މުހިންމު ސުވާލެއް; އަސްލު ވެސް ކީއްވެތަ؟

"ތަނަވަސް ގައުމެއްގައި ގިނަ މީހުން ނުތަނަވަސް ކަންމަތީ އުޅެންޖެހެނީ ކީއްވެ؟"

މިއީ މާލޭ މަގުމަތިން ވަރަށް ގިނައިން ފެންނަ ސުވާލެކެވެ. ފާޑެއްގެ ފޮންޓަކުން ލިޔެފައި ހުންނާތީ އެ ބުނާ އެއްޗެއް ނޭނގޭ މީހުން ވެސް މަދެއް ނޫނެވެ. އެއީ، ކޮންއިރަކު ކާކު އެޅި އަކުރުތަކެއް ކަމެއް، އަދި އެ ފާރުތަކުގައި ސްޕްރޭކުރީ ކޮން އިރަކު ކާކު ކަމެއް ނޭނގެއެވެ.

އެކަމަކު، އެ ސުވާލު ފެންނަލެއް ގިނަކަމުން ދެތިން މީހުންނާ އެ ސުވާލުކުރީމެވެ.

"މިއީ ތަނަވަސް ގައުމެއް ނޫން. މައްސަލައަކީ ތަނަވަސް ގައުމެއް ކަމަށް ދައްކައިގެން ހިލޭ ކަންކަން ވާނެ ކަމަށް މީހުންނަށް ވިސްނައިދީފައި އޮންނާތީ. އެ ކަންކަން ހަރުދަނާކުރުމުން ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ،" ޅަފުރައިގެ ޒުވާން ކުއްޖަކު އޭނާގެ ހިޔާލެއް ބުނެލިއެވެ.

އުމުރު ދޮށިވާ ވަރަކަށް ހިޔާލު ބަދަލުވެއެވެ. އެއީ، ހަމަ އެ ސުވާލަށް ތަންކޮޅެއް ދޮށީ މީހަކު ބުނި އެއްޗަކުންނެވެ.

ބާޒާރު މަތީގެ ފޮޓޯއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރާއްޖެއަކީ ނުފޯރާ ގައުމެއް ނޫން. އިންތިހާއަށް ކޮރަޕްޝަނާ ބޭކާރު ހަރަދާއި ވައްކަމާ ގިނަވީމާ ނިކަމެތި މީހާ ހައްތަހައި ނިކަމެތި ވަނީ. މުއްސަނދި މީހާ އިތުރަށް ވާނީ މުއްސަނދި. އަހަރެމެން ވާނީ ދެރަ،" އެ މީހާ ބުންޏެވެ.

ގިނަ މީހުން އުޅެނީ ނުތަނަވަސް ކަމުގައިތަ؟

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީހުންގެ އުފާވެރިކަން ހުރި ވަރެއް ނޭނގެއެވެ. ސަރުކާރުން ހަދަން އުޅޭ ހެޕިނަސް އިންޑެކްސް ހެދީމާ ފަހަރެއްގައި އެނގެން ހުރެދާނެއެވެ.

އެނގެން ހުރި ކަންކަމަށް ބަލާނަމަ، ހަމަ ގައިމު ވެސް މާލޭ ސަރަހައްދަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ނުތަނަވަސްކަމުގައި އުޅޭ ހިސާބެވެ. ވަޒީފާގެ ބުރަބޮޑު މާހައުލާއި ކާރޫބާރޫ ބޮޑު މަގުތަކާއި ކުދިކުދި ގޮޅިގޮޅިއަށް ދައްކަންޖެހޭ އިންތިހާއަށް ބޮޑު ކުއްޔަކީ ހަމަ ގައިމު ވެސް ހިތްމަރައިލާ ކަންކަމެވެ.

ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 41 އިންސައްތަ މީހުން ނުވަތަ 211،908 މީހުން ދިރިއުޅެނީ މާލޭ ސަރަހައްދުގައެވެ. ބާކީ ހުރިހާ ރަށެއް އެއްކޮށްލީމާ ހަމަވަނީ 46 އިންސައްތަ ނުވަތަ 236،911 މީހުންނެވެ. މި އެންމެންނަކީ ބޭނުންވެގެން، އުޅޭ ހިތުން، އުފަލުގައި އުޅޭ މީހުންނެއް ނޫނެވެ. ކޮށްގެން އުޅެނީ މަޖުބޫރު ހިޖުރައެކެވެ.

މާލޭ މަގުމަތި: މާލޭގައި އުޅޭ ގިނަ މީހުންނަކީ ކުއްޔަށް އުޅޭ މީހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މާލެއައީ އޯލެވެލް ނިންމި ގޮތަށް. މި އުޅެނީ ކުދިން ބަހައްޓާ ގެއެއްގައި 3،000 ރުފިޔާ ދީގެން. އެ ގެއަކުން ކާކަށް ނުލިބޭ. ކާން ޖެހެނީ ބޭރުން. ވަޒީފާގައި އަބަދު އުޅެގެން ކިރިޔާ 12،000 ރުފިޔާ މި ލިބެނީ. މަސް މެދަށް ދާއިރު އަތުގައި ނޯވޭ އެކައްޗެއް ވެސް،" މިއީ އުމުރުން 24 އަހަރުގެ ޒުވާނެއްގެ ވާހަކައެވެ.

އެކަމަކު، މިއީ އޭނާ އެކަނި އުޅޭ ހާލެއް ނޫނެވެ. މިއީ މި ގައުމުގައި ގިނަ ބަޔަކު އުޅޭ ނުތަނަވަސް ހާލެވެ.

ކީއްވެ؟

ދެން އޮތީ އަސްލު މަގުމަތީގައި ލިޔެފައި ހުއްޓާ އެ ފެންނަ ސުވާލެވެ. ތަނަވަސް ގައުމެއްގައި ގިނަ މީހުން ނުތަނަވަސް ކަންމަތީ އުޅެންޖެހެނީ ކީއްވެހެއްޔެވެ؟ އަސްލު ވެސް ކީއްވެ ހެއްޔެވެ.

ކައިރި މާޒީއަށް އެކަނި ބަލައިލިޔަސް އެ ސުވާލުގެ ޖަވާބު ހަގީގަތުގައި އެބަ ލިބެއެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގާ ދިޔަ އެންމެ ބޮޑު ވައްކަމަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އެތައް ފަޅުރަށެއް ނުއަގުގައި ވިއްކި ވިއްކުމެވެ. އެއަށް ފަހު، އެ ފައިސާ ވެސް ޖަމާކުރަމުންދިޔައީ ވެރިންގެ އަމިއްލަ އެކައުންޓުތަކަށެވެ. އެ ފައިސާއިން އެ މީހުން އަދިވެސް ބޭރު ގައުމުތަކުގައި އަގުބޮޑު ދިރިއުޅުން އެ އުޅެނީއެވެ.

އޭގެ ކުރިއަށް ބަލައިފިއްޔާ އެފްޕީއައިޑީ ކޮރަޕްޝަނަކީ ވެސް ހަމަ އެ ވަރުގެ ވައްކަމެކެވެ. އެ ފައިސާގެ އުފާ އަދިވެސް އެ ލިބިގަތް ބަޔަކު އެ އަންނަނީ އިހުސާސްކުރަމުންނެވެ.

ޑޮލަރު: އެމްއެމްޕީއާރުސީ ޚިޔާނާތުގައި މިލިއަން ޑޮލަރުން މީހުން ވައްކަންކުރި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ގައުމުގެ ފައިސާ އެންމެ އެދެވޭ ގޮތުގައި ބޭނުންނުކުރުމަކީ އެންމެންނަށް ދެވޭ ލަގާއެކެވެ. ވެވޭ ވަރަށް ބޮޑު ޚިޔާނާތެކެވެ. ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެހެން ގޮތަކަށް ހީވި ނަމަވެސް އެ ބޭފުޅުން ޚަރަދު ކުރައްވަނީ ރައްޔިތުންގެ ފައިސާއެވެ. އެ ފައިސާއިން އެންމެ ލޯ ލާރިއެއް ވެސް އެންމެ ފައިދާ ބޮޑު ގޮތް ނޫން ގޮތެއްގައި ޚަރަދުކޮށްފި ނަމަ އެއީ ސީދާ ވައްކަމެވެ. ޚިޔާނާތެވެ. އެ ކަމަށް ޖަވާބުދާރީވާން ވާނެއެވެ.

މި ގައުމުގައި ގިނަ މީހުން، ގެދޮރު ނެތި، އަސާސީ ބޭނުންތައް ނުފުއްދި އުޅެންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ކޮރަޕްޝަނެވެ. އެ ކަމާ ދެބަސްވާނެ މީހަކު ނޫޅޭނެއެވެ.

އޭގެ އަނެއް ސަބަބަކީ ރާއްޖެ ތަރައްގީކުރުމާއި، ކަންކަން ރަނގަޅުކުރުމުގެ ހެޔޮ ނިޔަތް އެއްވެސް މީހެއްގެ ނެތުމެވެ. ސިޔާސީ ބޭފުޅުން، އެ ބޭފުޅުންގެ އަމިއްލަ އެޖެންޑާއާއި ވޯޓު އިތުރުވަންޏާ ވާނެހާ ގޮތަކަށް ކަންތައްތައް ބައްޓަންކުރަމުން ދިއުމެވެ. ގައުމަށް ވާނެ ގޮތެއް، މި ތަނުގައި ގަނަތެޅޭ ރައްޔިތުން ބަރުދާސްތުކުރަންޖެހޭނެ ހާލަތެއް ވިސްނައިނުލާތީއެވެ.

އެ ކަމުގެ އެއް މިސާލަކީ ހުޅުމާލެއިން ބަހާލި ގޯތިތަކެވެ. ފަހަރުގައި ބައެއް މީހުންނަށް އެއީ ވަރަށް މޮޅު، ރަނގަޅު، އެހާމެ ހެޔޮ ކަމެއް ކަމުގައި ފެނުނަސް އެއީ އެކެއްގެ ހައްގު ހޯދައިދޭން އެހެން ގިނަ ބަޔަކަށް ދިން ދޯކާއެކެވެ.

އިންތިޚާބެއްގެ ވޯޓު ފޮށި ބަންދުކޮށްފައި: ވޯޓު ވިއްކާލުމުގެ ނަތީޖާއަކަށްވަނީ ފޮށި ބަންދުވުމަށް ސިޔާސީ މީހާ ބޭނުންހާ އެއްޗެއް ހެދުން -- ސަން ފޮޓޯ/ މޫސާ ނަދީމް

މާލޭގެ ބޯހިވާހިކަމަކީ ވެސް އެންމެ އާދައިގެ އިކޮނަމިކްސްއިން ބުނެދެވޭނެ ކަމެކެވެ. އެއް ކަމަކަށް، މާލޭ ސަރަހައްދުގެ ބިމެވެ. އެއީ، 'ސްކާސް ރިސޯސް' ނުވަތަ ވަކި މިންވަރަކަށް ލިބޭ އެއްޗެކެވެ. އެއަށް ނުކަތާ ވަރަށް ބޯހިޔާވަހިކަމަށް ބޭނުންވެފައި، ކަރުހިއްލައިގެންފައި މީހުން އެބަތިއްބެވެ. އެހެންވީމާ އެ އެންމެންނަށް ހައްގުވާ ބިންކޮޅު އެކަކަށް ދިނުމަށް ވުރެ ހަމަ ޔަގީނުން ވެސް އިންސާފުވެރިވާނީ ހައްގުވާ އެންމެންނަށް މިންވަރެއް ލިބުމެވެ.

މިއީ ސިޔާސަތުތަކުގެ ސަބަބުން މި ތަނުގައި އުޅޭ މީހުންގެ ދިރިއުޅުން ހައްތަހައި ފަހަތަށް ސޮއްސާލައިކަމުގެ މިސާލެކެވެ. ގެ ލިބުނު މީހުން ފަހުން މުއްސަނދި ވިޔަސް، ނުލިބުނު މީހާ ހައްތަހައި ވަނީ ނިކަމެއްޗެވެ.

ހައްލަކީ ކޮބާ؟

ސިޔާސީ ބޭބޭފުޅުން މި ކަންކަމުގެ ޒިންމާ ނަގަންޖެހޭ ވަރަށް ރައްޔިތު މީހާ ވެސް ނަގަންވާނެއެވެ. އެއީ، ސިޔާސީ ބޭފުޅާގެ އުޅުން ބައްޓަންކުރަނީ ރައްޔިތު މީހާއެވެ. ސިޔާސީންނަކީ ވޯޓު ގިނަވިއްޔާ ވާނެހާ ގޮތަކަށް މުޅި ދިރިއުޅުން ވެސް ބައްޓަންކުރާ ބައެކެވެ.

"ރޯދަ މަހު އެބަ ގުޅޭ ޓޯސްޓަރެއް ގަނެދޭން މެންބަރަށް. ނޫނީ ދަރިފުޅު ވަޒީފާއަކަށް ލައިގެން އެ ޕުޝްކޮށްލަން،" މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.

އެއީ، ތެދެކެވެ. މަޖިލީސް މެންބަރުންނަކީ ވަރަށް ބޮޑެތި ޒިންމާތަކެއް ބޮލުއަޅައިގެން މަގާމާ ހަވާލުވާ ބައެކެވެ. އެއީ، ދަރިންގެ ވަޒީފާއާއި ބަދީގޭގައި ހިފާ ގެންގުޅޭ ތަކެތި ހޯދައިދޭން އިންތިޚާބުކުރާ ބައެއް ނޫނެވެ. ރައްޔިތުން އެ ހޭއަރަން ޖެހެއެވެ. އެ މީހުން ސިޔާސީ މީހުންގެ ކައިރިން އެދޭ އެދުންތައް ބަދަލުވާން ޖެހެއެވެ.

https://sun.mv/193134

ރައްޔިތުން ވޯޓު ދެނީ ދަރިފުޅުގެ ވަޒީފާ ހަމަޖައްސައިދޭ މީހާއަށެވެ. ގެއަށް ޓޯސްޓަރެއް ގަނެދޭ މީހާއަށެވެ.

"ރައްޔިތުންނަށް މި ކުރެވެނީ ކީއް ކަމެއް ނޭނގެނީ. ސަރުކާރަށް މާ ބޮޑު މެޖޯރިޓީއެއް ދިނީމާ ދެން ވާނެ ގޮތެއް ވެސް ނުވިސްނެނީ. މީގެ ހައްލަކަށް ވާނީ ހަމަ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ކަންކަމާ ފިކުރުކުރުން. ގައުމުގެ ކަންކަމާ ވިސްނުން. ހޭލުންތެރިވުން،" އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް މީގެ ކުރިން ލިޔުނު ރިޕޯޓަކަށް ވިދާޅުވިއެވެ.

"އިން ދަ އެންޑް ހަމަ ރައްޔިތުން ދޯ މި ނިންމަނީ،"

ހިމަނައިމިލީ މުނާސަބު ކަމުންނެވެ. ގޮތް ނިންމަނީ ހަމަ ރައްޔިތުންނެވެ. ބަދަލު ވާންވީ ވެސް ރައްޔިތުންނެވެ.

comment ކޮމެންޓް