ފިލިޕީންސްގައި ޑުރަގާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅި ކުރީގެ ރައީސް ޑުޓާޓޭ ހައްޔަރުކޮށްފި

ފިލިޕީންސްގެ ކުރީގެ ބޮޑުވަޒީރު ރޮޑްރިގޯ ޑުޓާޓޭ. ފޮޓޯ/އޭޕީ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ (އައިސީސީ)ގެ އަމުރަކަށް ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށްފިއެވެ.

ފިލިޕީންސްގެ ސަރުކާރުން ބުނީ ބައިނަލްއަގްވާމީ ފުލުހުންގެ އިދާރާ، އިންޓަޕޯލް މެދުވެރިކޮށް އައިސީސީގެ އަމުރުގެ ދަށުން ޑުޓާޓޭ ހައްޔަރުކުރީ ގައުމުން ބޭރުގައި ހުންނެވުމަށްފަހު ފިލިޕީންސްއަށް ވަޑައިގަތުމާއެކު ވެރިރަށް މެނީލާ އެއާޕޯޓުން ކަމަށެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ހިންގުމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޑުޓާޓޭ މިހާރު ހުންނެވީ ކަމާބެހޭ ފަރާތްތަކުގެ ބެލެމުގެ ދަށުގައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑުޓާޓޭއަށް އެ ދައުވާ ކުރީ އޭނާގެ ވެރިކަމުގައި ފިލިޕީންސްގައި 'މަސްތުވަތާކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ' ކަމަށް ވިދާޅުވެ ސިފައިންނާއި ފުލުހުންނާއެކު ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކާ ގުޅިގެންނެވެ.

އެ އޮޕަރޭޝަންތަކުގައި ދިން ހަމަލާތަކުގައި 7،000އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ފިލިޕީންސްގެ ސަރުކާރުން ލަފާކުރެއެވެ. އޭގެތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނަނީ އެ އަދަދު އެއަށްވުރެ އެތައް ހާހެއް އިތުރުވާނެ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު)އިން ނެރުނު ބަޔާނެއްގައި ވަނީ ޑުޓާޓޭ ހައްޔަރު ކުރުމަކީ ޖަވާބުދާރީވުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސިފަކޮށްފައެވެ.

ނަމަވެސް ޑޫޓާޓޭ ވަނީ އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް