ފިލިޕީންސްގެ ހެލިކޮޕްޓަރެއް ވެއްޓި ޕައިލެޓް މަރުވެއްޖެ

ހަތަރު ސީޓުގެ ހެލިކޮޕްޓަރު ފިލިޕީންސްގެ މެނީލާއިން ފުރައިގެން ދަނީ. އެ ހެލިކޮޕްޓަރު ވަނީ ޗަސް ބިމަކަށް ވެއްޓިފައި -- ފޮޓޯ/ރޮއިޓާސް

ފިލިޕީންސްގެ އުތުރުގެ ޕްރޮވިންސެއްގައި ހެލިކޮޕްޓަރެއް ވެއްޓި ޕައިލެޓް މަރުވެއްޖެއެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ވެރިރަށް މެނީލާއިން ފުރައިގެން އުތުރުގެ ފަރުބަދަމަތީ ރިސޯޓު ސިޓީއެއް ކަމަށްވާ ބާގިއޯއަށް ފަސިންޖަރަކު ބޭލުމަށް ފަހު އެނބުރި މެނީލާއަށް ދިޔަ މަގުމަތީގައި ކަމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

އެ ހެލިކޮޕްޓަރުން ދަތުރުކުރީ ހަމައެކަނި ޕައިލެޓެވެ. އެއީ، އެތެރޭގެ ދަތުރުތައް ކުރާ ހަތަރު ސީޓުގެ ކުޑަ ހެލިކޮޕްޓަރެއް ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބާގިއޯ ފުރައިގެން މެނީލާއަށް ދިޔަ މަގުމަތީގައި ތެޔޮ އެޅުމަށް އެ ސިޓީއާ ކައިރީގައި އޮންނަ ޕަންގަސިނާން ޕްރޮވިންސްގެ ބިނަލޮނަން އެއާޕޯޓަށް ޖެއްސި ކަމަށާއި އެ ތަނުން ފުރަން އުޅުނު ވަގުތު ހެލިކޮޕްޓަރުގެ އިންޖީނަށް މައްސަލައެއް ދިމާވިކަން ފާހަގަކުރެވުނު ކަމަށް ބިނަލޯނާން އެއާޕޯޓުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް، ހެލިކޮޕްޓަރު ފުރި ފަހުން ޕަންގަސިނާންގެ އިރުދެކުނު ސަރަހައްދުގައި އޮންނަ ނޫއެވާ އެސިޖާ ޕްރޮވިންސްގެ ގުއިމްބާ ޓައުންގެ ޗަސްބިން ސަރަހައްދަކަށް ވެއްޓިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލުން ބުނެފައިވެއެވެ. ޕައިލެޓުގެ ހަށިގަނޑު ނަގާފައިވަނީ އެ ސަރަހައްދުން ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ބޯޓު ވެއްޓުނު ސަބަބު އޭވިއޭޝަން އޮތޯރިޓީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފިލިޕީންސަކީ ފަހަކަށް އައިސް ކުދި މަތިންދާބޯޓުތައް ވެއްޓުމުގެ ހާދިސާތައް ގިނައިން ހިނގާފައިވާ ގައުމެކެވެ.

comment ކޮމެންޓް