އާބަން ސެންޓަރުތައް ހެދުމުން، މާލެ ސަރަހައްދުން މީހުން ބަދަލުވުމުގެ އޮއިވަރެއް ފެށޭނެ: ހައިދަރު

ހިޔާވަހި ފައިނޭންސިން ސްކީމް ތައާރަފްކުރުމުގެ ހަފްލާގެ ތެރެއިން: އާބަން ރީޖަންތައް ހެދުމުން، މާލެ ސަރަހައްދުން މީހުން ބަދަލުވުމުގެ އޮއިވަރެއް ފެށޭނެ ކަމަށް ހައިދަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އާބަން ރީޖަންތައް ގާއިމުކުރުމުން މާލެ ސަރަހައްދުން އެ ސަރަހައްދުތަކަށް މީހުން ބަދަލުވުމުގެ އޮއިވަރެއް ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅޭ ގޮތުން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ހައިދަރު ވިދާޅުވީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވަރަށް ގިނަ ދިރާސާތައް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވަނީ ބައެއް ރަށްރަށުގައި ބޯހިޔާވަހިކަމަށް ޖާގަ ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ އެ މައްސަލައަށް އެންމެ ރަނގަޅު ހައްލެއްގެ ގޮތުގައި ބެލެވެނީ ބައެއް ރަށްރަށުން، ޚާއްސަކޮށް ކުދި އާބާދީތައް ދިރިއުޅޭ ރަށްރަށުން އެހެން ރަށްރަށަށް މީހުން ހިޖުރަކުރުން ކަމަށެވެ.

"އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ މަޝްރޫއެއް ކުރިއަށްގެންގޮސް ނޫނިއްޔާ ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލު ނުކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ދިރާސާތަކުން ދައްކަނީ،" އޭނާ ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ މިނިސްޓްރީން ހެދި އެއް ދިރާސާއަކުން، މާލެއިން ބޭރުގައި އޮތް 186 ރަށުގެ ތެރެއިން 55 ރަށުގައި އާބާދީ 500އަށް ވުރެ މަދު ކަމަށް ދައްކައިފައިވާ ކަމަށެވެ. އަދި 5،000އަށް ވުރެ ބޮޑު އާބާދީއެއް އޮތީ މާލެއިން ބޭރުގައި ހަތަރު ރަށެއްގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުދި އާބާދީތައް އެއްފަސްނުކުރާނަމަ އެއީ އިގުތިސާދީ ގޮތުން އެ ރަށްރަށަށް ވެސް ހީނަރުވާނެ ކަމެއް ކަމަށް ހައިދަރު ވިދާޅުވިއެވެ. އެގޮތުން ބޮޑު އާބާދީއެއް އޮންނަ ނަމަ ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، ސިއްހީ، ތާއުލީމީ، މުނިފޫހިފިލުވުން ފަދަ ދާއިރާތަކަށް އޮންނަ ބޭނުން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑިމާންޑް އޮތިއްޔާ ނޫނީއަކާއެއް ޚިދުމަތެއް ނުދެވޭނެ. އެެހެން ޚިދުމަތް ދިނުމުގައި ބޮލަކަށް ޖެހޭ އަދަދު ވަރަށް މަތިވެގެންދާނެ. އެހެންވީމަ އާބާދީއާއި ތަރައްގީ އެއްފަސް ކުރުން އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ބޯހިޔާވަހިކަމަށް ވެސް އޮތް ވަރަށް ބޮޑު ހައްލެއް،" ހައިދަރު ވިދާޅުވިއެވެ.

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން: އާބަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސްގެ މެނިފެސްޓޯގައި ހިމަނުއްވައިފައިވާ ކަމެއް -- ފޮޓޯ/ ރައީސް އޮފީސް

އޭނާ ވިދާޅުވީ މި ސަރުކާރުން އޮތީ ރީޖަނަލް ޑެވެލޮޕްމެންޓް ޕްރޮގްރާމެއް ފަށަން ތައްޔާރުވެފައި ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އުތުރުގައިއާއި ދެކުނުގައި އެއް ލައްކައިގެ އާބާދީގެ ދެ ރީޖަން ގާއިމުކުރާނެ ކަމަށެވެ. އަދި 10،000އާ ހިސާބަށް މީހުން ދިރިއުޅޭނެ އާބަން ސެންޓަރުތައް ވެސް ގާއިމުކުރަން ރާވާފައިވާކަން ހައިދަރު ފާހަގަކުރެއްވިއެވެ.

އެ ބަދަލާއެކު ވަރަށް ގިނަ ލުއިފަސޭހަތައް ލިބޭނެ ކަމަށް ވިދާޅުވެ މިނިސްޓަރު ފާހަގަކުރެއްވީ މިހާރު ގިނަ ޚިދުމަތްތައް ހޯދުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހޭ ކަމެވެ. އޭގެ ސަބަބުން ދަތުރުކުރާ މީހަކަށް ތަކުލީފުތަކެއް ކުރިމަތިވެ، ފެރީ ފަދަ ދަތުރުތަކުން ތިމާވެއްޓަށް ވެސް ގެއްލުން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ބަދަލުގައި ކުދި ރަށްރަށުގެ އާބާދީތައް އާބަން ސެންޓަރުތަކަށް ބަދަލުވެގެން އެ ސެންޓަރުތަކުން ލިބޭ ޚިދުމަތްތައް ރައްޔިތުންނާ ހިސާބަށް ފޯރީމައި، މާލެ އަންނާނަކަށް ވެސް ނުޖެހޭނެ. އެ ޚިދުމަތްތައް މަތީ ފެންވަރުގެ ޚިދުމަތްތައް ލިބޭނެ އާބަން ސެންޓަރުތަކުން،" ހައިދަރު ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ އާބާދީއަށް ބަލައިއިރު 400،000 މީހުންގެ ތެރެއިން 40 ޕަސެންޓް އުޅެނީ މާލޭގައި ކަމާއި އޭގެ ތެރެއިން ބައެއް މީހުންނަކީ މިހާރު ހަދަން ރާވައިފައިވާ އާބަން ސެންޓަރުތަކާއި ރީޖަންތަކުން އައިސް ތިބި މީހުންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމަ ކޮންމެވެސް ވަރަކަށް އަޅުގަނޑުމެން ހިތުން އާބަން ސެންޓަރުތަކާއި އާބަން ރީޖަންތައް ގާއިމުވީމައި ރައްޔިތުން މާލެ ސަރަހައްދުން އެ ސަރަހައްދުތަކަށް ބަދަލުވުމުގެ އޮއިވަރެއް ވެސް ފެށޭނެ ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ،" ހައިދަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން، ރާއްޖޭގައި އާބަން ސެންޓަރުތައް ގާއިމުކުރާ ހަތް ރަށް މިމަހުގެ ނުވައެއްގައި ވަނީ އިއުލާންކޮށްފައެވެ.

އެ ރަށްތަކަކީ:

  1. ރ. އުނގޫފާރު
  2. ބ. އޭދަފުށި
  3. ޅ. ނައިފަރު
  4. އދ. މަހިބަދޫ
  5. ފ. ނިލަންދޫ
  6. ދ. ކުޑަހުވަދޫ
  7. ލ. ފޮނަދޫ

ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، ހަތް އާބަން ސެންޓަރުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ތަރައްގީ ކުރައްވާނެ ކަމަށެވެ.

އެ އާބަން ސެެންޓަރުތައް ގާއިމުކުރުމާ ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅައި، މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. އެގޮތުން ބިލު ދިރާސާ ކުރަމުން އަންނަނީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުންނެވެ.

އެ ބިލާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެ ބިލް ފާސްކުރުމުން ކައުންސިލްތަކުގެ ބާރު ކެނޑި، ކަތީބު ނިޒާމަކަށް ރުޖޫއަވާ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް