ހަތިމުތައް އުކާލައި، ފުރުޤާނު މިސްކިތަށް ގެއްލުންދިންކަމުގެ ތުހުމަތުވާ މީހާ ހައްޔަރުކުރުމުން، އެ މީހާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ފުރުޤާން މިސްކިތަށް ގެއްލުންދިން މައްސަލައެއް ފެންމަތިވީ އާދިއްތަ ދުވަހު ހެނދުނެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މި މައްސަލައިގައި ގ. މާލެހިޔާ 2 13-02 އުމުރުން 30 އަހަރުގެ ނައުޝާދު މޫސާ އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރަން އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުރުޤާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތައް ގެއްލުންދިން މައްސަލާއާ ގުޅިގެން ޝެއިޙް އާދަމް ނިޝާން އަލީ އާދަމް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ ފަތިސް ނަމާދުގެ ކުރިން ފުރުޤާން މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
އެ ގޮތުން، ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގައި ހުރި ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ވެސް ހަލާކުކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.
ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ވެސް ހުރީ ބިންދާލާފައެވެ. މިސްކިތުގެ ބައެއް އެއްޗެހި އެކި ތަންތަނަށް އުކައިލާފައި ހުރި މަންޒަރު ވެސް ނިޝާން ފޭސްބުކްގައި ހިއްސާކުރި ވީޑިއޯއިން ފެނެއެވެ.
އޭނާ ތުހުމަތުކުރާ ގޮތުގައި އެކަން ކޮށްފައިވަނީ މިސްކިތުގައި ނަމާދު ގަޑިތަކުގައި ވެސް ނިދާފައި އޮންނަ ޒުވާނެކެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު އޭނާ މި ފަދަ ކަންކަން ކޮށްފައިވާ ކަމަށް އެ ޕޯސްޓުގައި ވަނީ ތުހުމަތުކޮށްފައެވެ.