ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލުވާން އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ނިންމައިފިއެވެ.
ގާނޫނުއަސާސީއަށް އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހެޅީ މިދިޔަ ބުދަ ދުވަހެވެ. ހަމަ އެ ދުވަހު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، ހަވީރު ވަނީ ތަޅުމުން ފާސްކޮށްފައެވެ. އިރުއްސުނު ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވައިފައެވެ.
މި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ނެރުން ނޫސްބަޔާނެއްގައި ވަނީ، ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައިވަނީ ޑިމޮކްރަސީގެ އަސާސީ ހަމަތަކާއި، ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ގާނޫނުތައް ފާސްކުރަމުން ގޮސްފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން ގާނޫނު އަސާސީގެ ބާރު ކެނޑޭކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ދިވެހި ދައުލަތުގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި، މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަން ފާހަގަކޮށް އެމްޑީޕީން ބުނީ މި އިސްލާހު ގެނެސްފައި ވަނީ އެ މާއްދާއަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.
"...އަދި [މި އިސްލާހު ގެނެސްފަިއ ވަނީ] ގާނޫނު އަސާސީގެ 26ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާނެ މަންދޫބަކު ޚިޔާރުކުރުމަށް ރައްޔިތުންނަށް ލިބިފައި އޮތް ހައްގު އެކީ އެކަށް ނިގުޅިގެން ދާގޮތަށެވެ،" އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން ގާނޫނު އަސާސީގެ 73ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު ގާނޫނު އަސާސީ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ ހުށަހެޅުމަށް މަރުހަބާ ކިޔާކަމަށާއި، އެ މައްސަލައަށް ތަދައްޚުލުވުމަށް ނިންމާފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާއާއި އަށްވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.
ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. އަށްވަނަ މާއްދާގައި ބުނަނީ، ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެމަތީން ކަމަށެވެ.
ގާނޫނުއަސާސީއަށް ގެނައި މައިގަނޑު ތިން އިސްލާހަކީ:
- މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
- ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
- ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ގޮވާލައްވައިފައެވެ. ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވެސް ވަނީ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ގާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީން އަންނަނީ އެ އިސްލާހު ދިފާއުކުރަމުންނެވެ.
އެ ގޮތުން، މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކުގެ ކޮމިޓީތަކަށް ނުދޭނެ ކަމަށާއި ޕާޓީތަކުން މެންބަރުން ވަކިކުރެވޭނެ ގޮތުގެ ގާނޫނެއް އެކުލަވައިލާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.