އާޚިރަތް ހޯދަން މަސައްކަތްކުރަނީ ވަރަށް މަދު ބަޔަކު؛ ޣީބަބުނުމާއި އަބުރު ކަތިލުމުން ދުރުހެލިވޭ: ޚުތުބާ

ހުކުރު ނަމާދުގެ ތެރެއިން: އާޚިރަތް ހޯދަން މަސައްކަތްކުރަނީ ވަރަށް މަދު ބައެއް ކަމަށާއި ޣީބަބުނުމާއި އަބުރު ކަތިލުމުން ދުރުހެލިވާން މިއަދުގެ ޚުތުބާގައި ވަނީ ގޮވާލާފައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އާޚިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބައެއް ކަމަށާއި، މިއަދު ފެންނަނީ އިސްލާމްދީން ދަސްކޮށްދީފައިވާ ގޮތާ ޚިލާފަށް އެކަކު އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަބުނެ، ފުރައްސާރަކޮށް، އަބުރު ކަތިލާ މަންޒަރު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ގިޔާމަތް ދުވަސް"، މި މައުޞޫއުގެ މައްޗަށެވެ.

އާޚިރަތް ދުވަހަކީ ދުންޔަވީ ހަޔާތް ނިމޭ ދުވަހެވެ. އެ ދުވަސް އަންނާނެ ވަގުތެއް މާތްﷲ ފިޔަވައި އެއްވެސްފަރާތަކަށް އެނގިގެނެއް ނުވެއެވެ. އެ ދުވަހަކީ އުޑުތަކާއި ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެން ގޮސް، އެއްވެސް ތަރުޖަމާނަކާ ނުލައި މާތްﷲ ކޮންމެ މީހަކާ މެދު ބަސް ވަހީކުރައްވާނެ ދުވަހެވެ. އެއީ، 50،000 އަހަރާ އެއްވަރުގެ ދިގު ދުވަހެކެވެ.

މިއަދުގެ ޚުތުބާގައި އެ ދުވަހާ ގުޅިގެން ބުނީ، ތިމާ ލޯބިވާ އެންމެތަކުންނާއި، އެއްކޮށްފައިވާހައި ތަކެއްޗެއް ދޫކޮށް، މަރުވެގެން ދާން ޖެހޭނެކަމަށެވެ. އެ ކަމުން ފިލައިގެން ދެވޭނޭ ހަމަ އެކަކު ވެސް ނުހުންނާނެ ކަމަށާއި އާޚިރަތަށްޓަކައި ދުނިޔޭގައި އުޅޭ ބަޔަކުކަމުގައި އަހަރެމެން ވާންޖެހޭނެ ކަމަށެވެ. ނަމަވެސް، އާޚިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބައެއްކަން ފާހަގަކޮށް ޚުތުބާގައި ވަނީ މާއްދިއްޔަތަށް ގޮސް ހުސްވެ، ދުނިޔެ ހޯދުމުގައި އުޅެނިކޮށް، އެ ބަޔެއްގެ އަޖަލާ ބައްދަލުކުރަނީ ކިތައް މީހުންކަމާމެދު ސުވާލުއުފައްދާފައެވެ.

މާތްﷲގެ ގުދުރަތްތެރިކަން އެކަލާނގެ އަޅުތަކުންގެ މައްޗަށް ޝާމިލުވެގެންވާ ކަމަށާއި ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް މީހަކު ދުނިޔެ ދޫކޮށްފައި ވިޔަސް އެކަލާނގެ އެމީހަކު މަޙްޝަރުކުރައްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

"ޖައްވުގައި ވިޔަސް، ފުން ބިންގަރާހެއްގެ އެންމެ އަޑީގައި ވިޔަސް، ވަލު ޖަނަވާރެއްގެ ބަނޑުގައި ވިޔަސް، އަދި މި ނޫން ގޮތަކަށް ވިޔަސް، ގިޔާމަތްދުވަހު އެންމެން އެއްތަންކުރެއްވުމަކީ އެކަލާނގެއަށް ދާދި ފަސޭހަކަމެއް. އެ ދުވަހުން އުފާވެރިކަންހުރީ ހެޔޮ އަމަލުކޮށްއުޅުނު މީހާއަށް. މާތް ﷲގެ މަގުން މޫނު އަނބުރައިލި މީހާ އެދުވަހުން ހިތާމަކުރާނެ،" ޚުތުބާގައި ބުންޏެވެ.

މާތް ﷲއަށާއި، އާޚިރަތް ދުވަހަށް ފުރިހަމަ ގޮތުގައި އީމާންވާ ނަމަ، ތިމާ ކުރާ ކޮންމެ ކަމެއްގައިމެ އެކަލާނގެއަށް އިޚްލާސްތެރިވާން މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

"ރަޙިމުގެ ގުޅުމަކުން ނުވަތަ ބައިބޮޑުކަމަކުން މަންފާއެއް ކުރާ ވަރަށްވުރެ ގިޔާމަތް ދުވަހުގެ ބިރުވެރިކަން މާބޮޑު. އިންސާނާ އެންމެ ލޯބިވާ މައިންބަފައިންނާއި، އަނބިދަރީންނާއި، އެއްބަނޑު އެއްބަފާ މީހުން، ގޮތް ހުސްވެފައިވާ ޙާލުގައި ފެނުނަސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ގިޔާމަތް ދުވަސް ސިފަކޮށް ބުނީ، އިސްވެދިޔަ އުންމަތްތަކުގެ މީހުންނާއި ފަހުގެ އުންމަތްތަކުގެ މީހުން މަޙްޝަރު ބިމަށް ޖަމާވެފައި ތިބޭ ހިނދު، އިރު ހުންނާނީ އެ މީހުންނާ މޭލަކަށް ކައިރިކުރެވިފައިކަމަށް ރަސޫލާގެ އަރިހުން ޞައްޙަ ގޮތުގައި ސާބިތުވެގެންވާ ކަމަށެވެ.

ގިޔާމަތް ދުވަސް ދިގުލައިގެން ދިޔުމުގެ ސަބަބުން މީސްތަކުންގެ ހާލު ބޮޑުވެ، ކަރުހިއްކުން އިންތިހާއަށް އިތުރުވެފައި ވަނިކޮށް މާތްﷲ ގެ ރަޙުމަތުން އެކަލާނގެ ނަބިއްޔާއަށް ޙައުޟުކޮޅު ދެއްވާނެ ކަމަށެވެ. އޭގެ ފެން ކިރަށް ވުރެ ހުދުވާނެ ކަމަށާއި މާމުޔަށް ވުރެ ފޮނިވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އެއިން ފެންބުއިމުގެ ނަސީބު ލިބިގެން ދާނީ މާތްﷲއަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާނގެއަށް އިޚްލާސްތެރިކަމާ އެކު އަޅުކަންކޮށް، ނަބިއްޔާއަށް ތަބާވާ މީހުންނަށް އެކަނި ކަމަށް ޚުތުބާގައި ބުންޏެވެ.

މި މުޖުތަމަޢުގައި މިއަދު މިވަނީ އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި، އަޅައިލުމާއި އޯގާތެރިވުންފަދަ ކަންކަން ހިތާމަކުރަންޖެހޭ މިންވަރަށް ދަށްވެފައިކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މިއަދު ފެންނަނީ، އިސްލާމްދީން އަހަރެމެންނަށް ދަސްކޮށްދީފައިވާ ގޮތާ ޚިލާފަށް އެކަކު، އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަބުނެ، އާޑަފުރައްސާރަކޮށް، އޭނާގެ އަބުރު ކަތިލާ މަންޒަރު ކަމަށެވެ.

އަދި، މީސްމީޑިޔާއާއި، ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކޮށްގެން، މާތްﷲ ހަރާމްކުރެއްވި ފަދަ ބޮޑެތި ފާފަތަކަށް އަރައިގަތުމުގައި ބަޔަކު އަވަދިނެތި އުޅޭއިރު، އެ މީހުންނަށް މި ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ހީވެސްނުވާ ކަމަށް ޙުތުބާގައި ބުންޏެވެ.

ޚުތުބާގައި ވަނީ މާތްﷲއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާނަމަ، އެފަދަ ކަންކަމުން ދުރުހެލިވެ، ރައްކާތެރިވާންޖެހޭނެ ކަމަށް ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް