ގިނަ ތަޖުރިބާތަކަކާއެކު ފުއާދު އީސީގެ ދައުރު ހަމަކުރައްވައިފި

އީސީގެ ރައީސް ފުއާދު ތައުފީގު: ފުއާދުގެ ދައުރު މިއަދަށް ވަނީ ހަމަވެފައި-- ސަން ފޮޓޯ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު މިއަދަށް ހަމަވެއްޖެއެވެ.

އީސީގެ ގަވާއިދު ބުނާގޮތުން ދެ ދައުރަށް ވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރު ކަމުގައި ނުހުންނެވޭނެއެވެ. އެހެންކަމުން މިއަދު ދައުރު ހަމަވުމާ އެކު ފުއާދު ޖެހިވަޑައިގަތީ އެ ކޮމިޝަންގެ ވަޒީފާއިން ވަކިވެވަޑައިގަންނަވާށެވެ.

ނަވާރަސަތޭކަ ހަތް ދިހަ އަށްވަނަ އަހަރުން ފެށިގެން އެކިއެކި އިންތިޚާބުތައް ބޭއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވެލައްވަމުން އަންނަ ފުއާދު އީސީގެ މެންބަރު ކަމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ އާ ގާނޫނޫއަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި ކޮމިޝަނަށް 2008 ވަނަ އަހަރެވެ. ފުއާދަކީ އޭރު ރާއްޖޭގައި ހިންގަމުން ދިޔަ ހުރިހާ ސިޔާސީ ޕާޓީއަކުން ރުހިގެން އެފަހަރު ކޮމިޝަނަށް އައްޔަން ކުރެއްވި މެންބަރެކެވެ.

ޕީއެންއެފް އުފެއްދުމަށް އީސީން ހުއްދަ ދިނުން -- ފޮޓޯ/ އަހުމަދު އިޔާދު

ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ބަލާއިރު ފުއާދަކީ އެންމެ މަގުބޫލު ބޭފުޅާއެވެ. އޭނާއަކީ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯއްދަވާފައިވާ ބޭފުޅެކެވެ.

ފުއާދު މިއަދު "ސަން" އަށް ވިދާޅުވިގޮތުގައި ދެ ފަހަރެއްގެ މަތިން ޖުމުލަ ދެ ދައުރު އީސީގައި ހޭދަ ކުރެވުނުއިރު ކުރެއްވުނު މަސައްކަތްތަކާމެދު ވަރަށް ހިތްހަމަ ޖެހިލައްވައެވެ. އެގޮތުން މިނިވަން އިންސާފުވެރި އިންތިޚާބުތަކެއް ރާއްޖޭގައި ބޭއްވުމަށް އީސީއަށް ގެނެވުނު ބަދަލުތަކާމެދު ވަރަށް ހިތްހަމަ ޖެހިލައްވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އެކޮމިޝަނުން ދޭ ޚިދުމަތްތައް ޒަމާނީ ފެންވަރެއްގައި ދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވައި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ކަރުދާސް ދޫކޮށްލާފައި އޮންލައިންކޮށް ގިނަ ޚިދުމަތްތަކެއް ދޭން ފެށިއްޖެ. ގޭގައި ތިބެ ފޯމް ފުރައިގެން މިހާރު ޚިދުމަތް ހޯދޭނެ," ފުއާދު ވިދާޅުވިއެވެ.

ސަރުކާރަށް ޚިދުމަތް ކުރައްވާތާ 35 އަހަރު ވެފައިވާ ފުއާދު ވިދާޅުވިގޮތުގައި އީސީގެ މެންބަރެއްގެ ގޮތުގައި ހޭދަ ކުރެއްވި 10 އަހަރު ދުވަހުގެ ތެރޭގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އޭގެ ތެރޭގައި 2008 ވަނަ އަހަރު ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކަކުން ވާދަކޮށްގެން ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓާސްލިސްޓް ތައްޔާރު ކުރުމަށް ދިމާވި ގޮންޖެހުންތައް ފުއާދު ފާހަގަކުރެއްވިއެވެ. އޭރު އެއް ރަށަށް ވުރެން ގިނަ ރަށުގައި ރަޖިސްޓްރީ ވެފައިވާ ގިނަ ބަޔަކު ތިބުމާއެކު ކޮންމެ ރައްޔިތަކީ ވަކި ރަށެއްގައި ރަޖިސްޓްރީ ވެފައިވާ އެއް އައިޑީ ކާޑް ގެންގުޅޭ މީހަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

ހަމައެއާއެކު 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން ދިމާވި ގޮންޖެހުންތައް ވެސް ފުއާދު ފާހަގަ ކުރެއްވިއެވެ. އެ ފަހަރުގެ އިންތިޚާބު ފަހުން ބާއްވާފައިވަނީ ސުޕްރީމް ކޯޓާއި ސަލާމަތީ ބާރުތަކުން ވަރަށް ބޮޑަށް އިންތިޚާބުގެ ކަންކަން ބަލަހައްޓައިގެންނެވެ.

ރިޔާސީ އިންތިޚާބަށް ފަހު, ސުމޯޓޯ ނުވަތަ އަމިއްލައަށް އިސްނަގައިގެން ފުއާދުގެ މައްސަލައެއް ސުޕްރީމް ކޯޓުން ބެލިއެވެ. އެއަށް ފަހު 2014 ވަނަ އަހަރުގެ މާޗް ނުވަވަނަ ދުވަހު ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ފުއާދުގެ މައްޗަށް ޖަލު ހުކުމެއް އިއްވިއެވެ. ފުއާދުގެ މައްޗަށް އިއްވާފައިވަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާ ޖަލަށްލާން ހުކުމް ކުރި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ތަންފީޒުކުރުން ތިން އަހަރަށް ފަސްކޮށްފައެވެ. އެ ހުކުމުގައިވާ ގޮތުން ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފި ނަމަ ތިން އަހަރު ހަމަވުމުން ހުކުމް ތަންފީޒުކޮށް ނިމުނީއެވެ.

ފުއާދުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ 3,000 މީހުން ހަމަނުވާ ޕާޓީތައް އުވައިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ގޮންޖައްސަވައި އެކަމާ ބެހޭ ގޮތުން ކޯޓުން ނެރެފައިވާ އަމުރުތަކަށް އިހާނާތްތެރިވެ، މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ އިޖުރާއަތުތަކާއި އިހުތިސާސްތަކާ ދެކޮޅަށް އިހާނާތްތެރިކޮށް ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ފުއާދު ވާހަކަދައްކާފައިވާ ކަމަށް ބުނެއެވެ.

ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ވެސް އޭނާއަށް ގެއްލިފައިވާ ކަމަށް ހުކުމް ކޮށްފައެވެ.

އޭރު ދިމާވި ކަންކަމުގެ ސަބަބުން އަމިއްލަފުޅަށް އަރުވާލެއްވިގެން ފުއާދު 2014 އިން 2018 އަށް ދިރިއުޅުއްވީ އަވަށްޓެރި ސްރީލަންކާގައެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން އީސީގެ މެންބަރުކަމަށް އަނެއްކާވެސް ކުރިމަތިލައްވައި މަގާމު ހޯއްދެވީ 2019 ވަނަ އަހަރެވެ. އެ ފަހަރު ފުއާދު އާއްމު މެންބަރެއްގެ ގޮތުގައި އީސީއަށް ވަޑައިގެންނެވި ނަމަވެސް އޭރު އެކޮމިޝަންގެ ރައީސަކަށް ހުންނެވި އަޙްމަދު ޝަރީފް ފަހުން އިސްތިއުފާ ދެއްވުމުން 2021 ވަނަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހު ފުއާދު އަނެއްކާ ވެސް އީސީގެ ރައީސަކަށް އައްޔަން ކުރެއްވީއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ވެރިކަމުގައި އެމްޑީޕީ ދެބައިވެ އުފެދުނު ޑިމޮކްރެޓްސް، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިނުމާމެދު މިހާރުގެ އީސީގެ މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކީ ވެސް ފުއާދަށް ގޮންޖެހުންތައް ކުރިމަތިވި ކަމެކެވެ. ގާނޫނުގައި ބުނާ ކަންކަން ޑިމޮކްރެޓްސްއިން ފުރިހަމަ ކުރުމުން ފުއާދު ބޭނުންފުޅުވީ އެ ޕާޓީ ރަޖިސްޓްރީ ކޮށްދިނުމަށެވެ. ނަމަވެސް އީސީގެ ބައެއް މެންބަރުން ބޭނުންފުޅުވީ ބައެއް ކަންކަން އިތުރަށް ބެއްލެވުމަށެވެ.

އެއާއެކު އުފެދުނު ދެބަސްވުންތަކާއެކު އީސީގެ ތިން މެންބަރަކު ފުއާދަށް ކަންކަމުގައި އެއްބާރުލުން ނުދޭން ފެށިއެވެ. އޭރު 2023ގެ ރިޔާސީ އިންތިޚާބަށް ކުޑަތަން ވަމުން ދިއުމާއެކު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށް ފުއާދު ވިދާޅުވިއެވެ.

އީސީގެ ދައުރު މިއަދު ހަމަވާއިރު ފުއާދުގެ އެންމެ ބޮޑު އެދިވަޑައިގަތުމަކީ ދެން އެ ކޮމިޝަނާ ހަވާލުވެލައްވާ ބޭފުޅުން މިހާރު އެކޮމިޝަންގެ މިސްރާބު ހުރި މަގަށް ކަންކަން ކޮށްދެއްވުމަށެވެ.

"އަޅުގަނޑުގެ އެދުމަކީ ތެދުވެރިކަމާއެކު ޚިދުމަތް ކޮށްދެއްވާށޭ. ގައުމާއެކު ކުރިއަށް ދާށޭ. ކުރިން ކުރި ކަންކަން ގޯސްކޮށްފައި އެ ހުރިހާ ކަމެއް ދޫކޮށްލާފައި އަލުން ކަންކަން ފަށާ އުސޫލެއް މި ގައުމުގައި އެބައޮބޭ. އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. ގޯސްކަމެއް ވެއްޖެ ނަމަ ދޫކޮށްލަން ވާނެ. އެކަމަކު ހުރިހާ ކަމެއް އަލުން ފަށަންވީމަ އެކަން ކުރެވެނީ އެންމެ ރަނގަޅަކަށް ނޫން," ފުއާދު ވިދާޅުވިއެވެ.

ދެން ޚިދުމަތުގެ ގޮތުން ފެނިވަޑައިގަންނަވާނީ ކޮން ދާއިރާއަކުންތޯ ސުވާލު ކުރުމުން ފުއާދު ވިދާޅުވީ ހާރިޖީ ދާއިރާގެ މަގާމަކުން ފެނިވަޑައިގެންނަވާނެ ކަމަށެވެ. ފުއާދަކީ މީގެ ކުރިން ފޮރިން މިނިސްޓްރީ އާއި ސާކްގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް