އެމެރިކާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އިންޓެލްއަށް 7.86 ބިލިއަން ޑޮލަރުގެ ސަބްސިޑީއެއް ދިނުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.
އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން އަންގާރަ ދުވަހު އެކަން އިއުލާން ކޮށްފައިވާއިރު، މިއީ މާރިޗު މަހު އިއުލާނުކުރެވުނު 8.5 ބިލިއަން ޑޮލަރުގެ ސަބްސިޑީއަށްވުރެ ކުޑަ އަދަދެކެވެ. މި އަދަދު ކުޑަވެފައިވަނީ އިންޓެލްއަށް ޕެންޓަގަނުން ވަކިން ތިން ބިލިއަން ޑޮލަރުގެ އެވޯޑެއް ލިބުމާ ގުޅިގެންނެވެ.
މި ސަބްސިޑީ އާއި ގުޅިގެން އެރިޒޯނާ، ނިއު މެކްސިކޯ، އޮހާއިއޯ އަދި އޯރެގަން ސްޓޭޓްތަކުގައި ގާތްގަނޑަކަށް 90 ބިލިއަން ޑޮލަރުގެ މެނުފެކްޗަރިން މަޝްރޫޢުތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
"މިއީ އެމެރިކާގައި ފަރުމާކުރެވޭ ޗިޕްތައް، އެމެރިކާގެ ކުންފުންޏަކުން، އެމެރިކާގައި، އެމެރިކާގެ މަސައްކަތްތެރިންގެ އަތުން އުފެއްދުމަށް ވަރަށް ގިނަ ދުވަސްތަކަކަށްފަހު ލިބުނު ފުރުސަތެއް،" ކޮމާސް ސެކްރެޓަރީ ޖީނާ ރައިމޮންޑޯ ވިދާޅުވިއެވެ.
އިންޓެލްއިން ވަނީ މިހާރުވެސް މަޝްރޫޢުގެ ބައެއް އިބްތިދާއީ މަރުހަލާތައް ފުރިހަމަކޮށްފައެވެ. އަދި ޑިސެމްބަރު މަހުގެ ނިޔަލަށް މަދުވެގެން އެއް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުގެ އިސް ވެރިއެއް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވިއެވެ. އަދި މި ސަބްސިޑީގެ އަދަދު ކުޑަވެފައިވަނީ މިއަހަރު އިންޓެލްއަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޓެލްގެ ފައިދާ ދަށްވެ، އެތައް ހާސް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހިފައިވަނީ އެކުންފުނީގެ ސީއީއޯ ޕެޓް ގެލްސިންގާގެ ބޮޑެތި ޚަރަދުތަކާ ގުޅިގެންނެވެ.
މި 7.86 ބިލިއަން ޑޮލަރުގެ ސަބްސިޑީއަކީ 2022ވަނަ އަހަރު ފާސްކުރެވުނު ޤާނޫނެއްގެ ދަށުން ދެވޭ އެންމެ ބޮޑު އެވޯޑެވެ. މި ޤާނޫނުގެ ދަށުން ޖުމްލަ 52.7 ބިލިއަން ޑޮލަރުގެ ފަންޑެއް ވަނީ ކަނޑައެޅިފައެވެ. މީގެ ތެރެއިން 39 ބިލިއަން ޑޮލަރު ސެމިކޮންޑަކްޓާ އުފެއްދުމަށާއި 11 ބިލިއަން ޑޮލަރު ދިރާސާތަކަށް ޚަރަދުކުރުމަށް ވަނީ ކަނޑައެޅިފައެވެ.
މާރިޗު މަހު އިއުލާނުކުރެވުނު 8.5 ބިލިއަން ޑޮލަރުގެ ގްރާންޓްގެ އިތުރުން، ސެޕްޓެމްބަރު މަހު ޑިފެންސް ޑިޕާޓްމަންޓުން ތިން ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް އިންޓެލްއަށް ލިބުނެވެ. ޕެންޓަގަނުގެ މި ކޮންޓްރެކްޓަށް ފައިސާ ހަމަޖެހިފައިވަނީ ޗިޕް މެނުފެކްޗަރިން ސަބްސިޑީތަކަށް ކޮންގްރެސްއިން ކަނޑައެޅި 39 ބިލިއަން ޑޮލަރުގެ ތެރެއިންނެވެ. މިކަމާ ގުޅިގެން އިންޓެލްއަށް ސީދާ ދެވޭ ގްރާންޓްގެ އަދަދު ކުޑަވެފައިވާ ކަމަށް ކުންފުންޏާއި ސަރުކާރުގެ އޮފިޝަލުން ބުނެފައިވެއެވެ.
"އެމެރިކާގެ ޓެކްނޮލޮޖީ އަދި މެނުފެކްޗަރިން ދާއިރާގައި އަލުން ކުރިއެރުން ހޯދުމަށް ދެ ޕާޓީގެ ވަރުގަދަ އެއްބާރުލުން ލިބެމުންދާކަން ފެންނަނީ ޤައުމުގެ ދިގު މުއްދަތުގެ އިޤްތިޞާދީ ކުރިއެރުމާއި ޤައުމީ ސަލާމަތަށް މުހިންމު ބޮޑެތި އިންވެސްޓްމަންޓްތަކުން" އިންޓެލްގެ ސީއީއޯ ގެލްސިންގާ އަންގާރަ ދުވަހު ވިދާޅުވިއެވެ.