ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކޮށް، ބެކަމް ފަދަ ސެލެބްރިޓީން ރާއްޖެ ގެންނަންޖެހޭ: ފައިސަލް

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް: ވިދާޅުވީ ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކޮށް، ބެކަމްމެން ފަދަ ސެލެބްރިޓީން މެދުވެރިކޮށް މާކެޓުކުރަން ޖެހޭ -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ފަތުރުވެރިކަމުގެ ރޮނގުން މިވަގުތު ތަޖުރިބާ ކުރަން އެންމެ ރަނގަޅު ކަމަކީ ރިއަލް އެސްޓޭޓް ޓޫރިޒަމް ކަމަށާއި، ބިލިއަނަރުންނަށް އަމާޒުކޮށް ރަނގަޅަށް މާކެޓު ކުރެވިއްޖެނަމަ މިއީ ކާމިޔާބު ކަމަކަށް ވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން "ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމް ރާއްޖެއަށް ތައާރަފުކޮށް 99 އަހަރަށް ނުވަތަ އެއަށްވުރެ ވެސް ގިނަ އަހަރުތަކަށް ބިން ދޫކުރަން ޖެހޭކަމަށެވެ.

މި ކަން ކުރާނީ ގާނޫނާއި ގަވާއިދުތައް ވެސް މި ކަމަށް އެކުލަވައިލައިގެން ކަމަށާއި މިކަން ކުރެވިއްޖެނަމަ، ދުނިޔޭގެ ބިލިއަނަރުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ރާއްޖޭގައި އިންވެސްޓު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ރިއަލް އެސްޓޭޓް ޓޫރިޒަމް އަޅުގަނޑުމެން ރާއްޖޭގައި އިންޓްރޮޑިއުސް ކޮށްފައި އެ ތަންތަން 99 އަހަރަށް ނޫނީ އިތުރު އަހަރުތަކަށް ގާނޫނާ ގަވާއިދުތަކަށް އިސްލާހު ގެނެވި، ރައީސުލްޖުމްހޫރިއްޔާގެ ވެސް ފުރިހަމަ ލަފާފުޅާ އިރުޝާދުގެ މަތިން މި މަސައްކަތް ކުރެވިއްޖެނަމަ ދުނިޔޭގެ ބިލިއަނަރުންގެ ތެރެއިން ބޮޑު ބައެއް ރާއްޖޭގައި ވިލާ އޯންކުރާނެ. މީ ރާއްޖޭގައި ކުރެވޭނެ ކަމެއް،" ފައިސަލް ވިދާޅުވިއެވެ.

"އޭރުން ވަކި އަދަދަކަށް މިތަނުން އެ މީހުންނަށް ވިސާ ލިބި، އެ ކަންކަން ވެސް މިހާރު އެބަދޭ ރަސްމީ ސިފައެއްގައި ކުރެވެމުން،" އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ރޮނގުން ކުރިއަރަން ދުބާއީއިން މަސައްކަތް ކުރި ގޮތް ފައިސަލް ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން 2000ގެ ކުރީކޮޅުގެ އަހަރުތަކުގައި ޑޭވިޑް ބެކަމް ދުބާއީން ބިމެއް ގަތް ވާހަކަ އަޑުއެހިކަމަށާއި މިއީ އެ ގައުމުތަކުން މާކެޓިންގައި ގެންގުޅޭ އުކުޅެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުމުން އެ އަދަދު ތިން މިލިއަނަށް ނުވަތަ 3.5 މިލިއަނަށް ވެސް އެރުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް މިއަދަދަށް ފަތުރުވެރިން އަންނަ އިރު، މާކެޓު ކުރާ ގޮތްތައް ވެސް ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، ބެކަމް އެމްބެސެޑަރަކަށް ނަގައިގެން ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"...ވަރަށް ވަރުގަދަ ސެލެބްރިޓީއެއް ޑޭވިޑް ބެކަމްއަކީ އިނގޭތޯ. ކީއްވެތޯ އަޅުގަނޑުމެން ރާއްޖޭގެ ޓޫރިޒަމް މިވަރުވާއިރު އިނގިރޭސި މާކެޓުގައި [ރާއްޖެ] ޕްރޮމޯޓުކުރަން އެމްބެސެޑަރެއްގެ ގޮތުގައި ޑޭވިޑް ބެކަމް ހަޔާ ނުކުރަންވީ؟ މީ ރާއްޖޭގެ ޓޫރިޒަމްގައި އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަން. މިއަދު ދުބާއީގެ އެމްބެސެޑަރަކީ ޝާހުރުކްހާން އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ރާއްޖެއިން ފަތުރުވެރިކަމުގައި ވާދަކުރަނީ އެ ގައުމުތަކާ ކަމަށާއި އެހެންކަމުން މާކެޓިން އުކުޅުތައް ވެސް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭން ފަތުރުވެރިންނަށް ލިބޭ ޚިދުމަތްތަކާއި ކުރާ ތަޖުރިބާތައް އެހެން ގައުމުތަކުން އަދިވެސް ނުލިބުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. ނަމަވެސް، ފަތުރުވެރިކަން އިތުރަށް ކުރިއަރުވަން އިތުރު ކަންކަން ތައާރަފުކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދުބާއީން އަޅުގަނޑުމެންނަށް ފެނޭ ވަރަށް ވަރުގަދަ އެކުއެރިއަމެއް. ކީއްވެ ރާއްޖޭގައި ނެހެދެންވީ. ރާއްޖޭގައި ދުނިޔޭގައިން އެންމެ ވަރުގަދަ އެކުއަރިއަމް ހަދާފަ އެއީ ވަަރަށް ވަރުގަދަ ޓޫރިސްޓު ލޭންޑްމާކަމަށް ހަދާފަ ރާއްޖެ އަންނަ ފަތުރުވެރިން ގޮސް ފަސް ޑޮލަރު އެތަނަށް ދިން ނަމަވެސް އެ ތަނުން ކިހާބޮޑު ރެވެނިއުއެއް އަޅުގަނޑުމެންނަށް ނެރެވޭނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ފަތުރުވެރިކަމު ދާއިރާއިން ސަރުކާރަށް ލިބުނު ކާމިޔާބީތައް ވެސް މިނިސްތަރު ވަނީ ހިއްސާކުރައްވާފައެވެ.

comment ކޮމެންޓް