ފިލިޕީންސްގެ ރައީސް އަވަހާރަކޮށްލަން ރާވައިފައިވާނެ ކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ

ފިލިޕީންސްގެ ނާއިބު ރައީސް ސާރާ ޑޫޓާޓޭ މަގާމާ ހަވާލުވެލެއްވުމުގެ ރަސްމިއްޔާތުގައި. ފޮޓޯ/އޭޕީ

ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑޫޓާޓޭ އަވަހާރަކޮށްލައިފިނަމަ، އެ ގައުމުގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ އާއި އަނބިކަނބަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ރާވާފައިވާ ކަމަށް ސާރާ ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނައިބު ރައީސް ސާރާ ވަނީ ގައުމުގެ ރައީސާއި ފަސްޓް ލޭޑީއަށް ފާޑުވިދާޅުވެ، އެއީ ގާބިލުނޫން ބޭފުޅުންގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ސާރާ ތުހުމަތު ކުރައްވާ ގޮތުގައި އެކަމަނާ އަވަހާރަކޮށްލަން ވެސް ބަޔަކު ރާވައިފައިވެއެވެ.

"އަހަރެންގެ ސެކިއުރިޓީއާ މެދު ކަންބޮޑު ނުވޭ. އަހަރެން މަރާލައިފިނަމަ މާކޯސް، ލީޒާ އަރަނެޓާ އަދި [ގާނޫނު ހަދާ މަޖިލީހުގެ ރައީސް] މާޓިން ރޮމުއަލްޑޭޒް މަރާލާނެ. މިއީ ސަމާސާއެއް ނޫން." ސާރާ ވިދާޅުވިއެވެ.

ފިލިޕީންސްގެ ގާނޫނުގައިވާ ގޮތުން އެފަދަ އިންޒާރެއް ދިނުމަކީ ޖަލު ހުކުމެއް އަދި ޖޫރިމަނާއެއް ދައްކަންޖެހޭނެ ފަދަ އިންޒާރެކެވެ.

ފިލިޕީންސްގެ ރައީސް އޮފީހުގައި އިސްކޮށް ހުންނަވާ އެގްޒެކެޓިވް ސެކްރެޓަރީ ލޫކަސް ބެރްސާމިން ވިދާޅުވީ އެއީ ނައިބު ރައީސް، ރައީސަށް ދެއްވި އިންޒާރެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އަވަސް ފިޔަވަޅު އެޅުމަށް ރިޔާސީ ސެކިއުރިޓީ ކޮމާންޑަށް އެ މައްސަލަ ފޮނުވައިފާ ކަމަށްވެސް ބެރްސާމިން ވިދާޅުވިއެވެ.

"ރައީސް އަވަހާރަކޮށްލުމަށް މީހަކު ހަމަޖައްސާފައިވާ ކަމަށް ނައިބު ރައީސް ދެއްކެވި ސާފު އަދި ޝައްކެއްވެސްނެތް ވާހަކަފުޅަށް އަމަލު ކުރައްވައި، އެގްޒެކެޓިވް ސެކްރެޓަރީ ވަނީ އެ އިންޒާރަށް އަވަސް ފިޔަވަޅު އެޅުމަށް ރިޔާސީ ސެކިއުރިޓީ ކޮމާންޑަށް ފޮނުވާފައި." ސަރުކާރުން ނެރުނު ބަޔާނުގައިވެއެވެ.

ފިލިޕީންސްގައި ނައިބު ރައީސް ވެސް އިންތިޚާބު ކުރަނީ ރައީސް ގޮތަށް، ރައްޔިތުންގެ ވޯޓަކުންނެވެ. ދެހާސް ބާވީސް ވަނަ އަހަރުގެ މެއި މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްކޮށް ވާދަކުރެއްވި ސާރާއާއި މާކޯސް އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް، ފަހުން ދެ ބޭފުޅުންގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައި ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ދެ ބޭފުޅުންގެ ގުޅުން އެންމެ ބޮޑަށް ގޯސްވީ އެޑިއުކޭޝަން ސެކްރެޓަރީގެ މަގާމާއި އެންޓި އިންސާޖެންސީ ބޮޑީގެ ވެރިޔާގެ މަގާމުން ޖޫން މަހު ސާރާ އިސްތިއުފާ ދެއްވި ފަހުންނެވެ.

ފިލިޕީންސްގެ ކުރީގެ ރައީސް އަދި ސާރާގެ ބައްޕަ ރޮޑްރިގޯ ޑޫޓާޓޭ ފަދައިން ސާރާވެސް ވަނީ ރައީސާއި ރައީސްގެ އަނބިކަނބަލުން އަދި ރޮމޫއަލްޑޭޒްއަށް ވަރަށް ބޮޑަށް ފާޑުކިޔާ ބޭފުޅަކަށް ވެވަޑައިގެންފައެވެ. އެކަމަނާ ވަނީ ކޮރަޕްޝަނުގެ ތުހުމަތު ރައީސަށް ކުރައްވައި، ސިޔާސީ ގޮތުން އެކަމަނާގެ އާއިލާއާއި ގާތް އެކުވެރިންނަށް އަނިޔާކުރާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

ޑުޓާޓޭ ފިލިޕީންސްގައި ރައީސްކަން ކުރެއްވީ 2016އިން 2022އަށެވެ.

comment ކޮމެންޓް