޓަށް ބަދަލުތައް ގެންނަން ކައުންސިލްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކައުންސިލްތަކުން ވެސް ކުރިން ކަންތައްތައް ވެފައި ހުރިގޮތުން މި ހައްދަވާ ގޮތަކީ ކޮންމެ އެއްޗެއް ލިބުނަސް ސޮއިކޮށްލަން އެއްބަސްވަނީ. އެޕްރޫވް ކޮށްލަނީ. ދެން ސޮއިކޮށްފަ ބޭނުންވާ ބަދަލުތައް މެންބަރު މެދުވެރިކޮށް ނުވަތަ އެހެން ގޮތްގޮތުން ވެސް ކުރެވޭތޯ ބަލަނީ. އެހެން ކުރެވިފައި ވެސް އެބަހުރި. އެކަންތައް އެހެން ހިނގާތީ އެހެން ވަނީ," މިނިސްޓަރި ވިދާޅުވިއެވެ.

ކޮންޓްރެކްޓްގައި ސޮއިކޮށް, ހަވާލު ކުރާ ފަހުން ކޮންޓްރެކްޓަށް ބަދަލުތައް ގެނައުމަކީ ގިނަ ދަތިތަކަކާ ކުރިމަތިވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ބަޖެޓް މެނޭޖު ކުރަން ވެސް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދެވޭނީ އޭރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ކުރިއަށް ނުދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިދިޔަ ސަރުކާރުން ބަޖެޓް ހެދިއިރު ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ގެންދެވޭ ގޮތަށް ފައިސާގެ އަދަދުތައް ހިމަނާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ކޮންމެ ޕްރޮޖެކްޓަކަށް ވެސް ހިމަނާފައިވަނީ ކުޑަ އަދަދެއް ކަމުން ޕްރޮޖެކްޓްތައް ވަކި ހިސާބަކަށް ގެންގޮސް ހުއްޓެނީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލާފައިވަނީ އެގޮތަށް ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް