ޓްރަމްޕަށް ކޮށްފައިވާ ދެ ދައުވާއެއް އަނބުރާ ގެންގޮސްފި

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް. ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ދައުވާ އަނބުރާ ގެންދިއުމުގެ ހުއްދަ ވަނީ ދީފައި. ފޮޓޯ/އޭޕީ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށްކޮށްފައިވާ 2020 ވަނަ އަހަރުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ދައުވާ އަނބުރާ ގެންދިއުމުގެ ހުއްދަ ދީފިއެވެ.

އިންތިޚާބަށް ނުފޫޒުފޯރުވި ކަމަށް ތުހުމަތުކޮށް ކޯޓަށް ހުށަހެޅި މައްސަލައިގައި ޕްރޮސެކިއުޓަރުން ވަނީ މި އަހަރު ޓްރަމްޕް އަލުން އިންތިޚާބު ކާމިޔާބުކުރެއްވުމުން، އިންތިޚާބީ ރައީސުންނަށް ދައުވާ ނުކުރެވޭ ގޮތަށް އޮތް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ސިޔާސަތު ފާހަކޮށްފައެވެ.

އެ މައްސަލަ އަނބުރާ ގެންދިއުމަށް ފަނޑިޔާރު ތާނިޔާ ޗުޓްކަން ހުއްދަ ދެއްވީވެސް ގާނޫނީ ވަކި ސަބަބަކަށް ބިނާ ނުކޮށް، ގައުމުގެ ރައީސުންނަށް ދައުވާ ނުކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ގެންގުޅޭ އުސޫލަށް ރިއާޔަތްކުރައްވައެވެ.

ޕްރޮސެކިއުޓަރުން ބުނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ޓްރަމްޕް ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ދައުވާ ބާތިލް ކުރަން ޖެހޭ ކަމަށް އެ ޑިޕާޓްމަންޓުން ގަބޫލުކުރާ ކަމަށެވެ.

އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ އިތުރުން ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް ގޯސްކޮށް ބެލެހެއްޓި ކަމަށް ބުނާ މައްސަލައިގައިވެސް ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމުގެ ހުއްދަ ވަނީ ދީފައެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖަސްޓިސް ޑިޕާޓްމަންޓުގެ ނިންމުންތަކަކީ އިންތިޚާބީ ރައީސެއްގެ މައްޗަށް ދައުވާ ކުރުމާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅޭ ސިޔާސަތައް ބަލާއިރު ނިންމުން އެކަށީގެންވާ ނިންމުމެކެވެ. ނަމަވެސް ޓްރަމްޕް ވެރިކަން ދޫކުރުއްވައި ވައިޓް ހައުސްއިން ނުކުމެވަޑައިގަތުމުން އަނެއްކާވެސް އެ ދައުވާ އުފުލޭނެތޯ ސުވާލު އުފެދޭ ކަމަށް އަލް ޖަޒީރާއިން ބުނެފައިވެއެވެ.

އިންތިޚާބަށް ނުފޫޒުފޯރުވި ކަމަށް ބުނާ މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލް ކުރަން ރޭވިކަމަށެވެ. އެ އަހަރުގެ އިންތިޚާބުގައި ޓްރަމްގެ މައްޗަށް ކުރި ހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރެއްވީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންއެވެ.

އެ ދައުވާއަކީ ޓްރަމްޕްގެ މައްޗަށް އުފުލާފައި ޖިނާއީ އެތައް ދައުވާއެއްގެ ތެރެއިން އެއް ދައުވާއެވެ. ރައީސްކަމަށް އަލުން އިންތިޚާބުވި އިރުވެސް ޖިނާއީ ބައެއް ދައުވާތައް ޓްރަމްޕަށް ވަނީފައެވެ. ނަމަވެސް އަދި ހުކުމް އިއްވާފައެއްނުވެއެވެ.

comment ކޮމެންޓް