"އުމުރުން 14 އަހަރުގައި މާލެ އައީ. އާއިލާ މީހުން ކައިރިން ކުދިން ބަހައްޓާ ތަންތަނުން މިހާރު މި އުޅެނީ އަމިއްލައަށް ތަނެއް ކުއްޔަށް ނަގައިގެން. މިހާރު 15 އަހަރުވީ މާލޭގައި އުޅޭތާ. ބޭނުންވެގެންނެއް ނޫން އިތުރު ގޮތެއް ނެތީމާ،"
މިއީ ޒުވާން ކުއްޖެއްގެ ވާހަކައެވެ. އުފަން ރަށާއި ލޯބިވާ މައިންބަފައިން ދޫކޮށް ކުރި މަޖުބޫރު ހިޖުރައިގެ ވާހަކައެވެ.
ހަޔާތެއް ބިނާކުރަން އިތުރު ގޮތެއް ނެތީމައެވެ. ދިރިއުޅުން ކޮޅަށް ޖަހަން ބޭނުންވާތީއެވެ. އުފަން ރަށުގައި އެ ފުރުސަތު ނެތީމައެވެ. މައިންބަފައިންނާ އެކުގައި ހުރެވެން ނެތީމައެވެ. ޅަފަތުގައި މާލެ ބަދަލުވީ ހާލަތު މަޖުބޫރުކުރީމައެވެ. އެ ފަހުން ކުޑަ ހިނދުކޮޅަކަށް ނޫނީ އުފަންރަށުގެ އިހުސާސްކޮށްލަން ނުލިބެއެވެ. ރަށުގައި އުޅެލަން ނުލިބެއެވެ.
ރަށަކު ވަޒީފާއެއް ނެތެވެ. މަތީ ތައުލީމު ހޯދޭނެ ގޮތެއް ނެތެވެ. ވާނުވާ އެނގޭ ޑޮކްޓަރެއް، ބޭސްކޮށްލެވޭނެ ފެންވަރުގެ ހޮސްޕިޓަލެއް ވެސް ނުހުރެއެވެ. ރަނގަޅެވެ. އުޅޭނެ ބިންކޮޅެއް އެބައޮތެވެ. މައިންބަފައިންގެ ގެ އެބަހުއްޓެވެ. އެ ތަނުގައި ހުރެވޭނެއެވެ. އެކަމަކު، ލާރިފޮއްޗެއް ލިބެން އޮތީ މި މާލޭގައި ގަނަތެޅިގެންވީމާ ގަނަތެޅެނީއެވެ.
މާލެއަށް ގިނަ މީހުން އަންނަނީ އިތުރު ގޮތެއް ނެތީމައެވެ. ބޭނުންވެގެންނެއް ނޫނެވެ. މަޖުބޫރުންނެވެ.
އިންތިހާއަށް ޚަރަދު ބޮޑު، މި ތެޅެނީ ގަނަ
ދިވެހި އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ މީހުން އުޅެނީ މާލޭގައެވެ. އެއީ، 211،908 މީހުންނެވެ. އެ މީހުން އުޅެނީ މި ހަލަބޮލިކަމުގައެވެ. ބޮޑު ކުލި ދައްކައިގެން އުފަލެއް އަރާމެއް ނެތި ހަތަރުދަމު މަސައްކަތުގައެވެ. މިއީ ގިނަ މީހުންގެ ހާލެވެ.
"މުސާރައިގެ ގާތްގަނޑަކަށް 50 އިންސައްތަ ދަނީ ކުއްޔާއި ބިލުތަކަށް. ދެން ކޮބާ ދޯ އަދި ކެއުމާއި އެ ނޫން ކަންކަމާ. ހިތްހަމަޖައްސާލަން ޚަރަދުކޮށްލަން ބާކީ އޮންނަނީ ކުޑަކުޑަ އެއްޗެއް،" ކުރިން ވާހަކަދެއްކި ކުއްޖާ މިހެން ވެސް ބުންޏެވެ. ޝަކުވާއެއް ނޫނެވެ. ދިރިއުޅުމުގެ ހަގީގަތެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2019 ވަނަ އަހަރު ހެދި ސާވޭއަކުން ދައްކާ ގޮތުގައި މާލޭ ސަރަހައްދުގެ ގޭބިސީއަކުން އެވްރެޖުކޮށް މަހެއްގެ މައްޗަށް 37،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. އަދި، ގޭބިސީގައި އުޅޭ ކޮންމެ މީހަކު އެވްރެޖްގޮތެއްގައި 7،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ޖެހެއެވެ.
އެ ޚަރަދުގެ ބޮޑު އިންސައްތައެއް ހިއްސާވަނީ ޒަރޫރީ ބޭނުންތަކެވެ. އެއީ، ދިރިއުޅެން ކުރަން ޖެހިފައި އޮތް ޚަރަދެކެވެ. ދިރިހުންނަން ހިނގާ ޚަރަދެވެ.
ސާވޭއިން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅޭ އާއިލާތަކުން، މުސާރައިގެ 35 އިންސައްތަ ޚަރަދުކުރަނީ ކުއްޔަށެވެ. ނިކަމެތި އާއިލާތަކުން 68 އިންސައްތައެއްހައި ފައިސާ ކުއްޔަށް ހޭދަކުރާއިރު ތަނަވަސް އާއިލާތަކުން ވެސް މުސާރައިގެ 28 އިންސައްތަ ކުއްޔަށް ދައްކައެވެ.
މާލޭގައި އުޅޭ އާއިލާތަކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް 37،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާއިރު، ގޭބީސީއަކަށް އެވްރެޖްކޮށް ލިބޭ އާމްދަނީއަކީ 35,596 ރުފިޔާއެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ ހިސާބެއް، ޅެމެއް ވެސް ނެތެވެ.
ހިޖުރަކުރުން ނޫން ގޮތެއް ނެތް؟
ރާއްޖޭގެ 186 ރަށުގައި މީހުން އުޅެއެވެ. ތަފާސްހިސާބުތައް ބުނާ ގޮތުން ނަމަ، އެ ރަށްތަކުގެ ތެރެއިން 55 ރަށުގައި 500 މީހުން ހަމަނުވެއެވެ. އެހެންވީމާ، 211،908 އުޅޭ ވެރިރަށް މާލެއާއި 33,000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އައްޑޫ ސިޓީއަށް ކުރާ ހޭދަ 500 ހަމަނުވާ ރަށަކަށް ކުރުމަކީ އެއްވެސް އިންސާފެއް ނޫނެވެ. އެއީ، ކަން ހިނގައިގެންވާނެ ގޮތެއް ވެސް ނޫނެވެ.

މާލޭ މަގުމަތި: މި ހަލަބޮލިކަމުގައި އުޅެން ގިނަ މީހުން ބޭނުމެއް ނުވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސަރުކާރުގެ ވިސްނުމަކީ އެއްފަސްކުރުމެވެ. ޚާއްސަކޮށް ކުދިކުދި ރަށްރަށުގައި އުޅޭ މީހުން އެހެން ތަންތަނަށް ހިޖުރަކުރުމެވެ.
"ޑިމާންޑް އޮތިއްޔާ ނޫނީއަކާއެއް ޚިދުމަތެއް ނުދެވޭނެ. އެެހެން ޚިދުމަތް ދިނުމުގައި ބޮލަކަށް ޖެހޭ އަދަދު ވަރަށް މަތިވެގެންދާނެ. އެހެންވީމާ އާބާދީއާއި ތަރައްގީ އެއްފަސްކުރުން އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ބޯހިޔާވަހިކަމަށް ވެސް އޮތް ވަރަށް ބޮޑު ހައްލެއް،" މި ސަރުކާރުގެ ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވިއެވެ.
"އޭގެ ބަދަލުގައި ކުދި ރަށްރަށުގެ އާބާދީތައް އާބަން ސެންޓަރުތަކަށް ބަދަލުވެގެން އެ ސެންޓަރުތަކުން ލިބޭ ޚިދުމަތްތައް ރައްޔިތުންނާ ހިސާބަށް ފޯރީމައި، މާލެ އަންނާނަކަށް ވެސް ނުޖެހޭނެ. އެ ޚިދުމަތްތައް މަތީ ފެންވަރުގެ ޚިދުމަތްތައް ލިބޭނެ އާބަން ސެންޓަރުތަކުން،"
ސަރުކާރުގެ ވިސްނުމަކީ އެއީއެވެ. ހަތް އާބަން ސެންޓަރު ގާއިމުކޮށް، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ތަރައްގީކުރުމެވެ. އާބަން ސެންޓަރުތައް ގާއިމުކުރާނެ ހަތް ރަށެއް ސަރުކާރުން ވަނީ އިއުލާނު ވެސް ކޮށްފައެވެ. އެއީ؛
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ
ތަރައްގީ ބޭނުމީ ހިޖުރަނުކޮށް
"މިއީ އަހަރެމެން އުފަންވެ، އުޅެ ބޮޑުވި ތަން. މި ތަން ދޫކޮށްލާފައި، ތުރާކުނަށް ވިޔަސް ނައިފަރަށް ވިޔަސް މާލެއަށް ވިޔަސް ހިޖުރަކޮށްގެންނެއް ތަރައްގީއެއް ބޭނުމެއް ނޫން. ބޭނުންވަނީ މި ގޮތަށް މި ރަށުގައި އުޅެން،" އާބާދީގައި 500 ހަމަނުވާ ރަށެއްގެ 50 އިން މައްޗަށް ގޮސްފައި ހުރި މީހަކު ބުންޏެވެ.
އެ މީހުން ތަރައްގީ ވެސް ބޭނުމެވެ. އެކަމަކު، ހިޖުރަކުރެވޭކަށެއް ނެތެވެ.
ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތެއް ނުކޮށް ތަރައްގީ ގެނައުމަކީ ބަޖެޓަށް ބާރުބޮޑު ގޮތެވެ. އިގުތިސާދީ ގޮތުން ދެކޮޅު ޖައްސަން އުނދަގޫ ގޮތެވެ. އެއީ، އިގުތިސާދީ ވިސްނުމަކުން ވިސްނައިފި ނަމަ، ދުވަހަކު ވެސް އެއްބަސްވެވޭނެ ވެސް ކަމެއް ނޫނެވެ.
އެކަމަކު، މި ދައްކަނީ ބައެއްގެ އިހުސާސްތަކުގެ ވާހަކައެވެ. އެ މީހުންގެ ދިރިއުޅުމުގެ ވާހަކައެވެ.
އަތުން ގުނައިލެވޭ މަދު ދެތިން ރަށެއްގެ މީހުން ނޫނީ ރަށް ދޫކޮށް އަބަދުގެ އަބަދަށް ހިޖުރަ ކުރާކަށް ބޭނުމެއްނުވާނެއެވެ. އެެއީ، ދިވެހީން ބޭނުންވާ ގޮތެއް ނޫނެވެ. އެ މީހުން އެދެނީ ތަރައްގީ ފޮތިފޮތިކޮށްފައި، އާބާދީގެ ނިސްބަތުން ކޮންމެ ރަށަކަށް ވެސް ބަހައިލުމެވެ.
އެއްފަސްކޮށްފި ނަމަ ތަރައްގީ އަވަސްވާނެއެވެ. އިގުތިސާދު ހަލުއިވާނެއެވެ. އެކަމަކު، ތިޔަ ރަށް ތަރައްގީނުވާނޭ ކިޔާފައި ބަޔަކު އެހެން ތަނަކަށް ބަދަލުކުރުމުގެ ހައްގެއް އެ ރަށުގެ މީހުން ނޫން އެހެން އެކަކަށް ވެސް ނޯންނާނެއެވެ. އެއީ، އެ ރަށެއްގެ މީހުންގެ އަމިއްލަ ނިންމުމެކެވެ. އާބާދީގެ ނިސްބަތުން ތަރައްގީގެ މިންވަރެއް ކޮންމެ ރަށަކަށް ވެސް ލިބެންވާނެއެވެ.
ކުޑަ ރަށުގެ މީހުންނަށް ކުޑަ ރަށުގައި ފުރުސަތު އޮންނަންވާނެއެވެ. ބޮޑު ރަށުން ބޮޑު ރަށުގެ މީހުންނަށް އެއަށްވުރެ ގިނަ ފުރުސަތު ލިބެންވާނެއެވެ. ފުރަތަމަ ވާހަކަދެއްކި ކުއްޖާގެ ވާހަކައަކީ ވެސް އެއެވެ. އެއީ، އެ ކުއްޖާ ވެސް ހިންދެމިލައިގެން ދިރިއުޅެން ބޭނުންވާތީއެވެ. އެ ކުއްޖާގެ އާދޭހަކީ، ޝަކުވާއަކީ، އެދުމަކީ އަދި ދުއާއަކީ ވެސް މިއީއެވެ.
"މި ދިރިއުޅެނީއެއް ނޫން. ގަނަތެޅެނީ.. ރަށުގައި މަންމަ ކައިރީ އުޅެން ބޭނުން،"
comment އާދަމް
3 month 1 week ago
ވަރަށް މަޢުލޫމާތު ހުރި، ކިޔާލަން ފަސޭޙަ، ޢިބާރާތްތައް ފަށުވި ރީތި ލިޔުމެއް. ޝުކުރިއްޔާ.
comment ރަށް ރަށް
4 month 2 week ago
އާބަން ސެންޓަރުތައް އަޅާގެން އަނެއްކާވެސް ބޭކާރު ލާރިތައް ދުއްވަނީ.ކާކު ދަނީ ތިތަންތަނަށް ދިރިއުޅެން.މާލެ ސަރަހައްދު ހިއްކަބަލަ ތި ހަރަދު ނުކޮށް އެއްފަސް ކުރަން.ރަށް ރަށުން މީހުން ގޮަސް އާބާދުވާނެ
comment ނަމުގަ މާލެ މީހާ
4 month 2 week ago
އަހަރެންމީ މާލެއަށް އުފަން މާލޭގަ ރަޖިސްޓަރީ އޮންނަ މީހެއް. މަގޭ ބައްޕައަށް މާލެއިން ތަންފުކެއް އޮންނާތީ ބައްޕަގެ ތިބޭ 4 ދަރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލައިގެން އެއްވެސް ވެރިކަމެއްގަ ތިޔަބުނާ ބޯހިޔާވަހިކަމުން ތަންފުކެއް ނުލިބޭ. މަންމައަށް ރަށުން ގޯތިގަނޑެއްވެސް ނުލިބޭ. އަހަރެންގެ ދަރިން ގޮވައިގެން މިއުޅެނީ 10ފޫޓު ކޮޓަރިގަނޑެއްގަ. ނަމުގަ މާލެވީމަ ދާނެ ރަށެއް އުޅެލާނެ އަމިއްލަ ގެއެއްވެސް ނެތް. އެކަމަކު ނިކަމެތިވަނީ ރައްޖެތެރޭ މީހާ. ކޮބާ އަހަރެމެންނަށް އޮތް ޙައްޤު؟
reply ތޯލާ
3 month 2 week ago
ގޯތި 12 ބުރިއަށްނަގާފަ ބޮޑުކުއްޔަށްދީފަ އެންމެން 1 ކޮޓަރިއެއްގަ އުޅެނީތަ.
comment ބޭނުން
4 month 2 week ago
''ދިރިއުޅެނީއެއް ނޫން ގަނަތެޅެނީ؛ ރަށުގައި މަންމަ ކައިރީ އުޅެން ބޭނުން'' ދެން ދާންވީނު ކީއްކުރަން މަދު ކުރަނީތި؟
comment ޢަބްދުﷲ
4 month 2 week ago
ދަމާކަނޑާގެން އުޅެންވިޔަސް މާލެ ނައިސް ވޭތޯ ބަލަންވީ
comment ވޯލް
4 month 2 week ago
މިހާރު ޅަ ކުދިން މާލެ އަންނަ ޖެހޭ ސަބަބަުތައް ނިސްބަތުން މަދުވާނެ. އާން ސަރުކާރު ވަޒީފާއ ފަދަ އޮފީސް ވަޒީފާ ބޭނުން ނަމަ ތިޔަ ކަން ކުރަންޖޭހޭ. ތަފާތުހިސާބުތަކުންވެސް ފެންނަން އޮތް ހަޤީގަތަކީ، ރާއްޖޭގެ އާބާދީގެ ބޮޑޫ އިންސައްތަ އުޅެނީ މާލެ ނޫން ރާއްޖޭގެ އެހެން ރަށްރަށުގައިކަން. ބޮޑު އާބާދީ އެގޮތައް އެދިރިއުޅެވެނީ އެހެން އުޅުމުގެ ފުރުސަތި އޮތިމަ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކެޕިތަލް ސިޓީގައި ލިބޭ ވަސީލަތާ ފުރުސަތު ތަފާތު ހުރޭ. މީގެ 20-30އަހަރު ކުރިން އޮތް ހާލަތާ ފުރުސަތު މިހާރު ރަށްރަށުގައިވެސް ގިނަ. އެހެންވީމަ ބަދަލު ކުރަންޖެހޭ އެއްޗަކީ ވިސްނުން. މާލެ ރީޖަންގައި އާބާދީގެ އެންމެނަށް ސޯޝަލް ހައުސިން އަޅާފަ އަދި ހަމައެއްކަލަ ރަށްރަށުގައި އުމުރާނީ ތަރައްޤީ ހިނގުމަކީ ދެކޮޅުވެސް ނުޖެހޭ އަދި ކުރެވޭނެ ކަމެއްވެސް ނޫން. އެތަނެއްގައި ލިބެން ހުރި ވަސީލަތާއެކު އުޅޭ އެތަނެއް ތަރައްޤީ ކުރެވޭނީ. އަދި އަމްނދުން ޅަ ކުދިން މާލޭއަށް ބަރޯސާ ނުވެ
comment މޫސާ އަޙްމަދު
4 month 2 week ago
އަހަރަމެންނަކީވެސް ބަންގްދޭޝް މީހުންގޮތައް މަލޭގައި އުޅޭ ދިވެހި ރެފިއުޖީން. އަހަރަމެންނާއި ބަގްލަދޭޝް މީހާއާއި ހުރި ތަފާތަކީ، ބަގްލަދޭޝް މީހާއަށް ލިބޭ އާމްދަނީ ރައްކާކުރެވޭ އަދި ޤައުމަށް އިންވެސްޓްކުރެވޭ ދިރިއުޅުމަށް ޚަރަދުކޮށް ބާކީކުރެވޭ. އަހަރަމެންނަށް އެވަރުވެސް ނުވޭ. ހިތާމަހުރިކަމެއް. ކީއްކުރާނީ "ޑިމޮކްރަސީ" ވަކި އެއްބަޔަކަށް ފައިދާ. އަހަރަމެން ރައްޔިތުން ހޭވެރިވެ މިކަން އިސްލާހްކުރުން ނޫންގޮތެއްނެތް.