އަވަހަށް ހަަލާކުވާ ޒާތުގެ ކާބޯތަކެތި، އަވަހަށް ކްލިއާ ކުރުމަށް ބަހައްޓާނެ ޖާގައެއް ހަދައިފި

އެމްޕީއެލް ސަރަހައްދުގައި އޮތް ބޯތަކުން، މުދާ ބާލަނީ: އަވަހަށް ހަަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް އަވަހަށް ކުލިއާ ކުރުމަށް ހާއްސަ ޝެޑެއް، އެމްޕީއެލުން ވަނީ ހަދާފަ--/ ފޮޓޯ، އެމްޕީއެލް

އަންނަ ރޯދަމަހަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން އަވަހަށް ހަަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް އަވަހަށް ކުލިއާ ކުރުމަށް ބަހައްޓަން ޚާއްސަ، ހިޔާކޮށްފައިވާ ސަރަހައްދެއް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މާލޭ ވިޔަފާރި ބަނދަރުގައި ހަދައިފިއެވެ.

އެ ޝެޑް އެމްޕީލުން ހަދާފައި ވަނީ، މާލޭގެ ވިޔަފާރި ބަނދަރުގައި ބަނދަރުކުރާ އާގުބޯޓުފަހަރު އިތުރުވެ، މުދާތައް ހުސްކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

https://sun.mv/217928

އެމްޕީއެލުން ބުނީ މި ޝެޑް ގާއިމް ކުރުމުގެ ބޭނުމަކީ ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކާބޯތަކެތި ކްލިއާ ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އެ ހިޔާކޮށްފައިވާ ސަރަހައްދުގައި 3،000 އަކަފޫޓު ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ބާލައި، ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި، އެފަދަ ތަކެތި ހަލުވި ކަމާއެކު ކްލިއާކުރުމަށް މަގުފަހިވާނެއެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން އިތުރުވުމުގެ ސަބަބުން ވިޔަފާރިވެރިން ގެންނަ ކާބޯތަކެތި ނުބޭލި، ގެއްލުން ވާކަމުގެ ކަންބޮޑުވުން، ހުރިކަމަށާއި، އެ ލިބޭ ގެއްލުންތަކުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލޭ ހާލަތު އަންނަ ކަމަށް، އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ ފާހަގަކުރައްވައިފައެވެ.

މާލޭ ވިޔަފާރި ބަނދަރަކީ އެތައް އަހަރެއްވީ ބަނދަރެއް ކަމަށްވާއިރު، އެ ބަނދަރުގެ މަސައްކަތްތައް ހަލުވިކޮށް، ޒަމާނީ ކުރުމުގެ މަސައްކަތްތައް ކުރަން ވަނީ ނިންމައިފައެވެ. އަދި އެ ބަނދަރުގައި ޖާގައިގެ ދަތިތައް ދިމާވުމާ ގުޅިގެން، ތިލަފުށީ ބަނދަރު ތަރައްގީކޮށް، ބައެއް އޮޕަރޭޝަންތައް ބަދަލުކުރަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް