އިޓަލީއާއި އޮސްޓްރޭލިއާ ޑޭވިސް ކަޕްގެ ސެމީއަށް

ސްޕެއިންގެ މަލާގާގައި ކުރިއަށްދާ ޑެވިސް ކަޕް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވިލާތާއި އޮސްޓްރޭލިއާ ޖާގަހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލުން އިޓަލީވިލާތް ޖާގަހޯދީ ކުއާޓާ ފައިނަލުގައި ރޭ އާޖެންޓީނާއާ ބައްދަލުކޮށް ދެ މެޗު އެއް މެޗުން ކުރި ހޯދައިގެންނެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗު އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީއާއި ބައްދަލުކޮށް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ އާޖެންޓީނާގެ ފްރަންސިސްކޯ ސެރުންޑޮލޯއެވެ. ސެރުންޑޮލޯ މެޗުގެ ދެ ސެޓު ކާމިޔާބުކޮށްފައިވަނީ 6-4 އަދި 6-1 އިންނެވެ. ނަމަވެސް، ދެވަނަ މެޗު ވެގެންދިޔައީ މި ކުއާޓާ ފައިނަލް އިޓަލީވިލާތު ކޮޅަށް އަނެއްކާ ވެސް ބަދަލުވެގެންދިޔަ ސަބަބަކަށެވެ.

އިޓަލީވިލާތުގެ ފަރާތުން ދުނިޔޭގައި އެއްވަނައަށް ރޭންކްކުރެވިފައިވާ ޔަނިކް ސިނާއާއި އާޖެންޓީނާގެ ސެބަސްޓިއަން ބައޭޒް ބައްދަލުކުރި މެޗުގެ ފުރަތަމަ ގޭމްގައި ސިނާގެ ފަރާތުން ކޮންމެ ވެސް ވަރަކަށް ގޯސް ހެދެމުންދިޔަ ތަން ފެނިގެން ދިޔަ ނަމަވެސް ދެވަނަ ގޭމާ ހިސާބުން އޭނާވަނީ ހަމައަކަށް އެޅިފައެވެ. މެޗުގައި ސިނާ ފެނިގެންދިޔައީ ބައޭޒްއާ ބަލާއިރު ތަފާތު ބޮޑުކޮށް މޮޅުކޮށެވެ. މެޗުގެ ދެ ސެޓު ސިނާ ކާމިޔާބުކޮށްފައިވަނީ 6-2 އަދި 6-1 އިންނެވެ.

މި ކާމިޔާބީއާ އެކު އެއް މެޗު އެއް މެޗުން އެއްވަރުވުމުން ނަތީޖާ ނެރުމަށްޓަކައި ޑަބަލްސް މެޗަކަށް ދާން ޖެހުނެވެ. ޑަބަލްސްގައި އެންމެ ފުރަތަމަ އިޓަލީވިލާތުގެ ފަރާތުން ސިމޯން ބޮލެލީއާއި އަންޑްރިއާ ވަވަސޯރީ ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް އެންމެ ފަހު ވަގުތު އިޓަލީ ޓީމުގެ ކެޕްޓަން ފިލީޕޯ ވޮލަންޑްރީ ވަނީ އެ މެޗުގައި އިޓަލީ ޓީމު ތަމުސީލުކުރުމަށް ސިނާއާއި މެޓިއޯ ބެރެޓީނީ ހަމަޖައްސާފައެވެ. މި ދެކުޅުންތެރިން އާޖެންޓީނާގެ އަންޑްރޭސް މޯލްޓެނީއާއި މެކްސިމޯ ގޮންޒާލޭސްއާ ބައްދަލުކޮށް ކުރި ހޯދާފައިވަނީ 6-4 އަދި 7-5 އިންނެވެ.

އޭޓީޕީ ފައިނަލްސް މިދިޔަ އާދިއްތަ ދުވަހު ކާމިޔާބުކުރުމަށް ފަހު އިޓަލީވިލާތުގެ ޓީމާ ގުޅުމަށް ސިނާ ސްޕެއިންއަށް ދަތުރުކޮށްފައިވަނީ އަންގާރަ ދުވަހެވެ.

އިޓަލީވިލާތުގެ ކޯޗު ވޮލަންޑްރީ ބުނީ، ސިނާ ސިންގަލްސް މެޗަށް އަރާފައިވަނީ މި ކޯޓުގައި ޕްރެކްޓިސް ވެސް ނުކޮށް ކަމަށާއި ނަމަވެސް މެޗު ފެށިތާ ތިން މިނެޓްގެ ތެރޭގައި އޭނާ ކޯޓަށް ހޭނިއްޖެ ކަމަށެވެ.

މި ކާމިޔާބީއާ އެކު އިޓަލީވިލާތް މިވަނީ މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އިޓަލީވިލާތުން މަސައްކަތް ކުރަމުންދަނީ ޑޭވިސް ކަޕް ޖެހިޖެހިގެން ދެ ފަހަރު ކާމިޔާބުކުރާ ހަވަނަ ޓީމަށް މި ފަހަރު ވެވޭތޯއެވެ. އެންމެ ފަހުން ޖެހިޖެހިގެން ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2013 ވަނަ އަހަރު ޗެކް ރިޕަބްލިކުންނެވެ.

މުބާރާތުގެ ސެމީފައިނަލްގައި އިޓަލީވިލާތާ ބައްދަލުކުރާ އޮސްޓްރޭލިއާއިން ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި އެމެރިކާއާ ބައްދަލުކޮށް ދެ މެޗު އެއް މެޗުން ކުރި ހޯދައިގެންވެ.

މި ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާގެ ތަނާސީ ކޮކިނާކިސް ވަނީ ދެ ސެޓް އެއް ސެޓުން އެމެރިކާގެ ބެން ޝެލްޓަން ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު ވަރަށް ފަސޭހަކަމާ އެކު ކޮކިނާކިސް ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓު ޝެލްޓަންވަނީ 4-6 އިން ކާމިޔާބުކޮށް ތިންވަނަ ސެޓަކަށް މެޗު ގެންގޮސްފައެވެ. ވަރަށް ފޯރިގަދަ އަދި އެހާމެ ވާދަވެރި ތިންވަނަ ސެޓުގައި ޓައި ބްރޭކަކަށް ގޮސް 16-14 އިން ކާމިޔާބުކޮށްފައިވަނީ ކޮކިނާކިސްއެވެ.

މި ކުއާޓާގެ ދެވަނަ މެޗުގައި ދުނިޔޭގައި ހަތަރުވަނައަށް މިހާރު ރޭންކްކުރެވިފައިވާ އެމެރިކާގެ ޓޭލާ ފްރިޓްޒް ވަނީ އެލެކްސް ޑި މިނޯއާއި ބައްދަލުކުރި މެޗު 6-3 އަދި 6-4 އިން ކާމިޔާބުކޮށް، އެމެރިކާއަށް ހިތްވަރު އާކޮށްދީފައެވެ. ނަމަވެސް، ޑަބަލްސް މެޗުން އޮސްޓްރޭލިއާއިން ކުރި ހޯދައި ވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ޑަބަލްސް މެޗުގައި އޮސްޓްރޭލިއާގެ މެތިއު އެބްޑަންއާއި ޖޯޑަން ތޮމްޕްސަން ވަނީ އެމެރިކާގެ ޝެލްޓަންއާއި ޓޮމީ ޕޯލް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ.

comment ކޮމެންޓް