ތިނަދޫއަކީ ސިޓީއެއް ކަމަށް ރައީސް ކަނޑައަޅުއްވައިފި

ރައީސް ޞާލިޙް ތިނަދުއަށް މިއަދު ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު --- ފޮޓޯ/ އެމްޑީޕީ

ގދ. ތިނަދޫއަކީ ސިޓީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ރަައީސް ދެއްވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

ތިނަދޫގައި މިރޭ އޮތް އެމްޑީޕީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދަައްކަވަމުން ރައީސް ވަނީ އެރަށު ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.

"އާދެ މިއަދު ރޫހުވަނީ މި ފެން މީރު ތިނަދޫ ސިޓީއާއެކީގައި. އާދެ ތިނަދޫއަކީ ރާއްޖޭގައި ގާއިމްކުރެވުނު ފަސްވަނަ ސިޓީ. މަރުހަބާ ތިނަދޫ ސިޓީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުކޮށްދިނުމަށް އެދި އެ ރަށު ކައުންސިލުން 2022ވަނަ އަހަރުގެ ޖެނުއަރީ މަހު އެދުނުކަމަށެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހެޅި އެ ކަންކަން ރައީސް އޮފީހަށް ފޮނުވުމުން ހުރިހާ ކަމެއް ފުރިހަމަ ވޭތޯ ބަަލައި، ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގެ ގަރާރުގައި ސޮއިކުރެއްވީ މިއަދު ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު ތިނަދޫ ވާނީ ރާއްޖޭގެ ފަސްވަނަ ސިޓީއަށެވެ.

ރައީސް ވިދާޅުވީ ތިނަދޫއާއި މުޅި ހުވަދު އަތޮޅާމެދު އެ މަނިކުފާނު ތަސައްވުރެއް ގެންގުޅުއްވާ ކަމަށެވެ.

މިއީ އެކި ސިނާއަތްތަކުގައި ކުރިއަރަމުން އަންނަ އަތޮޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ އެ ދާއިރާތަކުގައި 'އަރައި އޮތް އަތޮޅެއް'ކަމަށެވެ.

ރައީސް ވިދާޅުވީ އޭރު އެ ރަށް މަސައްކަތްތެރިކަމުގައި ކުރިއަރައި ގޮސްފައި އޮތް މިންވަރުން އެއީ ފާހަގަކޮށްލެވޭ ރަށެއްކަމަށެވެ. .

"ސީދާ މި ރަށްރަށުން، ޚާއްސަކޮށް ތިނަދޫއިން މަސްވެރިން ބާނާ މަހާއި ކުފުރާއާ މިހެން ގޮސް މި ތަކެތި ކޮޅުނބަށާއި ގޯލަށާއި ކައިރި ރަށްރަށަށް ރާއްޖެއިން ބޭރަށް ސީދާ ގެންގޮސް ވިއްކައި ވިޔަފާރިކޮށް އުޅުނީ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެ ފަދައިން އެ ކަން ހިނގަމުން އަންނަނިކޮށް 1950ގެ އަހަރުތަކަށްފަހު ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކުރިމަތިކުރުވި އެކި ގޮންޖެހުންތަކުގެ ސަބަބުން ރަށް ފަޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ އެއްވެސް ސަރުކާރަކުން ރައްޔިތަކާ ދޭތެރޭގައި އަމަލުކުރަންވާނެ ގޮތަކަށް ނޫނޭ އޭރުގެ ސަރުކާރުން ކަންކޮށްފައި އޮތީ. އެއީ މިއަދު ވެސް އެ ކަމާ ދޭތެރޭ މާފަށް އެދެން ޖެހޭނެ ކަމެއް. ސަރުކާރުގެ ވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު އެ ކަމަށް މާފަަށް އެދެން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ސިޓީއަށް ގެންނަން އޮތީ ބޮޑު ބަދަލެއްކަމަށެވެ.

"ސިނާއީ ގޮތުން ބޮޑު ބަދަލެއް މި ސިޓީއަށް ގެންނަން އަޅުގަނޑުމެން ބޭނުންވޭ. އެހެންވެ ކޮމާޝަލް ހާބަރެއް މި ތަނުގައި ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް މި ގެންދަނީ،" ރައީސް ވިދާޅުވިއެވެ.

އަހަރެއްހާ ދުވަސްތެރޭ އެ ހާބަރުގެ މަސައްކަތް ނިމި ބޭރުން މުދާ ބަރުކޮށް އެ ހާބަރަށް ހުސްކޮށް އެ ތަނުގެ މަސައްކަތް ހިނގަން ފަށާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އޭރުން ޕޯޓްސްއާއި ކަސްޓަމްސްފަދަ އޮފީސްތައް މި ސިޓީގައި ގާއިމްކުރެވި 'އެތައް ސަތޭކަ' ވަޒީފާއެއް އުފެދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ކާމިޔާބުކުރާނީ އެއްބުރުން ކަމަށެވެ.

comment ކޮމެންޓް